ނޫސް މަޖައްލާ ރަޖިސްޓްރީ ކުރުމުގެ ގަވައިދު އާންމުކޮށްފި

ނޫސްވެރިންގެ އަގު ވަޒަންކުރުމުގެ ގޮތުން މޯލްޑިވްސް މީޑިއާ ކައުންސިލުން ދޭ ނޫސްވެރިކަމުގެ އެވޯޑް މިދިޔަ އަހަރު ލިބުނު ފަރާތްތައް --- ސަން ފޮޓޯ: މުހައްމަދު އަފްރާހު

ނޫސް މަޖައްލާއާއި އެފަދަ ތަކެތި ރަޖިސްޓްރީ ކުރުމުގެ ގަވައިދު އާންމުކޮށްފިއެވެ.

މިނިސްޓްރީ އޮފް ހޯމް އެފެއާޒުން މިއަދު ގެޒެޓް ކޮށްފައިވާ "ނޫސް މަޖައްލާ އާއި މިނޫންވެސް މިފަދަ ތަކެތި ރަޖިސްޓްރީ ކުރުމުގެ ގަވައިދު" އެކުލަވާލާފައިވަނީ ގާނޫނު ނަމްބަރު 47/78 "ނޫސް މަޖައްލާ ފަދަ ތަކެތީގެ ގާނޫނު" ގެ ދަށުންނެވެ.

މިއީ ނޫސް މަޖައްލާ އާއި އެނޫންވެސް ތަކެތި ޝާއިއު ކުރުމުގެ ހަމަތައް ބަޔާންކޮށްދިނުމަށް އެކުލަވާލާފައިވާ ގަވައިދެކެވެ. މި ގަވައިދަށް އަމަލު ކުރާނީ މިއަދުން ފެށިގެންނެވެ.

އާ ގަވައިދު އާންމު ކުރުމާއެކު ކުރިން އަމަލުކުރަމުންދިޔަ "ނޫސް މަޖައްލާ ފަދަ ތަކެތި ޝާއިއު ކުރުމާ ބެހޭ ގަވައިދު" އުވުނީ ކަމަށް ހޯމް މިނިސްޓްރީ އިން ބުނެއެވެ.

ގަަވައިދު ބުނާގޮތުން އެއްވެސް ވަސީލަތެއް މެދުވެރިކޮށް ނޫސް މަޖައްލާ އާއި އެފަދަ ތަކެތި ޝާއިއު ކުރަންވާނީ މިނިސްޓްރީގައި ރަޖިސްޓްރީ ކޮށްގެންނެވެ. ނޫސް މަޖައްލާ ޝާއިއު ކުރުމަށް ކަނޑައަޅާ އިދާރާގައި އެ ނޫހެއްގެ ނަން ދިވެހި ބަހުން އާންމުކޮށް ފެންނަން ހުންނަންވާނެ ކަމަށް އެ ގަވައިދު ބުނެއެވެ.

ނޫސް މަޖައްލާއަށް ކިޔާ ނަން ރަޖިސްޓްރީ ކުރަން ހުށަހަޅާއިރު އެ ހުށަހަޅާ ނަމަކީ ރާއްޖޭގައި މިހާރު ރަޖިސްޓްރީ ކޮށްފައިވާ ނޫނީ ރަޖިސްޓްރީ ކުރަން ހުށަހަޅާފައިވާ ނޫސް މަޖައްލާއަކަށް ކިޔާ ނަމެއް ކަމަށް ވެގެން ނުވާނެ ކަމަށާއި އަދި ރާއްޖެއިން ބޭރުގައި މިހާރު ނެރޭ ނޫނީ ނެރެފައިވާ ނޫސް މަޖައްލާއަކަށް ކިޔާ ނަމަކަށް ވެސް ވެގެން ނުވާނެ ކަމަށް އާ ގަވައިދު ބުނެއެވެ.

ރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ ކުންފުންޏެއް ނޫނީ ގޯއްޗަކަށް ކިޔާނަމެއް ނޫސް މަޖައްލާއެއް ނޫނީ އެފަދަ އެހެން އެއްޗެއްގެ ނަމެއްގެ ގޮތުގައި ރަޖިސްޓްރީ ކޮށްދޭނީ ހަމައެކަނި އެ ކުންފުންޏެއް ނޫނީ ގެއެއްގެ ވެރިފަރާތަށް ކަމަށްވެސް ގަވައިދު ބުނެއެވެ.

ނޫސް މަޖައްލާ ރަޖިސްޓްރީ ކޮށްދޭނީ ގަވައިދުގައި ބަޔާންކޮށްފައިވާ ހަތް ކެޓަގަރީގެ ތެރެއިން ކެޓަގަރީއަކަށް ފެތޭނަމައެވެ. އެއީ ދުވަހު ނޫސް، ހަފްތާ ނޫސް، މަޖައްލާ، ޖާނަލް، ކޮމިކް، ބްލޮގް އަދި އޮންލައިން ނޫސް މަޖައްލާ އަދި މިނޫންވެސް މިފަދަ ތަކެއްޗެވެ.

ނޫސް މަޖައްލާތަކުގެ މަސްއޫލު ވެރިންނާއި އެޑިޓަރުންގެ ގޮތުގައި ރަޖިސްޓްރީކޮށްދޭނީ އުމުރުން 25 އަހަރު ފުރިފައިވާ މީހުންނެވެ.

އިސްލާމް ދީނާ ހިލާފު ވަހަކައެއް އަދި މަންޒަރެއްވެސް ނޫސް މަޖައްލާގައި ޝާއިއު ނުކުރެވޭނެ ކަމަށާއި ޝާއިއު ކުރާ ވާހަކަތަކަކީ ދީނީ ގޮތުން އަދި ރާއްޖޭގެ ގާނޫނުތަކާއި ގަވައިދުތަކަށް ފެތޭ ވާހަކަތަކަށް ވާންޖެހޭނެ ކަމަށް ގަވައިދު ބުނެއެވެ.

އަދި ރާއްޖެއާއެކު ގުޅުން ބާއްވާ ބޭރުގެ ގައުމަކާ ރާއްޖެ އާ ދެމެދު އޮންނަ ގުޅުމަށް ބުރޫ އަރާނެ އެއްވެސް ވާހަކައެއް ޝާއިއު ކޮށްގެން ނުވާނެ ކަމަށްވެސް އެ ގަވައިދު ބުނެެއެވެ.

comment ކޮމެންޓް