ރިޔާސީ އިންތިހާބުގައި ރައީސް ޔާމީނަށް ތާއީދުކުރަން ޑީއާރުޕީން ނިންމައިފި

ޖެނުއަރީ 29، 2018: ޕީޕީއެމްގެ ރުމާލު 2 ޖަގަހައިގައި ބޭއްވި ޖަލްސާގެ ޑީއާރްޕީގެ ވަގުތީ ލީޑަރު ކާނަލް ނަޝީދު ވާހަކަ ދައްކަވަނީ-- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް ތާއިދު ކުރަން ނިންމާފައިވާ ކަމަށް ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރްޕީ) އިން ބުނެފިއެވެ.

ޕީޕީއެމްގެ ރުމާލު 2 ޖަގަހައިގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ސަރުކާރާ ކޯލިޝަން ހަދާފައިވާ ޑީއާރްޕީގެ ވަގުތީ ލީޑަރު މުހައްމަދު ނަޝީދު (ކާނަލް) ވިދާޅުވީ، އިއްޔެ ބޭއްވި އެ ޕާޓީގެ 185 ވަނަ ކައުންސިލް ޖަލްސާގެ އިއްތިފާގުން، މިއަހަރުގެ ރިޔާސީ ކެންޑިޑޭޓެެއްގެ ގޮތުގައި ރައީސް ޔާމީނަށް ތާއީދު ކުރަން ނިންމާފައިވާ ކަމަށެވެ.

"މިއަދު އަޅުގަނޑުމެންގެ ކެންޑިޑޭޓް ވަރަށް ސާފު. އިއްޔެ ބޭއްވި، ޕާޓީގެ 185 ވަނަ ކައުންސިލް ޖަލްސާގައި މަޝްވަރާ ކުރެވުނު މި އަހަރުގެ ރިޔާސީ އިންތިހާބުގައި ކެންޑިޑޭޓެއް ނެރުމާމެދު. އެ ޖަލްސާގެ އިއްތިފާގުން މި އަަހަރުގެ އަޅުގަނޑުމެންގެ ރިޔާސީ ކެންޑިޑޭޓެއްގެ ގޮތުގައި ރައީސް ޔާމީން ކަނޑައަޅައިފިން،" ނަޝީދު ވިދާޅުވިއެވެ.

ތައިލެންޑުން ރާއްޖެއަށް ކަނޑައަޅާފައިވާ ސަފީރުކަން ވެސް ކުރައްވަމުން އަންނަ ނަޝީދު ވިދާޅުވީ ޑީއާރުޕީ އަކީ ކުޑަ ޕާޓީއެއް ނަމަވެސް ޕާޓީގެ އަމާޒު ވަރަށް ސީދާ ކަމަށެވެ.

"އަޅުގަނޑުމެންގެ މީސްކޮޅު ވަރަށް މަދުވެދާނެ. އަޅުގަނޑުމެންގެ ޕާޓީގައި ތިބީ ފަސް ހާހެއްހާ މީހުން. މި ފަސްހާސް މީހުން އަމާޒު ވަރަށް ސާފު. އަމާޒަކީ ރައީސް ޔާމީން. ޕީޕީއެމް އާ ކޯލިޝަން ހެދު ދުވަހުވެސް އަޅުގަނޑު ވިދާޅުވިން އަޅުގަނޑުމެންގެ ދައުރަކީ ވަރަށް ކުޑަ ދައުރެކޭ. ޑީއާރުޕީގެ ދައުރަކީ ރައީސް ޔާމީނުގެ ލަޝްކަރުގެ އަހުގެ ފައިވާނުގެ މޮހޮރު ހިފަހައްޓައިދިނުން،" ނޮޅިވަރަން ދާއިރާގެ މަޖިލީހުގެ މެމްބަރުކަން ވެސް މީގެ ކުރިން ކުރެއްވި ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވީ 2008 ވަނަ އަހަރާއި 2013 ވަނަ އަހަރު އިދިކޮޅާ ކޯލިޝަނެއް ހަދައިގެން ގޯސްތަކެއް ހެދުނު ކަމަށާއި ނަމަވެސް ބުއްދިވެރިންގެ ގޮތަކީ ކުރެވުނީ ކުށެއް ކަމަށް ގަބޫލުކޮށްގެން އެ ކުށުން އިބުރަތް ލިބިގަނެގެން ކުރިމަގުގައި އެ ކުށް ނުކޮށް ވޭތޯ ބެލުން ކަމަށެވެ.

"މިއަދު އަޅުގަނޑުމެން އެބަޖެހޭ އެއްބައިވަންތަ އެކަތިގަނޑެއްގެ ގޮތުގައި ތެދުވަން. އަޅުގަނޑުމެންގެ ގައުމުގެ ކަންތައްތައް އަޅުގަނޑުމެން އަމިއްލައަށް ނިންމަން. އަޅުގަނޑުމެންގެ އަމިއްލަ ކަންތައްތަކަކީ އަވައްޓެރި ގައުމަކުން ޑިކްޓޭޓް ކުރާ ކަންތައްތަކަކަށް ނުވާން މަސައްކަތް ކުރަން ޖެހޭ." ނަޝީދު ވިދާޅުވިއެވެ.

ނަޝީދު އިތުރަށް ވިދާޅުވީ ޑީއާރްޕީ ބޮޑުކުރަން އަވައްޓެރި ބައެއް ގައުމުތަކުން މާލީ އެހީދޭން އެއްބަސްވެ ހުށައެޅުންތައް އައި ކަމަށާއި ނަމަވެސް ވިސްނުމާއި ފިކުރާއި ގައުމު ވިއްކާލާފައި ޕާޓީ ކޮޅަން ޖަހަން ބޭނުން ނުވާ ކަމަށެވެ.

"އަޅުގަނޑަށް ވުރެ ބޮޑުވާނެ އަޅުގަނޑުމެންގެ ގައުމު. ރައީސް ނަޝީދަށް ވުރެ ރައީސް މައުމޫނަށް ވުރެ އަދި ރައީސް ޔާމީނަށް ވުރެ ވެސް މި ގައުމު ބޮޑުވާނެ. އަޅުގަނޑުމެން ވަކި މީހަކަށް ވުރެ ގައުމު ބޮޑުވާނެކަން އެބަޖެހޭ ގަބޫލު ކުރަން،" ނަޝީދު ވިދާޅުވިއެވެ.

comment ކޮމެންޓް