ދަނޑުވެރިކަމުގެ އިމްޕޯޓް މަދުކުރުމަށްދޭ ލޯނަށް ކުރިމަތިލާން ހުޅުވާލައިފި

އަންހެން ފުށީގައި ދަނޑުވެރިކަން ކުރާ ގަމީރާ----

ދަނޑުވެރިކަމުގެ އިމްޕޯޓް މަދުކުރުމުގެ ޕްރޮގްރާމްގެ ދަށުން ދޫކުރާ ލޯނަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

ފިޝަރީޒް އެންޑް އެގްރިކަލްޗާ މިނިސްޓްރީ އިން މިއަދު ކޮށްފައިވާ އިއުލާނެއްގައި ބުނެފައި ވަނީ އެލޯނު ދޫކުރާނީ ސަރުކާރުން ކަނޑައަޅާފައިވާ "ފަރުދީ ފެންވަރުގައި ދަނޑުވެރިކަމުން ނަފާ ހޯދައި ދިނުން" ސިޔާސަތުގެ ދަށުން މަސައްކަތް ކުރުމަށް ދިގު މުއްދަތަކަށް ފަޅުރަށްތައް ނަގައިގެން ދަނޑުވެރިކަން ކުރާ ފަރާތްތަކަށް ކަމަށެވެ.

އެގޮތުން އާ މަޝްރޫޢުއެއްގެ ގޮތުގައި އެ މަސައްކަތް ކުރަން ޝައުގުވެރިކަން ހުރި ފަރާތްތަކަށް އެ ފުރުސަތު ވަނީ ހުޅުވާލެވިފައިވާ ކަމަށް މިނިސްޓްރީ އިން ބުނެ އެވެ.

ދަނޑުވެރިކަމުގެ އުފެއްދުން އިތުރުކޮށް އިމްޕޯޓް މަދުކުރުމަށް ކަނޑައެޅިފައިވާ ބާވަތްތަކަކީ ބަރަބޯ، ކަރާ، ކިޔުކަންބާ، ފަޅޯ އަދި ފަތްކޭލެވެ.

އެ ލޯނަށް ކުރިމަތިލާ ފަރާތްތަކަކީ މިނިސްޓްރީން ދަނޑުވެރިކަން ކުރުމަށް ދިގުމުއްދަތަކަށް ފަޅުރަށެއް ކުއްޔަށް ނަގާފައިވާ ފަރާތަކަށް ވާން ޖެހޭނެ ކަމަށް އިއުލާނުގައި ބުނެ އެވެ. އަދި ދަނޑުވެރިކަމުގެ މަސައްކަތް ކުރުމަށް ބޭނުންވާ އަސާސީ ވަޞީލަތްތައް (މުވައްޒަފުންގެ އެކަމަޑޭޝަން، ކަރަންޓު، އިންސާނީ ވަސީލަތްތައް) އެ ރަށެއްގައި ގާއިމްކޮށް ނިމިފައިވާ ރަށެއްގައި ދަނޑުވެރިކަން ކުރާ މީހަކަށް ވެސް ވާން ޖެހޭނެ ކަމަށާއި ލޯނު ނަގާ ކްރޮޕްއަކަށް ބޭނުންވާ މިންވަރަށް ބިން ލިބެން ޖެހޭނެ ކަމަށް ވެސް އެ އިއުލާނުގައިވެ އެވެ.

މީގެ އިތުރުން އެ ފަރާތަކީ މޯލްޑިވްސް އިންލެންޑް ރެވެނިޔު އޮތޯރިޓީ (މީރާ) އަށް ދައްކަންޖެހި ނުދައްކާ އެއްވެސް ފައިސާއެއް އޮތް ފަރާތެއް ކަމުގައި ވެގެން ނުވާނެ ކަމަށް އިއުލާނުގައިވެ އެވެ.

އަދި އެ ފަރާތަކީ ބޭންކަކުން ލޯނެއް ނަގާފައިވާ ފަރާތެއް ނަމަ، ގަވާއިދުން ލޯނު އަދާކުރަމުންދާ ފަރާތެއް ކަމުގައި ވާން ޖެހޭނެ ކަމަށާއި ފިޝަރީޒް އެންޑް އެގްރިކަލްޗާ އިން ދަނޑުވެރިކަން ކުރުމަށް ދިގު މުއްދަތަކަށް ނަގާފައިވާ ރަށުގެ އެއްވެސް މައްސަލައެއް ކޯޓް މަރުހަލާގައި އޮވެގެން ނުވާނެ ކަމަށް ވެސް އެ އިއުލާނުގައިވެ އެވެ.

ލޯނަށް ކުރިމަތިލާ ފަރާތްތަކަށް މައުލޫމާތު ދިނުން އަންނަ މަހުގެ ފަސް ވަނަ ދުވަހު އޮންނާނެ އެވެ. ލޯނަށް އެދި ހުށަހެޅުމުގެ ސުންގަނޑި އަކީ ފެބްރުއަރީ 20 ވަނަ ދުވަހެވެ. ލޯނަށް އެދޭ ފަރާތްތަކުން ހުހަޅަން ޖެހޭނީ "އިމްޕޯޓް ސަބްސްޓިޓިއުޓް ޕްރޮގްރާމްގެ ދަށުން ދަނޑުވެރިކަމުގެ މަސައްކަތް ކުރުމަށް ލޯނަށް އެދޭ ފޯމް" އެވެ.

comment ކޮމެންޓް