ބްރެޒިލްގެ ނައިޓްކުލަބަކަށް ދިން ބަޑީގެ ހަމަލާއެއްގައި 14 މީހަކު މަރުވެއްޖެ

ބަޑީގެ ހަމަލާދިން ސަރަހައްދުގައި ފުލުހުންގެ ކާރެއް ---

ބްރެޒިލްގެ އިރުއުތުރުގައި އޮންނަ ސިޓީއެއްގެ ނައިޓްކުލަބަކަށް ބަޔަކު ވަދެ ދިން ބަޑީގެ ހަމަލާއެއްގައި 14 މީހަކު މަރުވެއްޖެ އެވެ.

މީޑިއާ ރިޕޯޓްތައް ބުނާގޮތުން، ފޮރްތަލޭޒާގެ ރަށްބޭރުގައި ހުންނަ އެ ނައިޓްކުލަބަށް އިއްޔެ ބަޑީގެ ހަމަލާތަކެއް ދިނީ ތިން ކާރެއްގައި ދިޔަ ބައެކެވެ.

ބަޑީގެ ހަމަލާތަކުގައި މަރުވި މީހުންގެ ތެރޭގައި ދެ ކުޑަކުދިން ވެސް ހިމެނޭއިރު ހަމަލާތަކުގައި ލިބުނު އަނިޔާތަކަށް ފަރުވާދިނުމަށް ބައެއް މީހުން ވަނީ ހޮސްޕިޓަލަށް ވެސް ގެންގޮސްފައެވެ. އޭގެ ތެރޭގައި 12 އަހަރުގެ ކުއްޖަކު ވެސް ހިމެނެ އެވެ.

ބްރެޒިލްގެ މީޑިއާތަކުން ބުނާ ގޮތުން، ނައިޓްކުލަބަށް ހަމަލާތަކެއް ދިނީ ޑުރަގް ޓްރެފިކިންގައި ޝާމިލުވާ ކުށްވެރިންގެ ގޭންގަކުންނެވެ.

ބްރެޒިލްގެ ސިއެރާ ސްޓޭޓްގެ ސެކިއުރިޓީ ސެކްރެޓަރީ އެންޑްރޭ ކޮސްޓާ ވިދާޅުވީ، އެއީ ދުނިޔޭގެ އެހެން ހިސާބުތަކުގައި ވެސް ހިނގާ ކަހަލަ ހާދިސާއެއް ކަމަށާއި އެކަމާ ހާސްވެ ބިރު ގަތުމުގެ ބޭނުމެއް ނެތް ކަމަށެވެ. އަދި ވިދާޅުވީ، އެކަން ހުއްޓުވުމަށް ފުލުހުންނަށް ކުރެވޭނެ އެއްވެސް ކަމެއް ނޯންނާނެ ކަމަށެވެ.

މިދިޔަ އަހަރު އެކަނިވެސް ސިއެރާގައި ވަނީ 5114 މީހުން މަރާލައިފައެވެ. އެއީ 2016 ވަނަ އަހަރާ އަޅާބަލާއިރު 50 ޕަސެންޓް އިތުރު އަދަދެކެވެ.

comment ކޮމެންޓް