ފުރަތަމަ ހާސްވި ނަމަވެސް ސަޕޯޓަރުންގެ ތަރުހީބާއެކު ހިތްހަމަޖެހުނު: ކުޓީނިއޯ

ރޭގެ މެޗުގައި ކުޓީނިއޯ --- ފޮޓޯ/ އޭޕީ

ބާސެލޯނާ ފަދަ ބޮޑު ކްލަބެއްގެ ޖާޒީގައި ފުރަތަމަ ފަހަރަށް ދަނޑު މައްޗަށް ނުކުންނަން ޖެހުމުން ހާސްވި ނަމަވެސް، ސަޕޯޓަރުންދިން ހޫނު ތަރުހީބާއެކު ހިތްހަމަޖެހުނު ކަމަށް ބާސާ ޖާޒީގައި ރޭ ފުރަތަމަ މެޗު ކުޅުނު ފިލިޕް ކުޓީނިއޯ ބުނެފިއެވެ.

މި ހިނގާ ފިނި މޫސުމުގެ ޓްރާންސްފާ ސީޒަންގައި ލިވަޕޫލް ދޫކޮށް ކުޓީނިއޯ ބާސެލޯނާއަށް ބަދަލުވީ 160 މިލިއަން ޔޫރޯގެ ޓްރާންސްފާއެއްގައެވެ. ރޭގެ މެޗަކީ ބާސާ ޖާޒީގައި ވާދަވެރި މެޗަކަށް ކުޓީނިއޯ ނުކުތް ފުރަތަމަ މެޗެވެ.

ކޮޕާ ޑެލްރޭގެ ކުއާޓާ ފައިނަލް ދެވަނަ ލެގުގައި 2-0 ގެ ނަތީޖާއަކުން އެސްޕަނިއޯލް ބަލިކޮށް ބާސާ ވަނީ ސެމީ ފައިނަލަށް ދަތުރުކޮށްފައެވެ. ރަށުން ބޭރުގައި ކުޅުނު މެޗުން 1-0 އިން ބާސާ ބަލިވި ނަމަވެސް ރޭގެ މެޗުގައި ދެ ގޯލްގެ ތަފާތުން މޮޅުވެ ބާސާ ވަނީ އެގްރިގޭޓް ނަތީޖާއިން ކުރި ހޯދައިފައެވެ.

ކުޓީނިއޯ ބުނެފައިވަނީ ރޭގެ މެޗަކީ ހާއްސަ މެޗެއް ކަމަށެވެ. އަދި ބާސާ ފަދަ ބޮޑު ކްލަބެއްގެ ޖާޒީގައި ފުރަތަމަ މެޗު ކުޅުމަކީ ވަރަށް ބޮޑު ކާމިޔާބީއެއް ކަމަށާއި، ސަޕޯޓަރުންގެ ހޫނު މަރުހަބާއަށް ވަރަށް ބޮޑަށް މަރުހަބާ ކިޔާ ކަމަށްވެސް ކުޓީނިއޯ ބުންޏެވެ.

ކުޓީނިއޯ އިތުރަށް ބުނީ މެޗަށް ނުކުތްއިރު މާޔޫސްކަން ހުރި ނަމަވެސް ސަޕޯޓަރުންގެ އެހީއާއެކު އޭނާއަށް ހަމަޖެހިލާނެ ފުރުސަތު ލިބުނު ކަމަށެވެ.

ރޭގެ މެޗުގައި ބާސާއަށް ގޯލްތައް ކާމިޔާބުކޮށްދިނީ ލުއިޒް ޝުއަރޭޒް އަދި ލިއޮނަލް މެސީއެވެ.

ބާސާއިން ލަލީގާގައި އަންނަ އާދީއްތަ ދުވަހު ޑެޕޮޓީވޯ ލަކަރޫނިއާއާ ދެކޮޅަށް ކުޅޭ މެޗުގެ ފުރަތަމަ 11 ގައި ކުޓީނިއޯ ހިމެނޭނެ ކަމަށް ބެލެވެއެވެ.

comment ކޮމެންޓް