ޔޫރަޕްގެ ގައުމުތައް، އެމެރިކާއާ ނުލައި އުޅެން، ދަސްކުރަން ވެއްޖެ: ނިއުސްވީކް

އެމެރިކާގެ ބާރާއި ނުފޫޒު ދުނިޔޭން ކުޑަވަމުންދިޔުމާއެކު ރައީސް ޑޮނަލްޑް ޓްރަމްޕްގެ ވެރިކަމުގައި ޓްރާންސް އެޓްލާންޓިކް ގުޅުންތައް ރޫޅެމުން ދިޔުމުގެ ސަބަބުން އެމެރިކާ ބައިވެރިއަކަށް ނުހަދައި އެމެރިކާއާ ވަކިން އުޅެން ޔޫރަޕްގެ ގައުމުތައް ދަސްކުރަން ވެއްޖެކަމަށް ޔޫރަޕްގެ ފުންނާބު އުސް ލިޔުންތެރިއެއް ކަމަށްވާ ލިސާ ޓޭން ބްރިންކް ވިދާޅުވެއްޖެއެވެ.

ބައިނަލްއަގްވާމީ ސްޓްރެޓީޖިކް ގުޅުންތަކާބެހޭ ތަޖުރިބާކާރު ލިޔުންތެރިއެއްކަމަށްވާ ނިއުސްވީކް ގައި ލިޔުއްވާފައިވާ މަޒްމޫނެއް ބުނާގޮތުން އެމެރިކާވަނީ ހަރުކަށިކަން ކުރިޔަށްނެރެ އަމިއްލަ ނަސްފަށް އިސްކަން ދިނުމާއި އެކަހެރިވެގަތުމުގެ ސިޔާސަތުތަކެއް ގެންގުޅެން ފަށާފައެވެ.

"އެމެރިކާ ފަސްޓް" ގެ ނަމުން ނަންދީފައިވާ މިސިޔާސަތުގައި އެމެރިކާދަނީ ބައިނަލްއަގްވާމީ މުޖްތަމައުން އެކަހެރިވެ އެމެރިކާގެ ބައިވެރިން ދޫކޮށްލައި އެމެރިކާގެ އަމިއްލަ ނަފްސަށް އިސްކަންދެމުންނެވެ. އަދި ޓްރާންސް އެޓްލާންޓިކް ގެ ޒަމާންވީ ގުޅުންތަކަކީ (އެމެރިކާއާއި ޔޫރަޕްގެ ގުޅުންތަކަކީ) މާޒީވެފައިވާ ބޯދާ އަދި އަގެއްނެތް ގުޅުންތަކެއްކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވެރިކަމަށް ވަޑައިގަތުމާއެކު ވިދާޅުވެފައިވާކަންވެސް ލިޔުންތެރިޔާ ފާހަގަ ކުރައްވާފައިވެއެވެ.

ޓްރަމްޕްގ ވެރިކަމުގައި އެމެރިކާވަނީ ދުނިޔޭގެ ތިމާވެއްޓާބެހޭ ޕެރިސް މުއާހަދާއިން ވަކިވެފައެވެ. އަދި ޓްރާން ޕެސިފިކްގެ ވިޔަފާރީގެ އެއްބަސްވުމުންނާއި ޓްރާންސް އެޓްލާންޓިކް ވިޔަފާރީގެ އެއްބަސްވުމުންވެސް އެމެރިކާ ވަނީ ވަކިވެފައެވެ. އަދި ގުދްސަކީ އިސްރާއީލުގެ ވެރިރަށްކަމަށް ގަބޫލުކުރުމުގެ ނިންމުން ޓްރަމްޕް ނިންމެވުމާއެކު މެދުއިރުމަތީގެ ސުލްހައިގެ ނަމުގައި ޒަމާނުއްސުރެ އެމެރިކާ އަދާކުރަމުންދިޔަ ދައުރުވެސް ވަނީ ގެއްލިފައެވެ. އެމެރިކާގެ މިނިންމުމާއެކު ފަލަސްތީނުންވަނީ މެދުއިރުމަތީގެ ސުލްހައިގެ ކަންކަމުގައި އިސްދައުރެއް އަދާކުރުމަށް އެމެރިކާ ކުފޫ ހަމަނުވާކަމަށް ނިންމައި އެމެރިކާ ލީޑްކުރާ ސުލްހައިގެ ވާހަކަތަކެއްގައި ބައިވެރިނުވުމަށް ނިންމާފައެވެ. މިކަމުގެ ސަބަބުން އެމެރިކާވަނީ ޖިޔޮޕޮލިޓިކަލް ގޮތުން މެދުއރުމައްޗާ އެކަހެރިވެފައެވެ.

ގުދްސުގެ މައްސަލާގައި ޓްރަމްޕް ނިންމެވި ނިންމެވުމާ ދެކޮޅަށް ޔޫރަޕްގެ ގައުމުތައް ވަނީ ފާޅުގައި އެމެރިކާއާ ދެކޮޅަށް ތެދުވެ ބަސްބުނެފައެވެ. މިމައްސަލާގައި އދ. ގައި ނެގި ވޯޓުގައި އެމެރިކާ އެކަހެރިވެފައިވާއިރު އެމެރިކާގެ ކޮޅަށް ވޯޓު ދިނީ ދުނިޔޭގެ ސަތޭކަ ނުވަދިހަ ތިން ގައުމުގެ ތެރެއިން އެންމެ ނުވަގައުމުކަން ލިސާ ފާހަގަ ކުރައްވާފައިވެއެވެ.

ސޫރިޔާގެ ހަނގުރާމައަށް ބަލާއިރު އެގައުމުގައި ވަނީ ރަޝިޔާއާއި އީރާނާއި ތުރުކީގެ ބާރާއި ނުފޫޒެވެ. އެމެރިކާގެ މާބޮޑު ދައުރެއްނެތެވެ.

އީރާނުގެ ނިއުކްލިޔަރ އެއްބަސްވުމަށް ބަލާއިރު އެމެރިކާ މިއެއްބަސްވުމުން ވަކިވާން ތައްޔާރުވަމުންދާއިރު ރަޝިޔާއާއި ޗައިނާއާއި ޔޫރަޕްގެ ބޮޑު ތިންބާރުކަމަށްވާ ފަރަންސޭސިވިލާތާއި އިނގިރޭސިވިލާތާ އަދި ފަރަންސޭސިވިލާތުން ވަނީ އެމެރިކާއާ ދެކޮޅަށް އެއެއްބަސްވުމުގެ ދިފާއުގައި ތެދުވެފައެވެ. މިއީ މިހާރުގެ އެމެރިކާއާއި ޔޫރަޕް ގެ ދުރުވެފައިވާ މިންވަރު ވަރަށް ބޮޑަށް ހާމަވެގެން ދިޔަކަމެކެވެ.

ލިސާ ޓޭންގެ މަޒްމޫނުގައި އޭނާ ވިދާޅުވެފައިވަނީ މުސްތަގްބަލްގައި އެމެރިކާއަށް ބަރޯސާވުމަކީ ޔޫރަޕްގެ ގައުމުތަކަށް ފައިދާހުރި ގޮތެއް ނޫންކަމަށާ ޔޫރަޕްގެ އިއްތިޙާދު ރޫޅިގެން ދިޔުމަކީވެސް އެމެރިކާ ތަރްހީބު ދޭ ކަމެއްކަން ޔޫރަޕްގެ ލީޑަރުންނަށް ހަނދާންކޮށް ދެއްވާފައެވެ. އިނގިރޭސިވިލާތް ޔޫރަޕްގެ އިއްތިޙާދުން ވަކިވުމަށް ނިންމި ނިންމުމަށްވެސް ޓްރަމްޕް ވަނީ މަރްހަބާ ވިދާޅުވެފައެވެ. (ނިއުސްވީކް)

comment ކޮމެންޓް