ހުނަރުވެރި ކުދިން ހޯދުމަށް އިންޓަ ސްކޫލް ވޮލީބޯލް ފެސްޓިވަލެއް ބާއްވަނީ

މިދިޔައަހަރު އިންޓަސްކޫލް 16 އަހަރުން ދަށުގެ މުބާރާތުގެ ޓްރޮފީއާއެކު ބ. ގޮއިދޫ ސްކޫލްގެ ޓީީމް --- ފައިލް ފޮޓޯ/ ސަން

ރާއްޖޭގެ ގައުމީ ލެވެލްއަށް ގެނެވޭނެ ހުނަރުވެރި ކުދިން ހޯދުމަށް އަންނަ ފެބްރުއަރީގައި އިންޓަސްކޫލް ވޮލީބޯލް ފެސްޓިވަލެއް ބޭއްވުމަށް ވޮލީބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) ނިންމައިފިއެވެ.

މިދިޔަ ހަފްތާގެ ތެރޭގައި މިއަހަރުގެ ވޮލީބޯޅަ ކަލަންޑަރު އިއުލާންކޮށްފައިވާއިރު، ވީއޭއެމް މިއަހަރުގެ ހަރަކާތްތައް ފަށާނީ އަންނަމަހުގެ 22 އިން 24 އަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ އިންޓަސްކޫލް ވޮލީބޯލް ފެސްޓިވަލުންނެވެ.

ވޮލީބޯޅަ އެސޯސިއޭޝަނުން ބުނެފައިވަނީ ފެސްޓިވަލް ކުރިއަށްދާނީ މާލޭގެ ސްކޫލްތަކާ ބައިވެރިވެގެން ކަމަށާއި، މިހާރު ސްކޫލްތަކާ ވާހަކަ ދައްކަމުންދާ ކަމަށެވެ. އަދި ސްކޫލްތަކުން ކުދިން ހޯދުމުގެ މައިގަނޑު މަގުސަދަކީ އެސޯސިއޭޝަންގެ ޑިވަލޮޕްމަންޓް ޓީމުތަކަށް ކުދިން ހޯދުން ކަމަށެވެ.

ފެސްޓިވަލްގައި ހުރިހާ ކުދިންވެސް އެއްތަނަކަށް ގެންގޮސް ކޯޗުންނާއެކު ކުޅެލުމުން ރަނގަޅު ހުނަރުވެރިކުދިން ފާހަގަވާނެ ކަމަށްވެސް ވީއޭއެމްއިން ބުނެފައިވެއެވެ. އަދި އެ ކުދިންގެ ހުނަރާއި އިސްކޮޅު އެކަށީގެންވާ ވަރަށް ހުރިނަމަ، ހިލޭ ސާބަހަށް އެކުދިންގެ ހުނަރު ކުރިއެރުވުމަށް ފުރުސަތުތައް ފަހިކޮށްދޭނެ ކަމަށްވެސް ވީއޭއެމްއިން ބުނެފައިވެއެވެ.

މިއަހަރުގެ ވޮލީ ކަލަންޑަރުގައި ޖުމްލަ 15 ލޯކަލް މުބާރާތާއި ބައިނަލްއަގުވާމީ ނުވަ މުބާރާތް ހިމެނިފައިވެއެވެ. އަދި ވޮލީބޯޅައިގެ ހުނަރުހުރި ކުދިން އުފެއްދުމަށް މިއަހަރުގެ ކަލަންޑަރުގައި 16 އަހަރުން ދަށް، 18 އަހަރުން ދަށް އަދި 21 އަހަރުން ދަށުގެ މުބާރާތެއް ހިމަނިފައިވެއެވެ.

comment ކޮމެންޓް