އަނެއްކާވެސް ކަނޑުހުޅުދޫ ދޯންޏެއް ބިންދައިގެން ހިނގައްޖެ

ކަނޑުހުޅުދޫ ފަހިރޯދި ދޯނީގެ ފަށަން ވަނީ ބިންދައިގެން ގޮސްފައި -- ސަން ފޮޓޯ: ކިޔުންތެރިއެއް

ގއ. ކަނޑުހުޅުދޫ މަސް ދޯންޏެއް އަނެއްކާވެސް ބިންދައިގެން ހިނގައްޖެއެވެ.

ސަންއާ ވާހަކަދައްކަމުން ކަނޑުހުޅުދޫ "ފަހިރޯދި" ދޯނީގެ ފަޅުވެރިއަކު ބުނީ ބިންދައިގެން ގޮސްފައި ވަނީ އެދޯނީގެ ފަށަން ކަމަށެވެ.

އޭނާ ބުނިގޮތުގައި ދޯނީގެ ފަށަން ބިންދައިގެން ދިޔަކަން އެނގުނީ ގއ. އަތޮޅުގެ މެދުތެރެއިން ކަނޑުހުޅުދުއާ ދިމާލު ބޭރުގައި އެންވެރިކަމުގައި އުޅެނިކޮށެވެ. ފަށަން ބިންދައިގެންގޮސްފައި ވަނިކޮށް ފެނުނީ މިއަދު ޑައިވިންއަށް ދިޔަ އެ ދޯނީގެ ފަޅުވެރިންނަށް ހެނދުނު 6:00 އާއި 7:00 އާ ދެމެދުގެ ވަގުތެއްގައި ކަމަށް ވެސް އޭނާ ބުންޏެވެ.

އޭނާ ބުނީ އެދޯނި މިހާރު ވަނީ ކަނޑުހުޅުދުއަށް ގެންގޮސްފައި ކަމަށާއި ލަފާކުރެވޭގޮތުގައި ފަށަން ބިންދައިގެންދިޔައީ އިއްޔެ ކަމަށެވެ.

''ފަށަން ބިންދައިގެން ދިޔައިމަ އެއީ ވަރަށް ބޮޑު ގެއްލުމެއް. ދެން ޖެހޭނީ ފަށަން އަޅަން،'' ދޯނީގެ ފަޅުވެރިއަކު ބުންޏެވެ.

ކަނޑުހުޅުދޫގައި އޮންނަނީ މަސްވެރިކަންކުރާ ތިން ދޯންޏެވެ. އޭގެތެރެއިން އެއްދޯނި އިއްޔެ ވަނީ ބިންދައިގެންގޮސްފައެވެ. އަނެއް ދޯނީގެ އިންޖީނު ވަނީ ހަލާކުވެފައެވެ.

ކަނޑުހުޅުދޫ ކައުންސިލްގެ ރައީސް އަހްމަދު ޝަހީމް މިއަދު ސަންއަށް ވިދަޅުވީ، އެ ރަށުގައި މަސްވެރިކަންކުރާން ބޭނުންކުރާ ހުރިހާ އުޅަނދެއް މިހާރު ހަލާކުވެ، ރަށުގެ މަސްވެރީން ހާލުގައި ޖެހިފައިވާ ކަމަށެވެ.

"މީގެ ދެ ހަފްތާއެއްހާ ދުވަސް ކުރީން، އެއް ދޯނީގެ އިންޖީނު ހަލާކުވީ. ދެން އަނެއް ދެ ދޯނި މިވަނީ ބިނދިފައި. ރަށުގެ މަސްވެރީންނަށް އާމްދަނީ ލިބޭނޭ އެއްވެސް ގޮތެއް މިވަގުތު ނެތް. އަދި ގޭގެއަށް މަސްކޮޅު ލިބޭނޭގޮތެއްވެސް މިވަނީ ނެތިފައި،" ކަނޑުހުޅުދޫ މަސްވެރީންނަށް ދިމާވެފައިވާ މައްސަލައިގައި ކަންބޮޑުވުން ފާޅުކުރައްވަމުން ކައުންސިލްގެ ރައީސް ވިދާޅުވިއެވެ.

comment ކޮމެންޓް