މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަންގެ ކެޕްޓަން އަސަދުﷲ އަބްދުﷲ (އަސައްކޮ) އެ ކްލަބާއެކު ކޮންޓްރެކްޓް އާކޮށްފިއެވެ.
ކުރިއަށްއޮތް ސީޒަނަށް އަސައްކޮގެ ކޮންޓްރެކްޓް އާކޮށްފައިވާއިރު، ތ. ތިމަރަފުށިން ވިދާލި އާދަމް ނާސިހު (އާދަންނާ) ވެސް ވަނީ އަންނަ ސީޒަންގައި މާޒިޔާއަށް ކުޅުމަށް ސޮއިކޮށްފައެވެ.
ވޭތުވެދިޔަ ސީޒަންތަކުގައި މާޒިޔާއިން ހޯދި ކާމީޔާބީގައި އަސައްކޮގެ ހިއްސާ ބޮޑެވެ. އެޓީމުގެ ކެޕްޓަންކަންވެސް އަދާކުރަމުންދާ އަސައްކޮ ވޭތުވެދިޔަ ހަތް ސީޒަންގައިވެސް ކުޅެފައިވަނީ މާޒިއާށެވެ.
ޒުވާން އުމުރުގައި އޭވައިއެލް އަދި ވެލެންސިއާއަށް ކުޅުނު އަސައްކޮވަނީ މާޒިޔާއާއެކު ރާއްޖޭގެ ފުރަތަމަ ޑިވިޝަންގެ ހުރިހާ ތަށްޓެއް ހޯދައިފައެވެ. އަދި ވޭތުވެދިޔަ ސީޒަންގެ އޭއެފްސީ ކަޕުގެ ގްރޫޕް ސްޓޭޖުގައި މާޒިޔާ ނެރުނު ރަނގަޅު ނަތީޖާތަކުގައި އަސައްކޮ ހިއްސާ ބޮޑެވެ.
ނިމިދިޔަ ސީޒަންގެ ދިވެހި ޕްރިމިއާ ލީގުގެ ކުރީ ކޮޅުގައި ކަކުލަށް ލިބުނު އަނިޔާއަކާ ގުޅިގެން ގިނަ މެޗުތަކެއް ގެއްލުނު އަސައްކޮ އަންނަނީ އެނބުރި ކުޅުމަށް އައުމަށް މަސައްކަތް ކުރަމުންނެވެ. އަދި އަންނަ ސީޒަންގެ ކުރީކޮޅުގައި އަސައްކޮ އެނބުރި އަންނާނެ ކަމަށް ބެލެވެއެވެ.
މާޒިޔާއާ އަލަށް ގުޅުނު ތ. ތިމަރަފުށީ އާދަންނާއަކީ ވޭތުވެދިޔަ ދެ އަހަރުގެ މިނިވަންޗެމްޕިއަންޝިޕްގައިވެސް ރަށު ޓީމަށް މޮޅު ކުޅުމެއް ދައްކާފައިވާ ކުޅުންތެރިއެކެވެ.
އަތޮޅު ފުޓުބޯޅައިގައި އާދަންނާ މަޝްހޫރު ވެފައިވަނީ ހިލޭޖެހުންތަކަށް، މޮޅު ދުވެލިބާރު ކުޅުންތެރިއެއް ގޮތަށެވެ. އޭނާވަނީ 2016 ވަނަ އަހަރު ތިމަރަފުށީ ޓީމާއެކު މިނިވަންޗެމްޕިއަންޝިޕްގެ ފައިނަލަށް ދަތުރުކޮށްފައެވެ.
ކުރިއަށް އޮތް ސީޒަނަށް މާޒިޔާއިން ވަރުގަދައަށް ތައްޔާރުވަމުންދާ އިރު، އެޓީމުން ވަނީ ބޮޑެތި ޓްރާންސްފާތަކެއް ކޮށްފައެވެ. އެގޮތުން ވޭތުވެދިޔަ ސީޒަންގައި ކްލަބު ގްރީން ސްޓްރީޓްސްއިން ފެނިގެންދިޔަ މުހައްމަދު ނިޒާމް (ނިޒާމްބެ)ގެ އިތުރުން ޓީސީގެ ތަރި ނާއިޒް ހަސަން (ދާދު) ވެސް އަންނަ ސީޒަންގައި ފެންނާނީ މާޒިޔާއިންނެވެ. މީގެ އިތުރުންވެސް އީގަލްސްގެ ފަހަތުން މިދިޔަ ސީޒަންގައި ފެނިގެންދިޔަ ޑިފެންޑަރު މުޖުތާޒް މުހައްމަދު (މުޖޭ)އާއި ނިއުރޭޑިއަންޓަށް ކުޅުނު ފާރޫގް އިސްމާއީލްވެސް މި ސީޒަންގައި ފެނިގެންދާނީ އެންމެ ފަހުގެ މާލޭ ލީގު ޗެމްޕިއަން މާޒިޔާއިންނެވެ.