ރެޑްލައިން ސިޓީ ބަލިކޮށް މަހިބަދޫ ސްޕޯޓްސް ކްލަބު ފައިނަލަށް

މަހިބަދޫ ސްޕޯޓްސް ކްލަބު --- ފޮޓޯ/ މަހިބަދޫ އެސްސީ ފޭސްބުކް

ގައުމީ ނެޓްބޯޅަ މުބާރާތުގެ ސެމީ ފައިނަލްގައި ރެޑްލައިން ސިޓީ ބަލިކޮށް މަހިބަދޫ ސްޕޯޓްސް ކްލަބުން މުބާރާތުގެ ފައިނަލަށް ދަތުރުކޮށްފިއެވެ.

ޒުވާނުންގެ މަރުކަޒުގެ އެތެރެވެށީ ކޯޓުގައި ރޭ ކުޅުނު ސެމީ ފައިނަލް މެޗު މަހިބަދޫ ސްޕޯޓްސް ކްލަބުން ކާމިޔާބުކުރީ 61 ޕޮއިންޓް 41 ޕޮއިންޓުންނެވެ. މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ މަހިބަދޫ ސްޕޯޓްސް ކްލަބަށް މޮޅު ކުޅުމެއް ދެއްކި އާމިނަތު ރަބާބު އިބްރާހީމެވެ.

މުބާރާތުގެ ސެމީއަށް މަހިބަދޫ ދަތުރުކުރީ ގްރޫޕް އެކެއްގެ އެއްވަނަ ޓީމުގެ ގޮތުގައެވެ. ރެޑްލައިން ސިޓީ ސެމީއަށް ދަތުރުކުރީ ގްރޫޕް ދޭއްގެ ދެވަނަ ޓީމުގެ ގޮތުގައެވެ.

ގައުމީ ނެޓްބޯޅަ މުބާރާތުގައި މިއަހަރު ހަ ޓީމު ވާދަކުރާ އިރު، މުބާރާތް ކުރިއަށްދަނީ ދެ ގްރޫޕަކަށް ބަހާލައިގެންނެވެ. ސެމީ ފައިނަލަށް ދަތުރުކުރީ ކޮންމެ ގްރޫޕެއްގެ ވެސް އެންމެ ކުރި ހޯދި ދެ ޓީމެވެ. ސެމީގެ ފުރަތަމަ މެޗުގައި ގްރޫޕް އެކެއްގެ އެއްވަނައާއި ގްރޫޕް ދޭއްގެ ދެވަނަ ބައްދަލުކުރާ އިރު، ސެމީގެ ދެވަނަ މެޗުގައި ބައްދަލުކުރާނީ ގްރޫޕް ދޭއްގެ އެއްވަނައާއި ގްރޫޕް އެކެއްގެ ދެވަނަ ޓީމެވެ.

މުބާރާތުގެ ސެމީފައިނަލް ދެވަނަ މެޗު މިރޭ އޮންނާނެއެވެ. ވާދަކުރާނީ ގްރޫޕް ދޭއްގެ އެއްވަނަ ޓީމު ރެޑްލައިން ކްލަބު އަދި ގްރޫޕް އެކެއްގެ ދެވަނަ ޓީމު ވިޔެންސާ ސްޕޯޓްސް ކްލަބެވެ.

މުބާރާތުގެ ފައިނަލް މެޗު އޮންނާނީ މިމަހުގެ 22 ވަނަ ދުވަހުގެ ރޭގައެވެ.

comment ކޮމެންޓް