އިންޑިއާގައި އަންނަ އަހަރުގެ މާޗު މަހު ބާއްވާ އައުޓްބައުންޑް ޓްރެވަލް ރޯޑްޝޯގައި މަޓާޓޯ އިން ބައިވެރިވުމަށް ނިންމައިފި އެވެ.
އައުޓްބައުންޑް ޓްރެވަލް ރޯޑްޝޯ އޮންނާނީ އަންނަ އަހަަރުގެ މާޗު މަހުގެ 19 އިން 22 އަށް، އިންޑިއާގެ މުމްބާއީ، އަހްމަދުއާބާދު އަދި ދިއްލީގަ އެވެ.
މަޓާޓޯ އިން މިއަދު ބުނީ، އައުޓްބައުންޑް ޓްރެވަލް ރޯޑްޝޯ (އޯޓީއާރު)އަކީ އެކި ފަރާތްތަކުން ބާއްވާ ބީޓުބީ (ބިޒްނަސް ޓު ބިޒްނަސް) ހަރަކާތެއް ކަމަށެވެ.
މި ހަރަކާތުގައި ބައިވެރިވާނީ ޓުއާ އޭޖެންޓުންނާއި އޮޕަރޭޓަރުންގެ އިތުރުން، ދައުވަތު އެރުވިގެން ބައްދަލުވުންތަކުގައި ބައިވެރިވާ އިންޑިއާގެ ފަރާތްތަކެވެ.
އެގޮތުން މުމްބާއީއާއި ދިއްލީއިން ކުރެ ކޮންމެ ސިޓީއަކުން 300 އާ 350 އާ ދެމެދުގެ ވިޔަފާރިވެރިންނާއި، އަހްމަދުއާބާދުން 200 އާ 250 އާ ދެމެދުގެ ވިޔަފާރިވެރިން މި ރޯޑްޝޯގައި ބައިވެރިވާނެ ކަމަށް ލަފާކުރެވޭ ކަމަށް މަޓާޓޯ އިން ބުންޏެވެ.
އިންޑިއާގައި ބާއްވާ އޯޓީއާރުގައި ބައިވެރިވާނެކަން މަޓާޓޯއިން އިއުލާން ކޮށްފައިވާ އިރު، އެ ޖަމިއްޔާ އިން މިހާރު ދަނީ މެދުއިރުމަތީގެ ހަތަރު ގައުމެއްގައި ވެސް އަންނަ އަހަރުގެ ކުރީކޮޅު ބާއްވާ އައުޓްބައުންޑް ޓްރެވަލް ރޯޑްޝޯއަށް ތައްޔާރުވަމުންނެވެ.
އެ ގައުމުތަކަކީ ޔޫއޭއީ، ކުވޭތު، ގަތަރު އަދި އޮމާނެވެ. މި ހަރަކާތް އޮންނާނީ އަންނަ އަހަރުގެ ފެބްރުއަރީ މަހުގެ 11 އިން 15 އަށެވެ.