މޯލްޑިވްސް ފުޓުބޯލް އެވޯޑްސް: ސެންޓޭ ރަން ބޫޓު ދިފާއުކޮށްފި

"މޯލްޑިވްސް ފުޓްބޯލް އެވޯޑްސް" ގެ މިއަހަރުގެ ފުޓްބޯޅަ ސީޒަނުގައި އެންމެ ގިނަ ލަނޑު ޖެހި ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބުގެ އަލީ ފާސިރު (ސެންޓޭ) އާ ރަންބޫޓު ހަވާލު ކުރަނީ --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ޖެހި ޖެހިގެން ދެވަނަ އަހަރު އެންމެ ގިނަ ލަނޑު ޖަހައިގެން އަލީ ފާސިރު (ސެންޓޭ) ރަން ބޫޓު ދިފާއުކޮށްފިއެވެ.

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)އާއި މޯލްޑިވްސް ފުޓްބޯލް ޑޮޓްކޮމް ގުޅިގެން މިރޭ ކުރިއަށްގެންދިޔަ މޯލްޑިވްސް ފުޓްބޯލް އެވޯޑް ނައިޓްގައި ސެންޓޭއަށް ރަން ބޫޓު ހަވާލުކޮށްދިނީ މޯލްޑިވްސް ފުޓްބޯޅައިގެ ފަރާތުން ޝިމާޒް އަލީ އެވެ.

މިއަހަރުގެ ފުޓްބޯޅަ ސީޒަނުގައި އެންމެ ގިނަ ލަނޑު ޖެހި ސެންޓޭ ވަނީ ނިއު އަށް 24 ލަނޑު ކާމިޔާބުކޮށްފައެވެ. އޭނާއާ އެންމެ ކައިރިން ވާދަކުރީ 22 ލަނޑު ޖެހި ޓީސީ ސްޕޯޓްސް ކްލަބުގެ ބޭރު ކުޅުންތެރިޔާ ސްޓެވާޓް ކޯނެލިއަސް އެވެ.

އެންމެ ގިނަ ލަނޑު ޖަހައިގެން ރަން ބޫޓު ހޯދި ސެންޓޭ ވަނީ މިރޭ މި އަހަރުގެ އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑު ވެސް ހޯދައިފައެވެ. ސެންޓޭ ވަނީ މި އަހަރުގެ ފުޓްބޯޅަ ސީޒަނުގައި ނިއު އާއެކު ދިވެހި ޕްރިމިއާ ލީގާއި، އެފްއޭ ކަޕް އަދި ޕްރެޒިޑެންޓްސް ކަޕް ކާމިޔާބު ކޮށްފައެވެ.

comment ކޮމެންޓް