ފުޑްހަބް އެޕްލިކޭޝަން ތަރައްގީކޮށް، ލަންކާއަށް ވެސް ތައާރަފު ކޮށްފި

މަސައްކަތުގައި، ނުވަތަ އެހެން ވެސް ކަމެއްގައި މަޝްއޫލުވެ އުޅޭއިރު ކެއުމަށް މާ ގިނަ ވަގުތެއް ނުދެވެ އެވެ. އެހެންކަމުން އެންމެ ފަސޭހަ ގޮތަކީ ކާއެއްޗަކަށް އޯޑަރު ކޮށްލާފައި އޯޑަރު އަންނަންދެން، ކުރަން ޖެހޭ މުހިންމު މަސައްކަތްތައް ކުރުމެވެ. ފުޑްހަބް އެމްވީއަކީ މިކަމަށް ވަރަށް އެކަށީގެންވާ ޕްލެޓްފޯމެކެވެ.

ފުޑްހަބް ޕްލެޓްފޯމް އިންޓަނެޓް ވެބްސައިޓަކާއި މޯބައިލް އެޕްލިކޭޝަނެއްގެ ގޮތުގައި ތައާރަފު ކުރެވުނު އިރު މިއީ ކާއެއްޗެއްސަށް އޯޑަރު ކުރަން ތަނަކަށް ގުޅުމަށް ވުރެ މާ ފަސޭހަ ގޮތެކެވެ. ވެބްސައިޓާއި މޯބައިލް އެޕްލިކޭޝަން މެދުވެރިކޮށް، ބޭނުން ރެސްޓޯރަންޓަކުން ބޭނުން އެއްޗަކަށް އޯޑަރު ކޮށްލުމުން އެ އެއްޗެއް ރެސްޓޯރަންޓަކުން ޑެލިވާ ކޮށްދޭނެ އެވެ.

ފުޑްހަބް ޕްލެޓްފޯމުގައި ރެސްޓޯރަންޓްތަކުން އެތަންތަނުގެ މެނޫއާއި އެކި ޑީލްތައް ޕްރޮމޯޓު ކުރުމުގެ ފުރުސަތު އޮވެ އެވެ.

ފުޑްހަބްއިން މިހާރު ވަނީ އާ ހަރުފަތަކަށް ފައި އަޅާފަ އެވެ. ރާއްޖޭގެ ގްރޭޓާ މާލެ، އައްޑޫ އަދި ފުވައްމުލަކަށް ފަހު ފުޑްހަބް ސްރީލަންކާ އަށް ފުޅާކޮފައިވެ އެވެ.

ފުޑްހަބްގެ ޑިވެލޮޕަރ އެވްރީތިންގް ރެޑްގެ މެނޭޖަރ، މާކެޓިންގް އެންޑް ޕީއާރު ނާވީ އާދަމް ވިދާޅުވީ މިއަދުން ފެށިގެން ފުޑްހަބް އެލްކޭ ލޯންޗު ކޮށްފައިވާ އިރު، އޭގެ އައިއޯއެސް އަދި އެންޑްރޮއިޑް އެޕްލިކޭޝަން ވެސް މޯބައިލްތަކަށް މިހާރު ޑައުންލޯޑު ކުރެވޭނެ ކަމަށެވެ.

ނާވީ ވިދާޅުވީ ފުޑްހަބްގެ ލަންކާ ޕްލެޓްފޯމަށް، ސްރީލަންކާގެ އެކިއެކި ރެސްޓޯރަންޓްތައް ޕާޓްނަރު ކުރަމުންދާ ކަމަށާއި، ލަންކާގެ 10 މިލިޔަނަށް ވުރެ ގިނަ ކަސްޓަމަރުންނާ ހަމައަށް ކާބޯތަކެތި ޑެލިވާކޮށްދިނުމަށް ފުޑްހަބްއާ ގުޅުމުގެ ފުރުސަތު ލަންކާގެ ފުޑް އައުޓްލެޓްތަކަށް ހުޅުވާލެވިފައިވާނެ ކަމަށެވެ.

ނާވީ ވިދާޅުވީ ފުޑްހަބްގެ މޯބައިލް އެޕްލިކޭޝަނަށް ބޮޑެތި ބަދަލުތަކެއް ގެނައުމަށް ފަހު، އެ އެޕްލިކޭޝަންގެ އަޕްޑޭޓެއް ދޫކޮށްފައި ވާނެ ކަމަށެވެ.

އެވްރީތިންގް ރެޑްއިން މައުލޫމާތު ދޭ ގޮތުގައި އެޕްލިކޭޝަނުގެ އާ އަޕްޑޭޓުގައި އާ ފީޗާރތަކެއް ހިމެނިފައި ވާނެ އެވެ. އޭގެ ތެރޭގައި އޮންލައިންކޮށް ރެސްޓޯރަންޓްތަކާ ޗެޓްކުރުމާއި، ޖިއޯ ލޮކޭޝަނާއި، އައިއޯއެސްއަށް 3ޑީ ޓަޗު ޚިދުމަތުގެ އިތުރުން އޮންލައިންކޮށް ޕޭމެންޓު ހެދުމާއި އުރީދޫގެ ކަސްޓަމަރުންނަށް އުރީދޫގެ މޯބައިލް މަނީ ޚިދުމަތް "އެމް ފައިސާ" ބޭނުންކުރެވޭ ގޮތް ހިމެނެ އެވެ.

މީގެ އިތުރުން އާ ވާޝަންގައި ރެސްޓޯރަންޓުތަކުން ކަސްޓަމަރުންނަށް އެކި ކަހަލަ ޑީލްތަކާއި ޑިސްކައުންޓުތައް ވެސް ފޯރުކޮށްދެވޭނެ ފީޗާއެއް ހިމެނޭނެ އެވެ. އަދި ރެސްޓޯރަންޓަށް ގޮސް ކެއުމަށް މޭޒު ރިޒާވް ކުރުމުގެ ޚިދުމަތް ވެސް އެޕްލިކޭޝަނުގެ އަޕްޑޭޓާ އެކު ލިބޭނެ ކަމަށް ފުޑްހަބްގެ ޑިވެލޮޕަރ އެވްރީތިންގް ރެޑުން ބުނެ އެވެ.

އެވްރީތިންގް ރެޑަކީ ރާއްޖޭގައި މޯބައިލް ކޮމާސްއާއި ވެލިއު އެޑެޑް ސާވިސް އަދި ޑިޖިޓަލް މާކެޓިންގްގައި ރާއްޖޭގެ މާކެޓު ލީޑަރެވެ.

comment ކޮމެންޓް