ބީއެމްއެލް އިންޓަނެޓް ބޭންކިން މެދުވެރިކޮށް މިހާރު ބަލްކް ޕޭމަންޓް ފޮނުވޭނެ

ބީއެމްއެލްއިން ވިޔަފާރިތަކަށް އިންޓަނެޓް ބޭންކިން މެދުވެރިކޮށް މިހާރު ބަލްކް ޕޭމަންޓް ފޮނުވޭނެ-- ފޮޓޯ/ ބީއެމްއެލް

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ވިޔަފާރިތަކަށް އިންޓަނެޓް ބޭންކިން މެދުވެރިކޮށް ބަލްކް ޕޭމަންޓް ފޮނުވޭ ގޮތް ހަމަޖައްސައިފިއެވެ.

ބަލްކް ޕޭމަންޓަކީ މުސާރަ، އެލަވަންސް، ބޯނަސް، ހިއްސާގެ ފައިދާ، ޕެންޝަން ފައިސާ ފަދަ އެއްފަހަރާ ގިނަ ފަރާތްތަތަކަށް ޖަމާކުރަންޖެހޭ ފައިސާއެވެ.

ބީއެމްއެލްއިން ބުނީ، ބަލްކް ޕޭމަންޓްގެ ގޮތުގައި ޖަމާކުރާ ފައިސާ ފަސޭހަކަމާއެކު ޓްރާންސްފާ ކުރެވޭ ގޮތަށް ބިޒްނަސް އިންޓަނެޓް ބޭންކިންއަށް ބަދަލު ގެނެސް ބަލްކް ޕޭމަންޓްގެ ޚިދުމަތް މިހާރު ފަށާފައިވާ ކަމަށެވެ.

މި ޚިދުމަތަށް ރަޖިސްޓްރީވުމުން ވިޔަފާރިތަކަށް ދިވެހި ރުފިޔާއިންނާއި ޔޫއެސް ޑޮލަރުން ބީއެމްއެލްގެ އެކި އެކައުންޓުތަކަށް އޮޓޮމެޓިކްކޮށް ބަލްކް ޕޭމަންޓް ހެދޭނެއެވެ.

ބީއެމްއެލްއިން އަލަށް ތައާރަފްކުރި ޚިދުމަތާ ގުޅޭގޮތުން ބޭންކުގެ ކޯޕަރޭޓް ބޭންކިން ޑިރެކްޓަރު އަހުމަދު އާސިފް ވިދާޅުވީ، ޑިޖިޓަލައިޒް ކުރުމަކީ އެ ކުންފުނީގެ ސްޓްރެޓަޖީގެ ވަރަށް މުހިންމު ބައެއް ކަމަށާއި ބޭންކިން ޚިދުމަތުގެ ފެންވަރު އިތުރަށް ރަނގަޅުކޮށް ކަސްޓަމަރުންނަށް އަވަސް ޚިދުމަތެއް ފޯރުކޮށްދިނުމުގައި އެ ކުންފުނިން ދެމިތިބޭނެ ކަމަށެވެ. އަދި ބީއެމްއެލްއަކީ ރާއްޖެއަށް ވަރަށް ގިނަ އައު ޚިދުމަތްތަކެއް ތައާރަފްކުރި ބޭންކެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

"މެނުއަލް ޕްރޮސެސްތައް ދޫކޮށްލާ، އެއްފަހަރާ ގިނަ ޓްރާންސްފާ ކުރުމަކީ ވިޔަފާރިތަކަށް އޮޓޮމެޓިކްކޮށް ހޯދޭ ޚިދުމަތަކަށް ބަދަލުކޮށްލެވޭކަމީ އަޅުގަނޑުމެންނަށް ލިބޭ އުފަލެއް. މި ބަދަލާއެކު އިންޓަނެޓް ބޭންކިން މެދުވެރިކޮށް އެކި ބާވަތުގެ ބަލްކް ޕޭމަންޓް ހެދުމާއި ޑުޕްލިކޭޓް ރިކޯޑުތައް ފާހަގަކުރުމާއި ވަކިވަކި ޕޭމަންޓުތަކުގެ ޕޭމަންޓް ސްޓޭޓަސް ބަލާލެވޭނެ،" އާސިފް ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ ކަސްޓަމަރުންނަށް އެންމެ ފަހުގެ ޓެކްނޮލޮޖީ އެކުލެވޭ ސޮލިއުޝަންސް ހޯދައިދިނުމަށް އީޖާދީ ޕާޓްނަރުންނާއެކު އަޅުގަނޑުމެން މަސައްކަތްކުރަމުން ދާނަން،"

މީގެ އިތުރުން ބީއެމްއެލްއިން ބުނީ މިހާރު އިންޓަނެޓް ބޭންކިން ބޭނުންކުރަމުންދާ ވިޔަފާރިތަކުން މި ޚިދުމަތަށް އެދި ހުށަހަޅަންޖެހޭ ލިޔުންތަކާއެކު ހިލޭ ލިބޭ ޚިދުމަތަށް ރަޖިސްޓްރީވުމަށް އެދި ހުށަހެޅޭނެ ކަމަށެވެ.

comment ކޮމެންޓް