ސޮފްޓްވެއާ ބަގެއް ހޯދި 10 އަހަރުގެ ކުއްޖަކަށް ފޭސްބުކް އިން 10،000 ޑޮލަރު ދީފި

ފޭސްބުކްގެ ފޮޓޯ ޝެއާރިންގް އެޕް އިންސްޓަގްރާމުގެ ސޮފްޓްވެއާގައި އުޅޭ ބަގެއް ހޯދި، ފިންލެންޑުގެ 10 އަހަރުގެ ކުޑަ ކުއްޖަކަށް ފޭސްބުކް އިން 10،000 ޑޮލަރުގެ ފައިސާގެ އިނާމެއް ދީފި އެވެ.

ފޭސްބުކް އިން ހިންގާ ހުރިހާ ސޯޝަލް މީޑިއާ ޕްލެޓްފޯމުތަކުގެ ތެރެއިން ޕްލެޓްފޯމަކުން ސޮފްޓްވެއާގައި ބަގެއް ނުވަތަ ބޮޑު މައްސަލައެއް އުޅޭކަން ހޯދައި، ފޭސްބުކްއަށް އެކަން އަންގާ ފަރާތަކަށް ފޭސްބުކްއިން ފައިސާގެ އިނާމެއް ދެ އެވެ.

ޔާނީ ނަމަކަށް ކިޔާ މި 10 އަހަރުގެ ކުއްޖާ ބުނި ގޮތުގައި އޭނާ ވަނީ، ޔޫޓިއުބުން ސޮފްޓްވެއާ ކޯޑިންގް ދަސްކޮށްފަ އެވެ. އެއަށް ފަހު އޭނާ ބޭނުންވީ، އިންސްޓަގްރާމަށް މެލީޝަސް ކޯޑެއް، ނުވަތަ ވައިރަހެއް ފަދައިން ގެއްލުންދެނިވި ސޮފްޓްވެއާ ކޯޑެއް ޖަހައިގެން، އެހެން މީހުންގެ ފޮޓޯތަކަށް ކޮށްފައިވާ ކޮމެންޓު ޑިލީޓު ކުރެވޭތޯ ބެލުމަށެވެ.

"އަހަރެންނަށް އޭގެން ކޮންމެ ކޮމެންޓެއް ވެސް ޑިލީޓު ކުރެވުނީސް. ޖަސްޓިން ބީބާގެ ފޮޓޯއަކަށް ކޮށްފައިވާ ފޮޓޯއެއް ވިޔަސް،" ފިންލެންޑުގެ ނޫހަކާ ވާހަކަ ދައްކަމުން ޔާނީ ބުންޏެވެ.

އިންސްޓަގްރާމަށް މެލީޝަސް ކޯޑެއް ބޭނުން ކޮށްގެން "ހެކް" ކުރެވޭކަން ހާމަވުމާއި އެކު، ޔާނީ ވަނީ ފޭސްބުކް އަށް މިކަން އަންގައިފަ އެވެ. ފޭސްބުކް އިން މި މައްސަލަ ފެބްރުއަރީ މަހު ހައްލު ކޮށްފައިވާ އިރު، ޖެހިގެން އައި މަހު އޭނާ އަށް 10،000 ޑޮލަރުގެ ފައިސާގެ އިނާމު ފޭސްބުކްއިން ދީފައިވެ އެވެ.

ދިހަ އަހަރުގެ ޔާނީ ބުނީ، އެ ފައިސާއިން އޭނާ ބޭނުންވަނީ ފުޓުބޯޅައަކާ ބައިސްކަލެއް ގަންނަން ކަމަށެވެ.

comment ކޮމެންޓް