މަހުގެ އަގު ދަށަށް ދަނީ ޔޫރަޕުގައި ތިބި އެމްޑީޕީ ލީޑަޝިޕްގެ ސަބަބުން: ސިޔާމް

ދ. ބަނޑިދޫ ބަނދަރު ހުޅުވުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ސިޔާމް ވާހަކަ ދައްކަވަނީ -- ސަން ފޮޓޯ: ޔޫސުފް ޞަފްވާން ރަޝީދު

ދިވެހި މަސްވެރިން ބާނާ މަހުގެ އަގު ދަށަށް ދަނީ މިވަގުތު ޔޫރަޕުގައި ތިބެގެން "ރާއްޖެ ބަދުނާމުކުރުމަށް މަސައްކަތް ކުރާ" އެމްޑީޕީގެ ލީޑާޝިޕްގެ ސަބަބުން ކަމަށް އެމްޑީއޭގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެންބަރު އަހުމަދު ސިޔާމް މުހައްމަދު ވިދާޅުވެއްޖެ އެވެ.

ސިޔާމް އެހެން ވިދާޅުވީ ދ.ބަނޑިދޫ ބަނދަރު ހުޅުވުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.

ސިޔާމް ވިދާޅުވީ މިވަގުތު ލަންޑަނުގައި ތިބި އިދިކޮޅު އެމްޑީޕީގެ ލީޑަރުން ދިވެހިރާއްޖެ ބަދުނާމުކޮށް، ހުޅަނގުގެ ފަރާތްތަކާ ދިވެހި ރައްޔިތުން ޖެއްސުމަށް ޓަކައި މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

އަދި އެ މަސައްކަތުގެ ތެރެއިން، ދިވެހި ގައުމަކީ ސައްތައިން ސައްތަ މުސްލިމު ގައުމެއްގެ ގޮތުގައި އޮތުމާއި، ރާއްޖޭގައި އެއްޖިންސުން ކައިވެނި ކުރުމުގެ ފުރުސަތު ނުދެވުމަކީ މައްސަލައެއް ކަމަށް ދައްކައި، އަނދިރި އަނދިރީން ޕޯޗުގީޒުންނާ އެކު އުޅުނު ފަދައިން، ދިވެހި ގައުމަށް ގެއްލުން ދިނުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

"ޔޫރަޕަކަށް މިއަދު އެމީހުން އަޅުގަނޑުމެންގެ މަހެއް ބަލައެއް ނުގަނޭ. ހަމަ ސީދާ މި ބުނަނީ ކީކޭތޯ؟ ކަލޭމެންގެ ގާތުގައި އެއްޖިންސުން ގުޅުން ހިންގުމުގެ އެއްވެސް ކަހަލަ ހުއްދައެއް ނެތޭ. އެހެންވީމަ އަހަރުންނަކަށް ނުދެވޭނޭ ކަލޭމެންނަށް މަހުގެ ޑިއުޓީއެއް. އިސްލާމްދީން ފިޔަވައި އިތުރު ދީނެއް ނެތޭ. އެހެންވީމާ ކަލޭމެންނަށް އެހީއެއް ނުވެވޭނޭ. މިއީ ހަގީގަތަކީ،" ސިޔާމް ވިދާޅުވި އެވެ.

މަހުގެ އަގު ނުހިފެހެއްޓޭ ވަރަށް ދަށަށް ގޮސްފައިވާކަން ފާހަގަކުރައްވައި ސިޔާމް ވިދާޅުވީ، މިއަދު މަސްވެރިންގެ އެންމެ ބޮޑު ޝަކުވާ އަކީ އެމީހުން ބާނާ މަހަށް ރަނގަޅު އަގު ނުލިބުން ކަމަށެވެ. އަދި ދިވެހި މަސްވެރިން ބާނާ މަސް ހުޅަނގުން މިހާރު ބަލައިނުގަންނަނީ އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގެ ސަބަބުން ކަމަށް ސިޔާމް ވިދާޅުވި އެވެ.

"ޔޫރަޕުގައި ތިއްބެވި އަޅުގަނޑުމެންގެ ހަސަދަވެރިން، ނޫންނަމަ ދިވެހިރާއްޖޭގެ ރައްޔިތުންގެ ދުޝްމަނުން، އާދެ އެމްޑީޕީގެ ލީޑާޝިޕުން އެދަނީ އަޅުގަނޑުމެންގެ ގައުމު ބަދުނާމުކޮށް ރާއްޖޭގެ މަސްވެރިން ބާނާ މަހުގެ އަގު މިހާރު އެދަނީ އަޅުގަނޑުމެންނަށް ނުހިފެހެއްޓޭ ވަރަށް ދަށަށް،" ސިޔާމް ވިދާޅުވި އެވެ.

ސިޔާމް ވިދާޅުވީ ރާއްޖެ އަކީ އިންޑިއާ ކަނޑުގައި އޮތް ވަރަށް ނިކަމެތި ގައުމެއް ކަމަށާއި، މިހާތަނަށްވެސް ގައުމަށް ދިމާވި ބޮޑެތި ނުރައްކާތަކުން ގައުމު ސަލާމަތް ކޮށްދިނީ އިސްލާމް ދީނުގެ ސަބަބުން ކަމުގައި ފާހަގަކުރައްވާފަ އެވެ.

އޭގެ އިތުރުން ސިޔާމް ވަނީ މަގުތަކަށް އެއްވެ ހިޔާލު ފާޅުކުރުމާ ގުޅޭ ގޮތުންވެސް މިއަދު ވާހަކަ ދައްކަވާފަ އެވެ. ސިޔާމް ވިދާޅުވީ ޑިމޮކްރަސީ އަކީ އެކަކު އަނެކަކަށް އިހުތިރާމް ކުރުން ކަމަށާއި އެއްވެސް ސަބަބެއް ނެތި އާންމު ރައްޔިތުންނާ ވިޔަފާރިތަކަށް ގެއްލުންވާ ގޮތަށް މުޒާހަރާ ކުރުމަކީ ކުރިއަރާފައިވާ ވިސްނުންތެރި އެއްވެސް ގައުމަކުން ކުރާނެ ކަމެއް ނޫން ކަމަށެވެ.

"ރާއްޖޭގެ ރައްޔިތުން ބޭނުންވަނީ ތަރައްގީ. ކުރިއެރުން. ރާއްޖޭގެ ރައްޔިތުން ބޭނުމެއް ނުވާނެ ކޮންމެ ދުވަހަކު މުޒާހަރާ ކުރާކަށް. ކޮންމެ ދުވަހަކު ޅަ ދަރީންނާ މުސްކުޅިންނަށް ގެއްލުންވާ ގޮތަށް މަގުމަތީގައި އުޅޭކަށެއް ބޭނުމެއް ނުވާނެ،" ސިޔާމް ވިދާޅުވެފައިވެ އެވެ.

comment ކޮމެންޓް