ސްޕެއިންގެ މެލިއާ ހޮޓެލްސްއިން ތ. ކަޅުދިޔަފުށީގައި ތަރައްގީ ކުރާ ރިސޯޓު 2017 ގައި ހުޅުވަނީ

ތ. ގާދިއްފުއްޓާއި، އެރަށް ކައިރީގައި ހުންނަ ފަޅު ރަށްތަކެއް --

ތ. ކަޅުދިޔަފުށީގައި، ސްޕެއިންގެ ބައިނަލްއަގުވާމީ ހޮޓެލް ޗެއިން "މެލިއާ ހޮޓެލްސް"އިން ތަރައްގީ ކުރަމުން އަންނަ "ގްރެން މެލިއާ ހުރަވީ މޯލްޑިވްސް" 2017 ވަނަ އަހަރު ހުޅުވަން ހަމަޖެހިފައިވާކަން އެ ކުންފުނިން ބުނެފި އެވެ.

މެލިއާ ހޮޓެލްސްއަކީ، ދުނިޔޭގެ 40 ގައުމެއްގައި، 350 އަށް ވުރެ ގިނަ ހޮޓެލް އޮޕަރޭޓު ކުރަމުން އަންނަ ބައިނަލްއަގުވާމީ ހޮޓެލް ޗެއިނެކެވެ.

ތ. ކަޅުދިޔަފުށީގައި މެލިއާއިން ރިސޯޓު ތަރައްގީ ކުރަނީ ރާއްޖޭގެ ކުންފުންޏެއް ކަމުގައިވާ ހުރަވީ އިންޓަނޭޝަނަލްއާ ގުޅިގެން ކަމަށް މައުލޫމާތު ލިބެ އެވެ. ހުރަވީ އިންޓަނޭޝަނަލަކީ، ރައްޔިތުންގެ މަޖިލީހުގެ ތ. ގުރައިދޫ ދާއިރާގެ މެމްބަރު ހުސައިން މަނިކު ދޮންމަނިކުގެ މަސްލަހަތު އޮންނަ ކުންފުންޏެކެވެ.

ތ. ކަޅުދިޔަފުށީގައި މެލިއާއިން ތަރައްގީ ކުރާ ގްރެން މެލިއާ ހުރަވީ މޯލްޑިވްސް ރިސޯޓު ހޮޓެލްގައި 97 ޕްރައިވެޓް ވިލާއާއި 100 ކޮޓަރި ހުންނަ އިރު، ތިން ރެސްޓޯރަންޓް ވެސް ހުންނާނެ ކަމަށް މެލިއާއިން ބުނެ އެވެ. އޭގެ އިތުރުން ސްޕާއަކާ، ލެއިޝާ ސެންޓަރަކާއި ރީޓެއިލް ފިހާރަތަކެއް ވެސް ހުންނާނެ ކަމަށް މެލިއާއިން ބުނެފައި ވެ އެވެ.

އޭގެ އިތުރުން، ޕްރައިވެޓް އިވެންޓުތަކާއި ކެއުންތަކަށް، ކައިރީގައި އޮންނަ ކުޑަ ފަޅުރަށެއްގައި ހަމަޖައްސައިދެވޭނެ ކަމަށް ވެސް މެލިއާ ހޮޓެލްސްއިން ބުނެ އެވެ.

ތ. ކަޅުދިޔަފުށީގައި ރިސޯޓު ތަރައްގީ ކުރުމަށް މެލިއާއާ ހަވާލު ކުރި ރަސްމިއްޔާތުގައި، މެލިއާ ހޮޓެލްސް އިންޓަނޭޝަނަލްގެ ޑިރެކްޓާ އޮފް އެކްސްޕޭންޝަންސް މަރީއާ ޒަރަލުއްކީ ވިދާޅުވީ، ރާއްޖޭގައި މެލިއާގެ ހޮޓަލެއް ހުޅުވުމަކީ އެކުންފުނިން ދެކެމުން އައި ހުވަފެނެއް ކަމަށެވެ.

"ގްރެން މެލިއާ ހޮޓެލްއެއް ރާއްޖޭގައި ހުޅުވުމަކީ ވަރަށް ކުރީއްސުރެ އަޅުގަނޑުމެން ދެކެމުން އައި ހުވަފެނެއް. އަޅުގަނޑުމެން މި ހުރިހާ ދުވަހު މަޑުކޮށްގެން ހުރީ އެންމެ ރަނގަޅު ޕްރޮޖެކްޓް އަޅުގަނޑުމެންނާ ހަމައަށް އަންނަންދެން. މި ހޮޓަލުން އަޅުގަނޑުމެންގެ އުންމީދުތައް ހާސިލު ކުރެވޭނެ. ރާއްޖެއަށް ލަގްޒަރީގެ އާ ކޮންސެޕްޓެއް ތައާރަފުކޮށް، މެލިއާ ބްރޭންޑުގެ ޖާދޫ ފަތުރާލުން،" މަރީއާ ޒަރަލުއްކީ ވިދާޅުވި އެވެ.

މެލިއާ އިން ތަފާތު ހަތް ބްރޭންޑެއްގެ ހޮޓެލްސް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އޮޕަރޭޓް ކުރެ އެވެ. އޭގެ ތެރޭގައި ހިމެނެނީ މެލިއާ ހޮޓެލްސް އެންޑް ރިސޯޓްސް، ޓްރައިޕް ބައި ވިންޑްހެމް، ސޮލް ހޮޓެލްސް އެންޑް ރިސޯޓްސް، އިންސައިޑް ބައި މެލިއާ، ގްރެން މެލިއާ ހޮޓެލްސް އެންޑް ރިސޯޓްސް، ޕެރެޑައިސަސް ރިސޯޓްސް އަދި މީ ބައި މެލިއާ އެވެ.

ތ. ކަޅުދިޔަފުށި، ގުރައިދޫ ދާއިރާގެ މެމްބަރު ހުސައިން މަނިކު ދޮންމަނިކުގެ މަސްލަހަތު ހިމެނޭ ހުރަވީ އިންވެސްޓްމެންޓްސްއަށް ދޫކޮށްފައި ވަނީ 24 އޯގަސްޓް 2015 ވަނަ ދުވަހު އެމްއެމްޕީއާރުސީ މެދުވެރިކޮށެވެ. އެދުވަސްވަރު ޓޫރިޒަމް މިނިސްޓްރީގައި މިނިސްޓަރަކު ނެތް އިރު، އެ މިނިސްޓްރީ ހިންގަވަމުން ގެންދެވީ އޭރުގެ ނައިބު ރައީސް އަހްމަދު އަދީބެވެ.

ކަޅުދިޔަފުށި، ހުރަވީ އިންޓަނޭޝަނަލަށް ދޫކުރި މައްސަލަ އޭސީސީއިން ވެސް ބަލަމުން ގެންދިއަ އެވެ.

comment ކޮމެންޓް