ރިލްވާންގެ ބޭބެއަށް ބިރުދެއްކި ކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފި

ގެއްލިގެން ހޯދަމުން އަންނަ މިނިވަން ނޫހުގެ ނޫސްވެރިޔާ އަހްމަދު ރިޟްވާން އަބްދުﷲ

ގެއްލިގެން ހޯދަމުން އަންނަ މިނިވަން ނޫހުގެ ނޫސްވެރިޔާ އަހްމަދު ރިލްވާން އަބްދުﷲގެ ބޭބެ މޫސާ ރިލްވާނަށް ބިރުދެއްކި ކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފި އެވެ.

ޕީޖީ އޮފީހުގެ އޮފިޝަލަކު މިއަދު ސަން އަށް ވިދާޅުވީ އެ މައްސަލައާ ގުޅިގެން މިދިޔަ މަހުގެ 20 ވަނަ ދުވަހު ފުލުހުން ހައްޔަރުކޮށްފައި ވަނީ ހ. ހިލްޓަން އިބްރާހީމް އަލީފް ރައޫފް ކަމަށެވެ.

އަލީފް ހައްޔަރުކޮށް ބަންދާމެދު ގޮތެއް ނިންމަން އެ ދުވަހު ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން އެ ކޯޓުން ވަނީ އޭނާ ގޭބަންދަށް ބަދަލުކޮށްފަ އެވެ.

އެ މައްސަލަ މިދިޔަ މަހުގެ 24 ވަނަ ދުވަހު ހައިކޯޓުގައި އިސްތިއުނާފު ކޮށްފައިވާ ކަމަށާއި ހައިކޯޓުން އެ މައްސަލަ އަދި ނިންމާފައިނުވާ ކަމަށް ޕީޖީ އޮފީހުގެ އޮފިޝަލް ވިދާޅުވި އެވެ.

ރިލްވާން ގެއްލުނު ރޭ އޭނާ ގަދަކަމުން އެރުވި ކަމަށް ބުނާ ރަތްކާރުގެ ވެރިފަރާތަކީ ހ. ހިލްޓަން އަޙްމަދު އާލިފް ރައޫފް ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

އަލީފް އާއި އާލިފަކީ ވެސް އެއް އާއިލާއެއްގެ ދެބެއިންނެވެ. އެ އާއިލާ އަށް ނިސްބަތްވާ ހ. ހިލްޓަން އަޒުލިފް ރައޫފަށް ވެސް ރިލްވާން ގެއްލުނު މައްސަލާގައި ތުހުމަތު ކުރެވެ އެވެ. އަދި އޭގެ އިތުރުން މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ. އަފްރާޝީމް އަލީ އަވަހާރަކޮށްލަން ރޭވުމުގައި އަޒުލިފް އިސްކޮށް ހަރަކާތްތެރިވެފައިވާ ކަމަށް ތުހުމަތު ކުރެވޭ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

އަޒުލިފް ސީރިއާ ހަނގުރާމައިގައި މަރުވަފައިވާ ކަމަށް ބައެއް ފަރާތްތަކުން ބުނި ނަމަވެސް ސަރުކާރުގެ އެއްވެސް އިދާރާއަކުން އެކަން ކަށަވަރުކޮށްދީފައެއް ނުވެ އެވެ. ސަރުކާރުން ހަމައެކަނި ކަށަވަރުކޮށްދެނީ އަޒުލިފް ރާއްޖެ އިން ބޭރަށް ގޮސްފައިވާކަން އެކަންޏެވެ.

comment ކޮމެންޓް