ރޮނާލްޑޯއާއި ބެންޒެމާ ނުލައި ރެއާލް އިން މުހިންމު މެޗަކަށް!

ބެންޒެމާ(ކ) އަދި ރޮނާލްޑޯ: ރެއާލްގެ އެންމެ މުހިންމު ދެ ފޯވާޑުން ނުލާ މިރޭގެ މެޗަށް ނިކުތުމަކީ ޒިދާން އަށް ލިބޭނެ ނުތަނަވަސް ކަމެއް ---

ސްޕެނިޝް ލީގްގައި ބާކީ ތިން މެޗު ކުރި އަށް އޮތް އިރު މިރޭ ރަށުން ބޭރުގައި ރެއާލް ސޮސެއިޑާޑްއާ ދެކޮޅަށް ރެއާލް މެޑްރިޑް ނެގި ސްކޮޑުން އަނިޔާގެ ސަބަބުން ކަރިމް ބެންޒެމާ އާއި ކުރިސްޓިއާނޯ ރޮނާލްޑޯ ބާކީ ކޮށްފި އެވެ.

ލީގް ތާވަލުގެ އެންމެ ކުރީގައި އޮތް ތިން ޓީމަށް ވެސް ލީގް ކާމިޔާބު ކުރުމުގެ ފުރުސަތު އޮތް އިރު ތާވަލުގެ އެއްވަނައިގައި 82 ޕޮއިންޓާ އެކު އޮތީ ބާސެލޯނާ އެވެ. ހަމަ އެ އަދަދަށް ޕޮއިންޓް ލިބިގެން ގޯލުގެ ތަފާތުން އެތުލެޓިކޯ މެޑްރިޑް އޮތީ ދެވަނައިގައި އެވެ. އެ ދެ ޓީމަށް ވުރެން އެއް ޕޮއިންޓް މަދުން ލިބިގެން ތިން ވަނައިގައި އޮތީ ރެއާލް މެޑްރިޑެވެ. އެހެން ކަމުން ލީގް ކާމިޔާބު ކުރުމަށް ބާކީ އޮތް ތިން މެޗަކީ ވެސް މި ތިން ޓީމަށް ވަރަށް މުހިންމު ތިން މެޗެވެ.

"ލީގާ މެދުކުރެވޭ އުންމީދު ދެމެހެއްޓުމަށް ކުރިއަށް އޮތް ތިން މެޗު ވެސް ކާމިޔާބުކޮށް ނުވަ ޕޮއިންޓް ހޯދުމަކީ މަޖުބޫރު ކަމެއް. އަހަރެމެންނަށް އިނގޭ މިއަދުގެ މެޗަކީ ފަސޭހަ ނުވާނެ މެޗެއް ކަން. ވަރުގަދަ ޓީމަކާ ދެކޮޅަށް މި ނިކުންނަނީ،" މިރޭގެ މެޗުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރެއާލްގެ ކޯޗު ޒައިނުއްދީ ޒިދާން ބުންޏެވެ.

ރެއާލް މެޑްރިޑް ކުޅުނު މެޗެއްގައި ބެންޒެމާ އަދި ރޮންލްޑޯ އުފާފާޅު ކުރަނީ --- ފޮޓޯ:އޭޕީ

އަނިޔާގައި ހުރި ރޮނާލްޑޯ އާއި ބެންޒެމާއާ ގުޅޭ ގޮތުން ޒިދާން ބުނީ އެ ދެ ކުޅުންތެރިން ވެސް ސްކޮޑުން ބާކީކުރީ އަނިޔާގައި ހުރުމުގެ ސަބަބުން އިތުރު ރިސްކެއް ނަގަން ބޭނުން ނުވާތީ ކަމަށާއި ދެ ކުޅުންތެރިން ވެސް ރިކަވާ ވަމުން އަންނަނީ ހަލުވި ސްޕީޑެއްގައި ކަމަށެވެ.

"ކުރިއަށް އޮތީ ޗެމްޕިއަންސް ލީގްގެ މުހިންމު މެޗެއް. ދެ ކުޅުންތެރިންނަށް ލިބިފައިވަނީ އެހާ ސީރިއަށް އެންޖަރީ އެއް ނޫން. އެ މެޗަށް ދެ ކުޅުންތެރީން ވެސް ފިޓް ވެވޭތޯ ވަރަށް ބޮޑަށް މަސަތްކަތް ކުރަމުން ދަނީ،" ބެންޒެމާ ބުންޏެވެ.

ޗެމްޕިއަންސް ލީގްގެ ސެމީ ފައިނަލް ފުރަތަމަ މެޗުގައި ސިޓީ އާއި ރެއާލް ކުޅުނު މެޗު އެއްވެސް ޓީމަކަށް ގޯލެއް ކާމިޔާބު ނުކުރެވި ނިމުނު އިރު ދެވަނަ ލެގްގައި އަންނަ ބުދަ ދުވަހުގެ ރޭ ރެއާލްގެ ދަނޑުގައި އެދެޓީމް ނިކުންނައިރު އެ މެޗު ކާމިޔާބު ކުރާ ޓީމަކަށް ފައިނަލުން ފުރުސަތު ލިބޭނެ އެވެ.

ރެއާލްގެ ފަރިތަކުރުން ތަކުގައި ރޮނާްލްޑާ އަދި ބެންޒެމާ --- ފޮޓޯ: އޭޕީ

"އެ މެޗަށް ނިކުންނައިރު ބެންޒެމާ ސަތޭކަ ޕަސެންޓް ފިޓް ވާނެ. އުންމީދު ކުރަނީ ރޮނާލްޑޯ ވެސް އަނިޔާ އިން މުޅިން ރަނގަޅުވެ އެ މެޗުގައި ފެނިގެންދާނެ ކަމަށް،" ޒިދާން ބުންޏެވެ.

ރެއާލްގެ ފޯވާޑް ލައިންގައި އެންމެ މުހިންމު ރޯލެއް އަދާކުރަމުންދާ ރޮނާލްޑޯ އާއި ބެންޒެމާ އަކީ މި ސީޒަނުގައި އެ ޓީމަށް އެންމެ ގިނަ ގޯލު ވެސް ކާމިޔާބު ކޮށްދީފައިވާ ދެކުޅުންތެރިންނެވެ.

ލީގް ތާވަލުގެ 11 ވަނައިގައި އޮތް ރެއާލް ސޮސެއިޑާޑްއާ ދެކޮޅަށް ރެއާލް މެޑްރިޑް މިރޭ މެޗު ފަށާނީ ރާއްޖޭ ގަޑިން ހަތެއް ޖަހާ އިރު އެވެ.

comment ކޮމެންޓް