ސްޕެނިޝް ލަލީގާގައި ތާވަލުގެ އެންމެ ކުރީގައި އޮތް ރެއާލް މެޑްރިޑުން ދެވަނައިގައި އޮތް ޖިރޯނާ ބަލިކޮށް، ތާވަލުގެ އެއްވަނައިގައި ފަސް ޕޮއިންޓުގެ ލީޑެއް ނަގައިފިއެވެ.
ރެއާލްގެ ދަނޑުގައި ކުޅުނު މި މެޗު އެ ޓީމުން ކާމިޔާބު ކޮށްފައިވަނީ 4-0 އިންނެވެ.
މެޗުގެ ފުރަތަމަ ލަނޑު ޖަހައި ރެއާލުން ލީޑު ނަގާފައިވަނީ ހަވަނަ މިނެޓްގައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދިނީ ވިނީޝިއަސް ޖޫނިއާއެވެ. މިއީ މި ސީޒަންގައި އޭނާ ކާމިޔާބު ކުރި 12 ވަނަ ލަނޑެވެ. މެޗުގައި ރެއާލްގެ ދެވަނަ ލަނޑު މެޗުގެ 35 ވަނަ މިނެޓްގައި ކާމިޔާބު ކޮށްދިނީ މި ސީޒަންގައި ރެއާލަށް މޮޅު ކުޅުމެއް ދައްކަދެމުން އަންނަ ޖުޑް ބެލިންހަމްއެވެ.
މިމެޗުގައި ރެއާލްގެ ތިންވަނަ ލަނޑު މެޗުގެ 54 ވަނަ މިނެޓްގައި ޖަހައިދިނީ ވެސް ބެލިންހަމްއެވެ. މި ލަނޑާ އެކު އޭނާ މިހާރު ވަނީ މި ސީޒަންގައި 20 ލަނޑު ކާމިޔާބު ކޮށްދީފައެވެ. އަދި، ލަލީގާގައި އޭނާ ކާމިޔާބު ކޮށްފައިވާ 16 ލަނޑާ އެކު އޭނާ އުޅެނީ ލަނޑު ޗާޓްގެ ވެސް އެއްވަނައިގައެވެ. ނަމަވެސް ބެލިންހަމް ވަނީ އަނިޔާވެގެން ބާލައިފައެވެ.
ރެއާލްގެ ހަތަރުވަނަ ލަނޑު މެޗުގެ 61 ވަަނަ މިނެޓްގައި ޖަހައިދިނީ ރޮޑްރިގޯއެވެ.
މި ނަތީޖާއާ އެކު ރެއާލް މިހާރު ވަނީ ކުޅުނު 24 މެޗުން ލިބިފައިވާ 61 ޕޮއިންޓާއެކު ތާވަލުގެ އެއްވަނައިގައި ފަސް ޕޮއިންޓްގެ ލީޑެއް ނަގައިފައެވެ.
މެޗުން ބަލިވުމާއެކު ޖިރޯނާ އުޅެނީ 56 ޕޮއިންޓާ އެކު ތާވަލުގެ ދެވަނައިގައެވެ. މިއީ މި ފަހަރު ލީގުގައި ޖިރޯނާ ބަލިވި ދެވަނަ މެޗެވެ. މި ސީޒަންގައި ޖިރޯނާއިން ދައްކަމުން އަންނަ ކުޅުމުގެ ސަބަބުން ގިނަ ބަޔަކަށް ވަނީ ހައިރާންކަން ލިބިގެން ގޮސްފައެވެ.