"ރާއްޖޭގެ އަގާއި ހިދުމަތް އެއްވަރު"

ފަތުުވެރިން ރާއްޖޭގައި: ރާއްޖޭގެ އަގާމެދު ފަތުުރުވެރިންގެ ޝަކުވާއެއް ނެތް ކަމަށް ރިސޯޓު ހިންގާ ފަރާތްތަކުން ބުނޭ

ރާއްޖޭގައި ޗުއްޓީ ހޭދަކޮށްލުމަށް ރިސޯޓަކަށް ދިއުމަކީ ވަރަށް އަގުބޮޑު ކަމެއް ކަމަށާއި، ނަމަވެސް ރާއްޖެ އަކީ ހަމަ އެވަރުގެ އަގުހުރި ތަނެއް ކަމަށް ތައިލޭންޑުގެ ބޮޑެތި ހޮޓެލް ގްރޫޕުތަކުގެ ވެރިން ވިދާޅުވެއްޖެ އެވެ.

ސަން އަދި ޕަބްލިކް ސާވިސް މީޑިއާއަށް ދިން ހާއްސަ އިންޓަވިއުއެއްގައި ރާއްޖޭގައި ރިސޯޓު ހިންގަމުން އަންނަ ތައިލޭންޑުގެ ބޮޑެތި ގްރޫޕުތަކުން ބުނީ ހަޔާތުން އެންމެ ފަހަރަކު ނަމަވެސް ރާއްޖެއަށް ޒިޔާރަތް ކޮށްލުމަކީ އެތައް ބައެއްގެ ހުވަފެނެއް ކަމަށެވެ.

އޮނިކްސް ހޮސްޕިޓަލިޓީ ގްރޫޕުގެ ރައީސް އަދި ސީއީއޯ ޕީޓަރ ހެންލީ -- ސަން ފޮޓޯ

"ތައިލޭންޑުގެ ފަތުރުވެރިންވެސް ބުނޭ އެއްފަހަރު ވިޔަސް ރާއްޖެ ދާން ބޭނުމޭ. އެކަމަކު ރިސޯޓުތައް އަގުބޮޑު ކަމަށް ބުނަނީ،" ގދ. އަތޮޅުގައި އަމާރީ ހަވޮއްޑާ ރިސޯޓު ހިންގަމުން އަންނަ އޮނިކްސް ގްރޫޕުގެ ސީއީއޯ ޕީޓާ ހެންލީ ވިދާޅުވި އެވެ.

ޕީޓާ ވިދާޅުވީ ރާއްޖެއާ ބަލާފައި އަގު ބޮޑު ކަމަށް އޭނާ ގަބޫލުނުކުރައްވާ ކަމަށެވެ. އަދި އެއްފަހަރު ނަމަވެސް ރާއްޖެ އަންނަ ފަތުރުވެރިއަކު ފުރައިގެން ދަނީ ކުރެވުނު ހޭދައާ މެދު އެއްވެސް ޝަކުވާއެއް ނެތި ކަމަށްވެސް ހެންލީ ވިދާޅުވި އެވެ.

"އަގުބޮޑު ނަމަ ދެވަނަ ފަހަރަކަށް ނާންނާނެ ދެއްތޯ؟. އެކަމަކު އަޅުގަނޑުމެންނަށް ފާހަގަކުރެވޭ ހަމަ ތަކުރާރުކޮށް ފަތުރުވެރިން އަންނަކަން. އެހެންވީމަ ރާއްޖޭގައި ކުރި ހޭދައާ މެދު ހިތްހަމަ ޖެހިގެން ފަތުރުވެރިން ތިބެނީ،" އޭނާ ވިދާޅުވި އެވެ.

ރާއްޖޭގައި ދެ ރިސޯޓު ހިންގަމުން އަންނަ ސެންޓާރާ ހޮޓެލްސް އެންޑް ރިސޯޓްސްގެ ވައިސް ޕްރެޒިޑެންޓް ސުޕާރަތު ޗިރަތިވަތު ވެސް ވިދާޅުވީ ފަތުރުވެރިން ރާއްޖެއަށް އަންނަނީ ކުރާ ހަރަދަށް އެކަށީގެންވާ ހިދުމަތަކާ "އެކްސްޕީރިއަންސް" އެއް ލިބޭތީ ކަމަށެވެ.

ސެންޓާރާ އިންޓަނޭޝަނަލްގެ ވައިސް ޕްރެޒިޑެންޓް ސުޕާރަތު ޗިރަތިވަތު -- ސަން ފޮޓޯ

އަދި ރާއްޖޭގެ ގުދުރަތީ ރީތި ކަމަކީ އެހެން ތަންތަނުން ނުފެންނަ ފަދަ ރީތިކަމަކަށް ވުމާއި، ރާއްޖޭގެ ހިތްގައުމު މާހައުލަކީ ފަތުރުވެރިން ދެވަނަ ފަހަރަށްވެސް ރާއްޖެ އައުމަށް މަޖުބޫރު ކުރުވާ ކަމެއް ކަމަށް ބައެއް ހޮޓެލް ގްރޫޕުތަކުން ވަނީ ބުނެފަ އެވެ.

ރާއްޖޭގެ ނޫސްވެރިން ވަނީ ރާއްޖޭގައި މިހާރުވެސް ހަ ރިސޯޓު ހިންގަމުން އަންނަ މައިނަރ ގްރޫޕް އާއި ރާއްޖޭގައި ދެ ރިސޯޓު ހިންގަމުން އަންނަ ސެންޓާރާ ހޮޓެލްސް އެންޑް ރިސޯޓްސް، ޑުސިތު އިންޓަނޭޝަނަލް އަދި އޮނިކްސް ހޮސްޕިޓަލިޓީ ގްރޫޕް އާ ބައްދަލުކޮށްފަ އެވެ.

ހުރިހާ ގްރޫޕަކުންވެސް ވަނީ ރާއްޖޭގެ ފަތުރުވެރިކަމަށް ތައުރީފުކޮށް ވާހަކަދައްކާފަ އެވެ.

comment ކޮމެންޓް