ހަތަރު ރަށެއްގައި ބީއެމްއެލްގެ އިމާރާތް އަޅައިދޭނެ ފަރާތެއް ހޯދަނީ

މާލޭގައި ހުންނަ ބީއެމްއެލް ހެޑްއޮފީސް އިމާރާތް: އެ ކުންފުނިން ވަނީ ހަތަރު ރަށެއްގައި ބީއެމްއެލްގެ ބްރާންޗް ގާއިމްކުރުމަށް ނިންމާފައި

ރާއްޖޭގެ އިތުރު ހަތަރު ރަށެއްގައި ބީއެމްއެލްގެ ބްރާންޗްތައް ހުޅުވުމަށް އެ ބޭންކުން ނިންމައިފި އެވެ.

ހަތަރު ރަށެއްގައި ބީއެމްއެލްގެ ބްރާންޗްތައް ގާއިމްކުރުމަށް ޓަކައި އެ ބޭންކުން ވަނީ އެ ހަތަރު ރަށުގައި އިމާރާތްތައް ހަދައިދޭނެ ފަރާތެއް ހޯދަން އިއުލާނުކޮށްފަ އެވެ. އެ ހަތަރު ރަށަކީ ނ. ހޮޅުދޫ އާއި އެ އަތޮޅު ވެލިދޫ އަދި ތ. ގުރައިދޫގެ އިތުރުން ލ. ގަމެވެ.

ބީއެމްއެލް އިން ބުނީ އާ ބްރާންޗްތައް އެ ރަށްރަށުގައި ހަދަނީ ކުދި އާބާދީތަކަށް ހާއްސަކޮށް އާ މޮޑެލެއްގެ ދަށުންކަމަށެވެ. އެގޮތުން އެ ތަންތަނުގައި ބަހައްޓާނީ ސެލްފްސާވިސް އޭޓިއެއް ކަމަށާއި ކްރެޑިޓް އަދި ޑެބިޓް ކާޑުތައް ހެދުން ފަދަ އެޕްލިކޭޝަންތައް ބަލައިގަތުމަށް އެތަނުގައި މުވައްޒަފަކު ހުންނާނެ ކަމަށެވެ.

އޭގެ އިތުރުން ދުވަސް މީހުންނަށް އެހީތެރިވުމަށާއި އެ މީހުންގެ ޕެންޝަން ފައިސާ ބަލަހައްޓައިދިނުމަށް ވެސް އެތަންތަނުން އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް ބީއެމްއެލް އިން ބުންޏެވެ.

ބީއެމްއެލް އިން ވަނީ އެ ބޭންކުގެ ހިދުމަތް މިހާރަށް ވުރެ ފުޅާކުރުމަށް 300 މިލިއަން ރުފިޔާގެ އިންވެސްޓްމެންޓް ޕްރޮގްރާމެއް ފަށައިފަ އެވެ. އެގޮތުން އެ ޕްރޮގްރާމްގެ ދަށުން އާ ބްރާންޗްތައް ގާއިމްކުރުމާއި ސެލްފް ސާވިލް އޭޓީއެމް ފަދަ ޓެކްނޮލޮޖީގެ ހިދުމަތްތައް ފުޅާކުރުން ހިމެނެ އެވެ.

އެ ބޭންކުން މާލެ އާއި ރަށްރަށުގައި 27 ބްރާންޗް އަދި 75 އޭޓީއެމް ބަހައްޓާފައިވެ އެވެ.

comment ކޮމެންޓް