އިމްރާންގެ މައްސަލައިގައި ޝަރީއަތުން ހާޒިރުކުރަން ބުނި ބަހުގެ މުދީރު ހާޒިރު ނުކުރަން ނިންމައިިފި

އަދާލަތު ޕާޓީގެ ރައީސް އައްޝައިޚް އިމްރާން އަބްދުﷲ ކްރިމިނަލް ކޯޓަށް ހާޒިރު ކުރަނީ ---- ސަން ފޮޓޯ: ޔޫސުފް ސޮފްވާން

ދައުލަތުން ޓެރަރިޒަމްގެ ދައުވާ އުފުލާފައިވާ އަދާލަތު ޕާޓީގެ ރައީސް އައްޝައިޚް އިމްރާން އަބްދުﷲގެ މައްސަލައިގައި، ޝަރީއަތުގެ ފަރާތުން ހާޒިރުކުރަން ކުރިން ނިންމާފައިވާ މީހާ ހާޒިރު ނުކުރާގޮތަށް މިއަދު ނިންމައިފި އެވެ.

އިމްރާންގެ މައްޗަށް އުފުލާފައިވާ ދައުވާއާ ގުޅިގެން މިއަދު ބޭއްވި ޝަރީއަތުގެ މަޖިލީހުގައި މައްސަލަ ބައްލަވާ ގާޒީ ބާރީ ވިދާޅުވީ، ޝަރީއަތުގެ ފަރާތުން ކުރިން ހާޒިރުކުރަން ނިންމާފައިވަނީ ދިވެހި ބަހުގެ މުދީރެއް ކަމަށެވެ. އަދި އެއީ ދިވެހި ބަހުން ދައްކާފައިހުރި ވާހަކަތަކެއް ޝަރީއަތުގެ މަޖިލީހަށް ދޭހަކޮށްދިނުމަށް ކަމަށްވެސް ބާރީ ވިދާޅުވި އެވެ. ނަމަވެސް "ބަޔަކު އެކަންވެސް އޮޅުވާލަން މަސައްކަތްކޮށްފައި" ވާ ކަމަށް ބާރީ ވަނީ ވިދާޅުވެފަ އެވެ.

އިމްރާނުގެ މައްޗަށް ދައުލަތުން ކުރި ދައުވާގައި ބުނެފައި ވަނީ އެކެއް މެއި 2015 ވަނަ ދުވަހު "އަނިޔާވެރިކަން ނިންމަން" މި ނަމުގައި މާލޭގައި ބޭއްވި މުޒާހަރާގައި އިމްރާން އަނިޔާވެރިކަމަށް ހިތްވަރު ލިބޭ ގޮތަށް ވާހަކަ ދެއްކެވުމުން މުޒާހަރާގެ ބައިވެރީން ފުލުހުން ބަންދުކޮށްފައިވާ ސަރަހައްދަށް ވަދެ، އަމަން ބަލަހައްޓަން ތިބި ފަރާތްތަކަށާއި ރައްޔިތުންގެ މުދަލަށް ގެއްލުން ދީފައިވާ ކަމަށެވެ.

މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި އިމްރާންގެ އަޑު ޔަގީން ކުރުމަށް ހެދި އޯޑިއޯ އެނަލިސިސް ރިޕޯޓު މިއަދު ޝަރީއަތަށް ވަނީ ހުށަހަޅާފަ އެވެ. އިމްރާންގެ ވަކީލު ހުސްނުއްސުއޫދު ވިދާޅުވީ އެ ރިޕޯޓާއި ބެހޭގޮތުން އެއްވެސް ވާހަކައެއް ދައްކަން ނެތް ކަމަށެވެ. ދައުލަތުގެ ވަކީލާ ވިދާޅުވީ އެ ރިޕޯޓައި ގުޅިގެން ވާހަކައެއް ދައްކާނަމަ ހުލާސާ ބަޔާނުގައި ހިމަނާނެ ކަމަށާއި ހުލާސާ ބަޔާން އިއްވުމަށް ފުރުސަތު ދިނުމަށް އެދޭ ކަމަށެވެ.

އިމްރާންގެ މައްސަލާގެ ހުލާސާ ބަޔާން އިއްވުމަށް އާދިއްތަ ދުވަހު އިތުރު އަޑުއެހުމެއް ބާއްވާނެކަމަށް ގާޒީ ބާރީ ވަނީ ވިދާޅުވެފަ އެވެ.

މީގެ ކުރިން އިމްރާންގެ މައްސަލަ ބައްލަަވަމުން ގެންދެވީ ތިން ފަނޑިޔާރުން އެކުލެވޭ ބެންޗަކުންނެވެ. އެ ބެންޗުގައި ހިމެނިވަޑައިގަންނަވަނީ ގާޒީ އަބްދުލް ބާރީ ޔޫސުފް އާއި ގާޒީ އަބްދުﷲ ނަޝީދު އާއި ގާޒީ އަހުމަދު ސަމީރު އަބްދުލްއަޒީޒު އެވެ. ނަމަވެސް އެ ބެންޗު އުވާލައްވައި މައްސަލަ ހަމައެކަނި ގާޒީ އަބްދުލް ބާރީ ޔޫސުފް ބައްލަވާގޮތަށް ވަނީ ހަމަޖައްސަވާފަ އެވެ.

comment ކޮމެންޓް