އަމިއްލަ ކުންފުންޏެއްގެ އޮފީހުން ދެ މިލިއަން ރުފިޔާ ވަގަށްނެގި މީހަކު ހައްޔަރުކޮށްފި

ކްރިމިނަލް ކޯޓު -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އަމިއްލަ ކުންފުންޏެއްގެ އޮފީހަށް ވަދެ، އެތަނުން ގާތްގަނޑަކަށް ދެ މިލިއަން ރުފިޔާ ވަގަށް ނެގި މީހަކު ހައްޔަރުކޮށްފިއެވެ.

މި މައްސަލައިގައި ހައްޔަރުކޮށްފައި ވަނީ، މާލެއަށް ނިސްބަތްވާ އުމުރުން 38 އަހަރުގެ ފިރިހެނެކެވެ. މި މައްސަލައިގައި ކްރިމިނަލް ކޯޓުން ވަނީ އޭނާގެ ބަންދަށް 15 ދުވަސް ޖަހާފައެވެ.

ކޯޓު އަމުރުގައި ވާގޮތުން މި ވައްކަމުގައި އޭނާއާއެކު އިތުރު ބަޔަކު ބައިވެރިވިކަމަށް ބެލެވެއެވެ. އަދި ވައްކަން ކުރުމުގެ އިތުރުން، ވައްކަމުގައި ބައިވެރިވި އިތުރު މީހަކު ފިލުވަން އެހީތެރިވިކަމަށް ވެސް އޭނާގެ މައްޗަށް ތުހުމަތު ކުރެއެވެ.

ކޯޓު އަމުރުގައި ވަނީ އޭނާ ވައްކަން ކުރިކަމަށް ކޮންމެވެސް ވަރަކަށް ހެކި ހުށަހަޅާފައި ވާކަމަށެވެ. އެގޮތުން ހެކިންގެ ބަޔާނާއި، ސީސީޓީވީ ސްނެޕްޝޮޓް، އިންޓެލިޖެންސް ރިޕޯޓު އަދި ކޯލް ޑީޓެއިލްސް ރިޕޯޓެއް ވެސް ހުށަހަޅާފައި ވާކަމަށް ކޯޓު އަމުރުގައި ވެއެވެ.

އެހެންކަމުން މުޖުތަމައުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވާނެކަމަށް ބެލެވޭތީ އޭނާ ބަންދުކުރަން އަމުރުކުރީ ކަމަށް ކޯޓު އަމުރުގައި ވެއެވެ.

މިފަހުން ބޮޑު އަދަދުތަކުން ވައްކަން ކުރުމުގެ ގިނަ މައްސަލަތަކެއް ފެންމަތިވެފައިވެއެވެ.

comment ކޮމެންޓް