ދާޚިލީ ހަނގުރާމަތަކާއި ތެލުގެ އަގު ދަށަށް ދިޔުމުގެ ސަބަބުން އަރަބި އިގްތިސާދުތައް އިނދަޖެހެނީ

ވޮޝިންޓަން (ޖަނަވަރީ 8) : ދާޚިލީ ހަނގުރާމަތަކާއި ތެލުގެ އަގު ދަށަށް ދިޔުމުގެ ސަބަބުން އަރަބި ގައުމުތަކުގެ އިގްތިސާދުތައް ބަލިކަށިވެ އިނދަޖެހުން ދާކަމަށާއި މިއަހަރު ތެރޭގައި އަރަބި އިގްތިސާދީ ކުރިއެރުން ވަރަށްބޮޑަށް ދަށަށްދާނެކަމަށް ވޯލްޑް ބޭންކުން ބުނެފިއެވެ.

އެ ބޭންކުން ނެރުނު އައު ރިޕޯޓެއްގައި ތެލުގެ އަގުދަށަށް ދިޔުމުގެ ސަބަބުން ގަލްފުގެ އަރަބި ގައުމުތަކުގެ އިތުރުން ތެލުގެ އާމްދަނީ ލިބޭ އަރަބި އެހެން ގައުމުތައްކަމަށްވާ އިރާގު، މިސްރު، އަލްޖަޒާއިރު ލީބިޔާ އަދި ސޫދާން ފަދަ ގައުތަކުގެ އިގްތިސާދީ ދުވެލިވެސް ވަރަށް ބޮޑަށް ހީނަރުވެގެންދާނެ ކަމަށް ބުނެފައިވެއެވެ.

ތެލުގެ އަގުވަނީ ފީފާއަކަށް ގާތްގަނޑަކަށް 90 ޑޮލަރުން 28 ޑޮލަރަށް ފާއިތުވި ތިން އަހަރު ތެރޭގައި ދަށަށްގޮސްފައެވެ. މިކަމުގެ ސަބަބުން ގަލްފުގެ ގައުމުތަކަށް 350 ބިލިޔަން ޑޮލަރަށްވުރެ ބޮޑު ގެއްލުމަކާ މިއަހަރު ކުރިމަތިލާންޖެހޭނެކަމަށް ވެއެވެ.
މީގެއިތުރުން ސޫރިޔާގެ ދާޚިލީ ހަނގުރާމައިގެ ސަބަބުން އެގައުމާ އަދި އެހެން އަރަބި ގައުމުތަކަށް 30 ބިލިޔަން ޑޮލަރުގެ ގެއްލުމަކާވެސް ކުރިމަތިލާންޖެހޭނެކަމަށް ވޯލްޑް ބޭންކުން ބުނެއެވެ. އަދި އިރާގުގައި ހިނގާ ހަނގުރާމައިގެ ސަބަބުން 12 ބިލިޔަން ޑޮލަރުގެ ގެއްލުކަމާ ކުރިމަތިލާންޖެހޭއިރު ލީބިޔާގައި ހިނގާ ސިޔާސީ ކޯޅުންތަކާއި އެގައުމުގެ ތެލުގެ ވަސީލަތްތަކަށް އައިއެސް ޖަމާއަތުން ދޭ ގެއްލުންތަކުގެ ސަބަބުންވެސް 10 ބިލިޔަން ޑޮލަރުގެ ގެއްލުމަކާ ކުރިމަތިވާނެ ކަމަށް އެބޭންކުން ލަފާކުރެއެވެ.

މިގެއްލުންތަކަށް ލަފާކޮށް އަރަބި ގައުމުތަކުގެ އިގްތިސާދު މިއަހަރު ތެރޭގައި ކުރިޔަށްދާނެކަމަށް ވޯލްޑް ބޭންކުން ލަފާކޮށްފައިވަނީ 2.6 އިންސައްތައިގައި ކަމަށްވެސް ވޯލްޑްބޭންކުގެ ރިޕޯޓް ބުނެއެވެ. އަރަބި ގައުމުތަކަކީ ތެލުގެ އަގު ދަަަަށަށް ދިޔުމާއި ދާޚިލީ ހަނގުރާމަތަކުގެ ކުރިން 5 އިންސައްތައާއި 7 އިންސައްތައާ ދެމެދުގެ މިންވަރެއްގައި އިތްިސާދީ ކުރިއެރުން ހާސިލް ކުރަމުން ގެންދިޔަ ގައުމުތަކެެކެވެ.

މަސްދަރު: ރޮއިޓާސް

comment ކޮމެންޓް