ޗެންނާއި އަށް ބޯކޮށް ވާރޭވެހި ފެންބޮޑު ވެއްޖެ

ޗެންނާއީގެ ހޮސްޕިޓަލެއްގައި ތިބި ބަލި މީހުން ސަލާމަތް ކުރަނީ -- ފޮޓޯ:

ޗެންނާއީ (ޑިސެމްބަރު 2) : އިންޑިއާގެ ޗެންނާއީ އަށް ބޯކޮށް ވާރޭ ވެހި ދަތުރުފަތުރު ކުރުމަށް އުނދަގޫވާ ވަރަށް ފެން ބޮޑު ވެއްޖެ އެވެ.

ދެ ދުވަސް ވަންދެން ވެހުނު ވާރޭގެ ސަބަބުން ހާލުގައި ޖެހިފައި ތިބި މީހުން ސަލާމަތްކުރުމަށް އިންޑިއާގެ އަސްކަރިއްޔާ އިން ދަނީ މަސައްކަތް ކުރަމުންނެވެ.

ޗެންނާއީ އެއާޕޯޓުގެ ރަންވޭގައި ފެންބޮޑުވުމުގެ ސަބަބުން ފްލައިޓުތައް ވަނީ ވަގުތީ ގޮތުން މެދުކަނޑާލާފަ އެވެ. އޭގެ ސަބަބުން 400 ވަރަކަށް ފަސިންޖަރުން އެއާޕޯޓުގައި ތާށިވެފައިވާ ކަމަށް ރިޕޯޓުތަކުގައިވެ އެވެ. މީގެ އިތުރުން ރޭލު ދުއްވާ ޓްރެކްތަކުގައި ފެންބޮޑު ވުމުގެ ސަބަބުން ގިނަ އަދަދެއްގެ ރޭލުތައް ވެސް ވަނީ ދަތުރުކުރުން ހުއްޓާލާފަ އެވެ.

ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން ޗެންނާއީގެ 60 ޕަސެންޓް ރައްޔިތުންނަށް ކަރަންޓުގެ ހިދުމަތް މެދުކެނޑިފައިވާ ކަމަށް ވެސް ރިޕޯޓުތަކުގައިވެ އެވެ. އަދި ގިނަ މަގުތަކުގައި ފެންބޮޑުވެފައި ވުމުގެ ސަބަބުން ހަ ޑިސްޓްރިކްޓެއްގެ ސްކޫލްތަކާއި ކޮލެޖްތައް ބަންދުކޮށްފައިވާ ކަމަށް ވެސްވެ އެވެ.

ޗެންނާއީގެ ވަށައިގެންވާ ކޯރުތައް ފުރިގެން ބަންޑުން ވުމުގެ ސަބަބުން ކޯރު ކައިރީގައި ދިރިއުޅެމުންދާ ހާހަކަށް ވުރެ ގިނަ މީހުން ވަނީ ސަލާމަތީ ސަރަހައްދުތަކަށް ބަދަލުކޮށްފަ އެވެ. އަދި ޗެންނާއީގެ ހޮސްޕިޓަލެއްގައި ތިބި ބަލި މީހުން ވެސް ވަނީ ސަލާމަތް ކޮށްފަ އެވެ.

އިންޑިއާގެ މޫސުމާ ބެހޭ އިދާރާ އިން ވަނީ ކުރިއަށް އޮތް ތިން ދުވަހަށް ވާރޭ ވެހޭނެ ކަމަށް ލަފާ ކޮށްފަ އެވެ.

މައުލޫމާތު: ބީބީސީ

ގުޅޭ ޓެގު
comment ކޮމެންޓް