ރާއްޖޭގައި ހޮލީވުޑް ފިލްމެއްގެ މަންޒަރުތައް ނަގަން ހެލިކޮޕްޓަރެއް ގެނެސްފި

ރާއްޖެއަށް ގެނައި ހެލިކޮޕްޓަރު އެމްޕީއެލްގައި ބާއްވާފައި: އެއީ ހޮލީވުޑްގެ ފިލްމެއް ރާއްޖޭގައި ނެގުމަށް ގެނައި ހެލިކޮޕްޓަރެއް --- ފޮޓޯ/ ކިޔުންތެރިއެއް

ހޮލީވުޑްގެ ފިލްމެއްގެ މަންޒަރުތަކެއް ރާއްޖޭގައި ނެގުމަށްޓަކައި ހެލިކޮޕްޓަރެއް ރާއްޖެއަށް ގެނެސްފި އެވެ.

ހެލިކޮޕްޓަރު މި ވަގުތު އޮތީ މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ސަރަހައްދުގަ އެވެ. އެމްޕީއެލްގެ މިޑިއާ އޮފިސަރު ވަނީ އެމްޕީއެލް ސަރަހައްދުގައި ހެލިކޮޕްޓަރެއް އޮތްކަން ކަށަވަރުކޮށްދީފަ އެވެ.

އެކަމާ ގުޅޭގޮތުން ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު މިއަދު "ސަން"އަށް ވިދާޅުވީ އެ ހެލިކޮޕްޓަރަކީ އެއްވެސް ޕަބްލިކް ނުވަތަ ޕަސެންޖާ ޓްރާންސްޕޯޓަށް ބޭނުން ކުރާނެ ހެލިކޮޕްޓަރެއް ނޫން ކަމަށެވެ.

"ލ. އަތޮޅު ސަރަހައްދުގައި ބޭރުގެ ކުންފުންޏަކުން ނަގާ ފިލްމެއްގައި ބޭނުންކުރަން ގެނެސްފައި އޮތް އެއްޗެއް އެއީ. އެއީ ހޮލީވުޑްގެ ފިލްމެއްގައި ބޭނުންކުރަން ގެނެސްފައިވާ އެއްޗެއް،" ޒަމީރު ވިދާޅުވި އެވެ.

މިނިސްޓަރު ޒަމީރު ވިދާޅުވީ އެ ހެލިކޮޕްޓަރު ރާއްޖެއަށް ގެނެސްފައި ވަނީ ސިވިލް އޭވިއޭޝަން އޮތޯރިޓީން ނަގަންޖެހޭ ހުއްދަތައް ވެސް ނެގުމަށްފަހު ކަމަށާއި ހެލިކޮޕްޓަރުގެ ކަންކަން އެ އޮތޯރިޓީން މެނޭޖްކޮށް ބަލަހައްޓާނެ ކަމަށެވެ.

އެނގިފައިވާ ގޮތުގައި ހޮލީވުޑް ފިލްމުގެ މަންޒަރުތައް ނަގާނީ ގެސްޓްހައުސް ވިޔަފާރި ތަރައްގީ ކުރަމުން އަންނަ ލ. ބަރެސްދޫ އާއި ގަމުގެ އިތުރުން އެއަތޮޅު ދެ ފަޅުރަށެއް ވެސް ބޭނުންކޮށްގެނެވެ. އަދި ފިލްމުގެ ތައްޔާރީތައް ވުމަށް ބޭރުގެ ކްރޫއިންނާ އެކު ލ. އަތޮޅުން ގާތްގަނޑަކަށް 200 ވަރަކަށް މީހުން ދަނީ ހަރަކާތްތެރިވަމުންނެވެ.

އެ ފިލްމުގެ މަސައްކަތްތައް ކުރުމަށް ރާއްޖެއަށް އައިސްފައިވާ ބޭރުގެ ފިލްމް ކްރޫގައި ވެސް 200 އެއްހާ މީހުން ހިމެނެ އެވެ. ފަހުގެ ޓެކްނޮލޮޖީތައް ވެސް ބޭނުންކޮށްގެން ކުޅުމަށް ހަމަޖެހިފައިވާ އެ ފިލްމަށް އެ ރަށްތައް ތައްޔާރުކުރުމުގެ މަސައްކަތް ރާއްޖޭން އެކަމަށް ނެގި މީހުންނާއި ބޭރުގެ ފިލްމް ކްރޫއިން ގުޅިގެން އަންނަނީ ކުރަމުންނެވެ.

މީގެ ކުރިން ރާއްޖޭގައި ހޮލީވުޑް ފިލްމެއްގެ މަންޒަރެއް ނަގާފައެއް ނުވެއެވެ. ނަމަވެސް 1980 ވަނަ އަހަރު ބޮލީވުޑް ފިލްމެއްގެ މަންޒަރުތަކެއް ވަނީ ރާއްޖޭގައި ނަގާފަ އެވެ.

comment ކޮމެންޓް