3،000 ހަމަނުވާ ރަށްތަކުގައި ތިން ކައުންސިލަރުން އިންތިޚާބު ކުރަންޖެހޭ ގޮތަށް ކޮމެޓީން ފާސްކޮށްފި

މީގެކުރިން ބޭއްވި މަޖިލީހުގެ ކޮމެޓީ ބައްދަލުވުމެއްގެ ތެރެއިން: މިރޭ ގައުމީ ސަލާމަތާ ބެހޭ ކޮމެޓީން ވަނީ 3،000 ހަމަނުވާ ރަށްތަކުގައި ތިން ކައުންސިލަރުން އިންތިޚާބު ކުރަންޖެހޭ ގޮތަށް ގާނޫނަށް އިސްލާހު ގެންނަން ފާސްކޮށްފަ

އާބާދީގައި 3،000 މީހުން ހަމަނުވާ ރަށްރަށަށް ތިން ކައުސިލަރުން އަދި އެއަށް ވުރެ ބޮޑު އާބާދީގެ ރަށްރަށަށް ފަސް ކައުންސިލަރުން އިންތިޚާބުކުރާ ގޮތަށް، ރާއްޖޭގެ އިދާރީ ދާއުރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނު އިސްލާހުކުރަން ރައްޔިތުންގެ މަޖިލީހުގެ ގައުމީ ސަލާމަތާ ބެހޭ ކޮމިޓީން ނިންމައިފި އެވެ.

އެ ކޮމެޓީގެ މެމްްބަރަކު ސަން އަށް ވިދާޅުވީ އެގޮތަށް ފާސްކޮށްފައި ވަނީ މިރޭ ބޭއްވި ކޮމެޓީގެ ބައްދަލުވުމުގައި ކަމަށެވެ.

ސަން އަށް މައުލޫމާތު ދެއްވި މެމްބަރު ވިދާޅުވީ ކޮމެޓީން އެ ގާނޫނަށް ގެނައި އިސްލާހު މަޖިލީހުގެ ޖަލްސާއިން ފާސްކޮށްފިނަމަ ދެ އިންތިޚާބީ ދާއިރާއަށް ވުރެ ގިނަ އިންތިޚާބީ ދާއިރާ ހިމެނޭ އިދާރީ ދާއިރާތަކުން، އެ ދާއިރާއެެއްގެ އަތޮޅު ކައުންސިލަށް އިންތިހާބުކުރާނީ ކޮންމެ އިދާރީ ދާއިރާއަކުން އެއް ކައުންސިލަރުން ކަމަށެވެ.

އެ އިސްލާހު ފާސްވެއްޖެނަމަ ދެ އިންތިޚާބީ ދާއިރާ ހިމެނޭ އިދާރީ ދާއިރާތަކުން އެ އިދާރީ ދާއިރާއެެއްގެ އަތޮޅު ކައުންސިލަށް އިންތިޚާބުކުރާނީ މުޅި އަތޮޅުން ތިން ކައުންސިލަރުން ކަމަށް ވެސް މެމްބަރު ވިދާޅުވި އެވެ.

މިރޭގެ ކޮމެޓީގައި ވާހަކަފުޅުދެއްްކެވި އެމްޑީޕީގެ މެމްބަރުން ވަނީ އެލްޖީއޭގެ ރައީސަށް ކައުންސިލަރުން ސަސްޕެންޑު ކުރުމުގެ ބާރު އޮންނާތީ އެކަމާ ކަންބޮޑުވުންފާޅު ކުރައްވައިފަ އެވެ.

މައްޗަންގޯޅި އުތުރު ދާއިރާގެ މެމްބަރު މާރިޔާ އަހްމަދު ދީދީ ވިދާޅުވީ މާލޭގައި ހުންނަ މިނިސްޓަރަކަށް ކައުންސިލަރުން ސަސްޕެންޑު ކުރެވޭގޮތަށް އޮތުމަކީ ގަބޫލު ކުރެވޭނެ ކަމެއް ނޫން ކަމަށެވެ. ހަމައެހެންމެ ކައުންސިލަރުންގެ މުސާރަ ކުޑަކުރަން ތާއީދު ނުކުރައްވާ ކަމަށް ވިދާޅުވެ މާރިޔާ ވަނީ މިރޭ ވާހަކަފުޅު ދައްކަވާފައެވެ.

އެހެންނަމަވެސް ޕީޕީއެމްގެ މެމްބަރުން ވަނީ އެ ބިލަށް ތާއީދު ކުރައްވައި ވާހަކަފުޅު ދައްކަވާފައެވެ.

ޕީޕީއެމްގެ މެމްބަރުން ވިދާޅުވީ އެއީ ކައުންސިލްތައް އިތުރަށް ހަރުދަނާ ކުރުމުގެ ގޮތުން ގެންނަ ބަދަލެއް ކަމަށެވެ. އަދި އެކަމުގެ ސަބަބުން ސަރުކާރުގެ ޚަރަދު ކުޑަކުރެވިގެންދާނެ ކަމަށް ވެސް ޕީޕީއެމްގެ މެމްބަރުން ވިދާޅުވި އެވެ.

މީގެކުރިން އެބިލަށް ކޮމެޓީން ބަދަލުގެނައީ 1500 އަށްވުރެ މަދު އާބާދީތަކުގައި ތިން ކައުންސިލަރުން ބައިތިއްބާ ގޮތަށެވެ. ނަމަވެސް މިމަހުގެ 22 ވަނަ ދުވަހު ބޭއްވި ޖަލްސާގައި ނެގި ވޯޓުގައި 54 މެމްބަރަކު ވަނީ އެ ބިލް ފާސްކުރަން ނުފެނަނަ ކަމަށް ވޯޓުދެއްވާފައެވެ. އަދި އެދުވަހު އެ ބިލް އަނބުރާ ކޮމެޓީއަށް ފޮނުވާލީ އެވެ.

މިފަހަރު ފާސްކުރު އެ ބިލް މަޖިލީހުގެ ތަޅުމަށް ފޮނުވާނެ ވަކި ދުވަހެއް މިރޭގެ ކޮމެޓީ ބައްދަލުވުމުގައި އިއުލާންކޮށްފައެއް ނުވެއެވެ.

comment ކޮމެންޓް