ދައުރު ނިމޭއިރު ފަތުރުވެރިކަމުން އަހަރަކު ހަ ބިލިއަން ޑޮލަރު ލިބޭނެ: ފައިސަލް

އަރަބިއަން ޓްރެވަލް މާކެޓު ފެެއާގައި ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް ވާހަކަދައްކަވަނީ -- ފޮޓޯ/ ޓޫރިޒަމް މިނިސްޓަރީ

ދައުރު ނިމޭއިރު ދެ މިލިއަން ފަތުރުވެރިންނާއި، އާމްދަނީގެ ގޮތުގައި އަހަރަކު ހަ ބިލިއަން ޑޮލަރު ލިބޭނެކަމަށް ލަފާކުރެވޭ ކަމަށް ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް މިއަދު ވިދާޅުވެއްޖެއެވެ.

މިހާރު ދުބާއީގައި ކުރިއަށްދާ އަރަބިއަން ޓްރެވަލް މާކެޓު (އޭޓީއެމް) ފެެއާގައި ވާހަކަދައްކަވަމުން މިނިސްޓަރު ފައިސަލް ވަނީ، ފަސް އަހަރުގެ ޓޫރިޒަމް މާސްޓަ ޕްލޭނަށް އަލިއަޅުވާލައްވައި، 2027 ވަނަ އަހަރުގެ ނިޔަލަށް ދެ މިލިއަން ފަތުރުވެރިންނާ އެކު އާމްދަނީގެ ގޮތުގައި އަހަރަކު ހަ ބިލިއަން ޑޮލަރު ލިބޭނެ ކަމަށް ލަފާކުރެވޭ ކަމަށް ވިދާޅުވެފައެވެ.

މިގޮތުން ފަތުރުވެރިކަން ކުރިއަރުވަން ރައީސް ޑރ. މުހައްމަދު މުއިއްޒު އުފައްދަވާފައިވާ ވިޒިޓާ އިކޮނޮމީ ކައުންސިލާ ގުޅޭ ގޮތުން ވެސް މިނިސްޓަރުގެ ވާހަކައިގައި އަލިއަޅުއްވައިލެއްވިއެވެ.

އެގޮތުން، ވިޒިޓާ އިކޮނޮމީ ކައުންސިލަކީ ސްޕޯޓްސް ޓޫރިޒަމް، ސަގާފީ އެކްސްޕްލޯރޭޝަން، އަދި ކޮމިއުނިޓީ އެންގޭޖްމަންޓް ހިމެނޭ ގޮތަށް ފަތުރުވެރިންނަށް ފުޅާ ދާއިރާއެއްގައި ތަޖުރިބާތައް ފޯރުކޮށްދީ، ގިނަ ކަންތައްތަކެއް ހިމެނޭ މަންޒިލެއްގެ ގޮތުގައި ރާއްޖެ ކުރިއެރުވުމަށް އަަޅާ ފިޔަވަޅެއްކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.

މިނިސްޓަރު ފައިސަލް ވަނީ ދާދި ފަހުން އެކުލަވައިލި އީކޯ ޓޫރިޒަމް ފްރޭމްވޯކާއި ރޯޑްމެޕަށް ވެސް އަލިއަޅުވާލައްވާފައެވެ.

ދުބާއީގައި ކުރިއަށްދާ އަރަބިއަން ޓްރެވަލް މާކެޓު (އޭޓީއެމް)ގައި ރާއްޖެއާ އެކު ދަތުރުފަތުރުގެ ގުޅުން އިތުރުކުރުމަށް މެދުއިރުމަތީގެ ބައިވެރިންނާ އެކު އުއްމީދީ ގުޅުންތަކެއް ގާއިމްކުރާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

comment ކޮމެންޓް