ލަންކާގެ ވިސާ ފީ ބޮޑުކުރުމުން ކަންބޮޑުވުން ފާޅުކުރަނީ

ސްރީލަންކާގެ މައި އެއާޕޯޓު --

ސްރީލަންކާގެ ވިސާ ފީ ބޮޑުކުރުމުގެ ސަބަބުން އެ ގައުމުގެ ފަތުރުވެރިކަމުގައި އިސްކޮށް އުޅޭ ލީޑަރުން ކަންބޮޑުވުން ފާޅުކުރަން ފަށައިފިއެވެ.

ވިސާގެ އަގު ބޮޑުކުރުމާ ގުޅިގެން އެ މީހުން ވަނީ ކުރީގެ އަގުހެޔޮ ރޭޓްތަކަށް އެނބުރި ދިއުމަށް ރައީސް ރަނިލް ވިކްރަމަސިންހަގެ ކިބައިން ވެސް އެދިވަޑައިގެންފައެވެ.

ވިސާ ފީ ބޮޑުކުރުމަށް ލަންކާއިން ނިންމިއިރު، މި އަހަރުގެ ނިޔަލަށް 2.5 މިލިއަން ފަތުރުވެރިން ގެނައުމަށް ލަންކާއިން އޮތީ އަމާޒު ހިފާފައެވެ.

މީގެ ކުރިން ލަންކާއަށް ދިއުމަށް 50 ޑޮލަރަށް 30 ދުވަހުގެ ވިސާ ދެއެވެ. ނަމަވެސް, މިހާރު ވަނީ 101 ޑޮލަރަށް ހަ މަސް ދުވަހަށް ވިސާޖަހަންޖެހޭގޮތަށް ހަމަޖައްސާފައެވެ.

ހިތްހަމަނުޖެހުން ފާޅުކޮށް މީޑިއާއާ ވާހަކަދައްކަމުން ލަންކާގެ ފަތުރުވެރިކަމުގައި އިސްކޮށް އުޅޭ މީހުން ބުނެފައިވަނީ ފަތުރުވެރިކަމުގެ ދާއިރާގެ ވާދަވެރިކަން ދެމެހެއްޓުމަށް އަވަސް ފިޔަވަޅުތަކެއް އަޅަންޖެހޭ ކަމަށެވެ. އަދި, ފަތުރުވެރިން ޒިޔާރަތްކުރުމަށް ބާރުއެޅުމުގެ ގޮތުން ދަތުރުފަތުރުގެ ހަރަދުތައް އެކަށީގެންވާ އަގެއްގައި ބެހެއްޓުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވާފައިވެއެވެ.

ލަންކާގެ ފަތުރުވެރިކަމުގައި އިސްކޮށް އުޅޭ ލީޑަރުން ބުނީ ފަތުރުވެރިންގެ އަތުން ބޮޑެތި ފީތައް ނަގާނަމަ، ފަތުރުވެރިން ޚިޔާރުކުރާނީ ތައިލެންޑާއި ވިއެޓްނާމް ފަދަ ޚަރަދު ކުޑަ މަންޒިލްތައް ކަމަށެވެ.

ލަންކާގެ ވިސާ ފީއަށް ގެނައި ބަދަލާ އެކު އެ ގައުމު ވެގެން ގޮސްފައިވަނީ އޭޝިޔާ ސަރަހައްދުގައި ވެސް ވިސާ އެންމެ އަގު ބޮޑު ގައުމަށެވެ.

ސަރަހައްދީ ގައުމަތަކުން ވިސާ ފީގެ ގޮތުގައި ނަގާ އަދަދަށްބަލާއިރު، ޔޫރަޕުގެ ގައުމުތަކުން އިންޑިއާއަށްދާ ޓޫރިސްޓުންނަށް ވިސާ ފީގެ ގޮތުގައި ދައްކަންޖެހެނީ 40-25 ޑޮލަރެވެ. ލަންކާގެ ވިސާ ފީ ބޮޑުވުމުން ފަތުރުވެރިން ޚިޔާރުކުރާނީ ތައިލެންޑާއި ވިއެޓްނާމް ފަދަ ގައުމުތައް ކަމަށް ލަންކާގެ ފަތުރުވެރިކަމުގެ ލީޑަރުން ބުނިއިރު، ތައިލެންޑުން ގިނަ ސަރަހައްދުތަކެއްގެ ގައުމުތަކަށް 30 ދުވަހުގެ ވިސާ ހިލޭ ލިބެއެވެ. އަދި, ވިއެޓްނާމްގައި 45 ދުވަހާ ހަމަޔަށް ވިސާ ލިބެއެވެ. އަދި, ހިލޭ ވިސާ ނުލިބޭ ބައެއް ގައުމުތަކުގެ ޓޫރިސްޓުންގެ އަތުން ނަގަނީ ދުވާލަކަށް ތިރީހަކަށް ޑޮލަރެވެ.

ލަންކާގެ ވިސާ ފީއަށް ގެނައި ބަދަލާ އެކު ކަންބޮޑުވުންތައް ފާޅުކުރަމުންދިޔަ ނަމަވެސް، އެ ގައުމުގެ ކަމާބެހޭ ފަރާތްތަކުން ވަނީ އިލެކްޓްރޯނިކް ޓްރެވަލް އޮތޮރައިޒޭޝަނުން އާ އީ-ވީސާ ސިސްޓަމަކަށް ބަދަލުވުމުން، ދަތުރުވެރިންނަށް ރަނގަޅު ވަސީލަތްތައް ފަސޭހައިން ލިބިގެންދާނެ ކަމަށް ބުނެ އެ ނިންމުން ދިފާއުކޮށްފައެވެ.

comment ކޮމެންޓް