ޕިކްސީ ހެއާ ސްޓައިލް ގޮސްފި، މިހާރު މިކްސީ

ސްޓައިލް ބަދަލުކޮށްލައި މީހާގެ ބޭރު ފުށަށް ކޮންމެ ވެސް ވަރެއްގެ ބަދަލެއް ގެނައުމަކީ ވަރަށް ގިނަ ފަހަރަށް މީހާއަށް ނަފުސާނީ ގޮތުން ވެސް ހެޔޮ ބަދަލެއް އައުމަށް އެހީތެރިވެދޭ ކަމެކެވެ. އޭގެ ތެރެއިން އެންމެ ގިނަ ބަޔަކު ހިޔާރު ކުރާ އެއް ކަމަކީ އިސްތަށިގަނޑު ކޮށުމެވެ. ނަތީޖާއެއްގެ ގޮތުން އިސްތަށިގަނޑުގެ ސްޓައިލަކީ ވަރަށް ފަސޭހައިން ބަދަލުވާ ކަމެކެވެ.

މި ފަހަރު ޓްރެންޑުވަމުން މިދަނީ އާންމުކޮށް ފެންނަމުން ދިޔަ ސްޓައިލްގެ އާ ވޭރިއޭޝަން އެކެވެ. އެއީ، ޕިކްސީއެވެ. ކުރުކޮށް ކޮށާލާފައި ހުންނަ ޕިކްސީ ސްޓައިލަކީ ވަރަށް ގިނަ ބަޔަކު ބޭނުންކުރާ ސްޓައިލެކެވެ. މި ސްޓައިލް އަކީ ގިނަ ދުވަސް ވެސް ވެފައިވާ ބާ ނުވާ ސްޓައިލެކެވެ.

ނަމަވެސް މި ސްޓައިލްގެ ތެރެއިން މި ފަހަރު އުފެދިފައިވަނީ "މިކްސީ" ކިޔާ ސްޓައިލެކެވެ. އެހެންވީމާ މިކްސީ ސްޓައިލަކީ ކޮބާ ހެއްޔެވެ؟

މިކްސީ އެނގުމުގެ ކުރީން ޕިކްސީ ވެސް އެނގިލުން މުހިއްމެވެ. ޕިކްސީ ސްޓައިލަކީ ވަރަށް ކުރުކޮށް ކޮށާލާފައި ހުންނަ އިސްތަށިގަނޑުގެ ސްޓައިލެކެވެ. އަންހެނުން އާންމުކޮށް ބޭނުންކުރާ މި ސްޓައިލް އަކީ ތުނިކޮށް އިސްތަށިގަނޑު ކޮށާލުމަށްފަހު މަތި ކޮންމެ ވެސް ވަރަކަށް ދިގު ވާ ގޮތަށް ހުންނަ ސްޓައިލެކެވެ.

މި ސްޓައިލާ އަޅާ ބަލާއިރު މިކްސީ ތަފާތެވެ. މިކްސީ ވެސް ބޭނުންކުރަނީ ކުރު އިސްތަށިގަނޑެއް ސިފަކުރުމަށެވެ. މި ސްޓައިލްގައި އާންމުކޮށް އިސްތަށިގަނޑުގެ ކުރީކޮޅު ކުރުކޮށް ކޮށާލައި "އެޖީ" ބޭންގްސް ބޭނުން ކުރެއެވެ. އަދި، އެއަށްފަހު އަރިމަތި ވެސް މެދަށްވުރެ ތުނިކޮށްލާފައި ބަހައްޓައެވެ. މި ސްޓައިލްގައި ދެން އެންމެ ހާއްސަ ވާ ކަމަކީ ފަހަތަށް ކުޑަކޮށް ދިގުކޮށް ހުންނާތީއެވެ.

މިއީ އެއްވެސް ގޮތަކަށް އާ ސްޓައިލެއް ނޫނެވެ. މިކްސީ ސްޓައިލް އެންމެ ބޮޑަށް އާންމުވެފައިވަނީ 70ގެ އަހަރުތަކުގެ ތެރޭގައެވެ. އަނެއްކާ ވެސް މި ސްޓައިލް މި އޮތީ ޓްރެންޑް ވެފައެވެ.

އާންމު ގޮތެއްގައި މި ސްޓައިލް ބޭނުންކުރަނީ ނުރަސްމީ ހާލަތްތަކުގައެވެ. ކޮންމެ ކަހަލަ ކެޝުއަލް ކަމަކަށް އަދި އައުޓްފިޓަކަށް ވެސް މި ސްޓައިލް ގުޅޭނެއެވެ.

comment ކޮމެންޓް