އައިއޯއެސް 18ގައި އޭއައި ހިމެނުމަށް އޯޕަންއޭއައިއާއެކު މަޝްވަރާކޮށްފި

އެޕަލްއިން އައިއޯއެސް 18 މިއަހަރު ފަހުކޮޅު ނެރޭނެ --

އެޕަލްއިން ދެން ނެރެން ތައްޔާރުކުރާ އައިފޯން ސޮފްޓްވެއާ، އައިއޯއެސް 18ގައި އޭއައި ހިމެނުމާ ބެހޭ ގޮތުން އޯޕަންއޭއައިއާއެކު އެ ކުންފުނިން މަޝްވަރާކޮށްފި ކަމަށް ޓެކްރިޕޯޓްތައް ބުނެފިއެވެ.

އެމެރިކާގެ އުތުރު ކެލިފޯނިއާގެ ޓެކްނޮލޮޖީ އާއި އިނޮވޭޝަންގެ ޚާއްޞަ މަރުކަޒެއް ކަމަށްވާ ސިލިކަން ވެލީއަށް ނިސްބަތްވާ މި ދެ ކުންފުނި މަޝްވަރާ ކޮށްފައިވަނީ އެޕަލްގެ އައިއޯއެސް 18 އޮޕަރޭޓިން ސިސްޓަމްގައި އޯޕަންއޭއައިގެ ޖެނެރޭޓިވް އޭއައިގެ ގާބިލުކަން އިތުރު ކުރުމަށެވެ. މި އޯއެސް މި އަހަރުގެ ފަހުކޮޅު ނެރުމަށް ވަނީ ހަމަޖެހިފައެވެ.

މިފަދަ އެއްބަސްވުމަކާއެކު އެޕަލް އާއި އޭއައިގެ އެންމެ ބޮޑު އެއް ރިސާޗް ކުންފުންޏާ ދެމެދު ވަރަށް ބޮޑު ޕާޓްނާޝިޕެއް އުފެދޭނެއެވެ. މިއީ އެޕަލްގެ އުފެއްދުންތަކާއި ޚިދުމަތްތަކުގައި މިހާރަށްވުރެ އެޑްވާންސްޑް އޭއައި އިންޓަގްރޭޓް ކުރުމުގެ މުހިންމުކަން އިތުރުވަމުންދާކަމުގެ އިޝާރާތެއް ވެސްމެއެވެ.

އެޕަލްއިން ވަނީ މިދިޔަ އަހަރުގެ ކުރީކޮޅު ވެސް އޯޕަންއޭއައިއާ އެކު އެއްބަސްވުމެއް އެކުލަވާލުމާ ބެހޭ ގޮތުން މަޝްވަރާތަކެއް ކޮށްފައެވެ. އައިފޯން އުފައްދާ ކުންފުނިން ވަނީ ގޫގުލްގެ ޗެޓްބޮޓް ޖެމިނައިއަށް ވެސް ލައިސަންސް ދިނުމާ ގުޅޭ ގޮތުން އެ ކުންފުންޏާ ވެސް މަޝްވަރާކޮށްފައެވެ.

އައިއޯއެސް 18 ރިލީޒްކުރާއިރު، އެޕަލްއިން ވަނީ އަމިއްލަ ޕްރޮޕަރައިޓަރީ ލާޖް ލެންގުއޭޖް މޮޑެލްތަކުގެ މައްޗަށް ބިނާކޮށް އޭއައިއިން އުފައްދާ އާ ފީޗާތަކެއް ތައާރަފު ކުރަން ނިންމައިފައެވެ. ނަމަވެސް އޯޕަންއޭއައިގެ ވައިރަލް ޗެޓްޖީޕީޓީ ފަދަ ހަރުދަނާ، ޗެޓްބޮޓް ކަހަލަ އެޕަލްގެ އަމިއްލަ ކޮންވަޒޭޝަނަލް އޭއައި އެސިސްޓެންޓެއް އުފެއްދުމުގެ މަސައްކަތް ވެސް އެ ކުންފުނިން އަންނަނީ ކުރަމުންނެވެ.

އޯޕަންއޭއައިއާއެކު އާ މަޝްވަރާތައް ފަށާފައި މިވަނީ އެޕަލްއިން ކޮންމެ އަހަރަކު ބާއްވަމުން އަންނަ ވޯލްޑްވައިޑް ޑިވެލޮޕާސް ކޮންފަރެންސް ބާއްވާން ގާތްގަނޑަކަށް މަހެއްހާ ދުވަހަށް ވެފައި ވަނިކޮށެވެ.

މިދިޔަ އަހަރު އެޕަލްގެ ސީއީއޯ ޓިމް ކުކް ވިދާޅުވީ އޭނާ އަމިއްލަ ބޭނުންތަކުގައި ޗެޓްޖީޕީޓީ ބޭނުން ކުރައްވާ ކަމަށާއި ނަމަވެސް އެފަދަ ޓެކްނޮލޮޖީތައް އާންމުންނަށް ތައާރަފު ކުރުމުގެ ކުރިން "ހައްލު ކުރަން ޖެހޭ ގިނަ ކަންތައްތަކެއް" ހުރިކަމަށް ގަބޫލުކުރައްވާ ކަމަށެވެ.

އޭނާ ވަނީ އެޕަލްގެ ޕްލެޓްފޯމްތަކަށް އެޑްވާންސްޑް އޭއައި ގެނައުމަށް ވިސްނުން ގެންގުޅޭނެ ކަމަށް ވައުދުވެވަޑައިގެންފައެވެ.

comment ކޮމެންޓް