ޔޫކްރެއިންގައި ރަޝިއާ ބަލިވެއްޖެނަމަ ނޭޓޯގެ އަމާޒަކަށް ވާނީ ޗައިނާއާއި އޭޝިއާ

ޔޫކްރެއިންއާއި ރަޝިއާއާ ދެމެދު ހިނގަނީ ހަގީގަތުގައި ނޭޓޯއާއި ރަޝިއާގެ ހަނގުރާމައެއް ކަމަށް ރަޝިއާގެ ރައީސް ވަލްދިމިޔާ ޕޫޓިން ވަނީ ސިފަކުރައްވާފައެވެ.

ރިޔާސީ އައު ދައުރަކަށް ހުވައި ކުރެއްވުމަށް ކްރެމްލިންގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އުމުރުން 71 އަހަރުގެ ޕޫޓިން ވިދާޅުވެފައިވަނީ ޔޫކްރެއިން ހަނގުރާމައިގައި ކާމިޔާބު ހޯދުން ނޫންގޮތެއް ރަޝިއާގެ ކުރިމަތީގައި ނެތް ކަމަށެވެ. މިއާއެކުވެސް ވާހަކަދައްކައިގެން މައްސަލަ ހައްލުކުރަން ރަޝިއާ އޮތީ ތައްޔާރަށް ކަމަށް ޕޫޓިން ވިދާޅުވިއެވެ.

ޕޫޓިން ވިދާޅުވިގޮތުގައި ނޭޓޯއަށް ރަޝިއާ ހިސާރުކޮށް ރަޝިއާ ވަށައިނުލެވޭނެކަން މިހާރު އެނގޭނެއެވެ. އަދި ނޭޓޯ އޮންނަންޖެހޭ ހިސާބަށްވުރެ ފުޅާކުރާނަމަ އެކަމުގެ ރައްދާ ކުރިމަތިލާން ޖެހޭނެކަން ވެސް ނޭޓޯއަށް މިހާރު އެނގިފައިވާނެއެވެ. ޕޫޓިން ވިދާޅުވީ ރަޝިއާގެ ދިފާއުގައި ނިއުކްލިޔާ ހަތިޔާރު ބޭނުންކުރަން ޖެހިއްޖެނަމަ އެކަންވެސް ކުރާނެ ކަމުގައެވެ.

ރަޝިއާއަކީ ދުނިޔޭގެ އެންމެ ބޮޑު ނިއުކްލިޔާ ބާރެވެ. އެންމެ ގިނަ އަދަދަކަށް ނިއުކްލިޔާ ހަތިޔާރުހުރި ގައުމެވެ. އަދި ނިއުކްލިޔާ ހަތިޔާރު އުފެއްދުމުގެ ގާބިލްކަން އެންމެ ބޮޑަށް ލިބިފައިވާ ގައުމެވެ. އަދި ނިއުކްލިޔާ ވަސީލަތްތައްވެސް އެންމެ ގިނަ ގައުމެވެ.

ދުނިޔޭގެ ނިއުކްލިޔާ ދެވަނަ ބާރަކީ އެމެރިކާއެވެ. އެމެރިކާއާއި އިނގިރޭސިވިލާތާ އަދި ފަރަންސޭސިވިލާތުގައިވެސް ރަޝިއާގައި ހުރި އަދަދަށް ނިއުކްލިޔާ ހަތިޔާރު ނެތެވެ.

ޕޫޓިން ވިދާޅުވިގޮތުގައި ޔޫކްރެއިންގެ ފަހަތުގައި އޮތީ އެމެރިކާއާއި ނޭޓޯއެވެ. އެ ދެ ފަރާތުގެ ގައުމީ އަދި ޖިއޮޕޮލިޓިކަލް މަސްލަހަތެވެ. ރަޝިއާ ޔޫކްރެއިންގައި ބަލިވެއްޖެނަމަ ނޭޓޯ ދެން ދިމާކުރާނީ ރަޝިއާ އާއެވެ. އަދި ރަޝިއާ ބަަލިވެއްޖެނަމަ އޭޝިއާއަށް ނޭޓޯ ގެ އަސްކަރީ ހަރަކާތްތައް ފުޅާކުރުމުގެ މަސައްކަތް ބާރު ސްޕީޑްގައި ނޭޓޯ ފަށާނެއެވެ. އޭރުން ޗައިނާއަށްވެސް ނޭޓޯގެ ނުރައްކާ އިންތިހާއަށް ބޮޑުވާނެއެވެ.

ހަނގުރާމައިގައި ޔޫކްރެއިން ބަލިވެއްޖެނަމަ އެ ބަލި ކުރެވުނީ ނޭޓޯގެ އަސްކަރީ ބާރާއި އެ ޖަމާއަތުގެ ޖިއޮޕޮލިޓިކަލް މަސްލަހަތުކަމަށް ރަޝިއާ ދެކެއެވެ. އޭރުން ނޭޓޯ މައިތިރިވެ ނޭޓޯގެ އުނދަގުލުން ރަޝިއާ އާއި އޭޝިއާގެ ގައުމުތައް ސަލާމަތްވާނެ ކަމަށް ރަޝިއާގެ މަސްއޫލުވެރިން ވިދާޅުވެފައިވެއެވެ.

ޕޫޓިން ރިޔާސީ އައު ދައުރަކަށް ހުވައި ކުރެއްވުމުގެ ރަސްމިއްޔާތުގައި ދުނިޔޭގެ އެތައް ގައުމުތަކެއްގެ މަންދޫބުން ބައިވެރިވެޑައިގެންފައިވާއިރު އެމެރިކާ ސަރުކާރުން ވަނީ އެ ރަސްމިއްޔާތު ބޮއިކަޓްކޮށްފައެވެ. މޮސްކޯގައި ހުންނަވާ އެމެރިކާގެ ސަފީރު އެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންފައެއް ނުވެއެވެ.

އެމެރިކާ އާއި ޔޫރަޕްގެ ބާރުތައް ދެކޭގޮތުގައި ޔޫކްރެއިން ހަނގުރާމައިގައި ރަޝިއާ ޔޫކްރެއިންގެ މައްޗަށް ކާމިޔާބު ހޯދައިފިނަމަ އެ ހިސާބުން ރަޝިއާ އަސްކަރީ ބާރާމެދު މުޅި ޔޫރަޕް ބިރުގަންނަންޖެހޭ ހިސާބަށް ކަންތައްތައް ދާނެއެވެ. އަދި ޔޫރަޕްގެ ގައުމުތަކުގެ އިތުބާރު ނޭޓޯއަށް ގެއްލި ބައެއް ގައުމުތައް ނޭޓޯއިން ވަކިވެ ނޭޓޯ ބަލިކަށިވެގެން ވެސް ދާނެއެވެ. މިކަން މި ގޮތަށްވާން އެއްވެސް ހާލެއްގައި ދޫކޮށްނުލެވޭނެ ކަމަށް އެމެރިކާ ދެކެއެވެ.

ޔޫކްރެއިން ހަނގުރާމައަށް ދެ އަހަރުވެފައިވާއިރު މަންޒަރު ފެންނަގޮތުން ރަޝިއާގެ ކުރިމަތީގައި ޔޫކްރެއިން ދަނީ މަޑުމަޑުން ބަލިކަށި ވަމުންނެވެ. ރަޝިއާވަނީ ޔޫކްރެއިންގެ 20 އިންސައްތަ ބިން ހިފައި އެތަންތަން ރަޝިއާގެ ތަންތަނުގެ ގޮތުގައި ހަދާފައެވެ.

ރަޝިއާ ހިފި ޔޫކްރެއިންގެ ސަރަހައްދުތަކުގައި ދިރިއުޅޭ އާބާދީގެ ބޮޑުބައަކީ ޔޫކްރެއިންގެ ރަޝިއާ ދަރިކޮޅުގެ މީހުންނެވެ. އެހެންކަމުން އެ ސަރަހައްދުތައް ބެލެހެއްޓުމުގައި ރަޝިއާއަށް މާބޮޑު ދަތިކަމެއް ނެތެވެ. ނަމަވެސް ހަނގުރާމައިގައި އެހެން ގައުމެއްގެ ބިންތައް ގަދަބާރުން ހިފައި ވެރިވެގަނެ މިލްކުކުރުމަކީ ޣައިރު ގާނޫނީ ކަމެކެވެ.

ރަޝިއާ ބުނާގޮތުގައި ހަނގުރާމަ ހުއްޓާލިޔަސް ދެން އެ ބިންތައް ޔޫކްރެއިން އަކަށް ނުދޭނެއެވެ. އަދި ހަނގުރާމަ ހުއްޓާލާނީ އެ ބިންތައް މިނިވަންކުރުމަށްޓަކައި ރަޝިއާއާ ހަނގުރާމަ ނުކުރުމަށް ޔޫކްރެއިން އެއްބަސްވުމުންނާއި ނޭޓޯގެ މެންބަރަކަށް ނުވާނެކަމުގެ ޔަގީންކަންވެސް ލިޔުމުން ޔޫކްރެއިން ދިނުމުންނެވެ.

ޔޫކުރެއިނަށް ކުރިމަތިވެފައިވާ އެންމެ ބޮޑު މައްސަލައަކީ ހަނގުރާމަކުރާނެ ސިފައިން ނެތުމާއި ހަނގުރާމައިގެ ވަސީލަތްތައް ބަލިކަށިވުމުންނެވެ. ރަޝިއާފަދަ ބޮޑު ބާރަކާ ހަނގުރާމަ ކުރެވޭވަރަށް ހަތިޔާރު ޔޫކްރެއިންގައި ނެތެވެ. ޔޫކްރެއިން މުޅިން ކަހަލަ ގޮތަކަށް ބަރޯސާވަނީ އެމެރިކާއާއި ޔޫރަޕްގެ ހަތިޔާރަށެވެ.

ރަޝިއާގެ މައްޗަށް ކުރި ހޯދޭވަރަށް ޔޫކުރެއިނަށް ހަތިޔާރު ފޯރުކޮށްދިނުމުގައި އެމެރިކާއާއި ޔޫރަޕް ވަނީ ނާކާމިޔާބުވެފައެވެ. ޔޫކުރެއިނަށް ހަތިޔާރު ދީގެން ރަޝިއާ ބަލިކުރަން ނޭޓޯއާއި އެމެރިކާ ބޭނުންވި ނަމަވެސް ސީދާ ރަޝިއާ އާ އަސްކަރީގޮތުން ކުރިމަތިލާކަށް އެމެރިކާއާއި ޔޫރަޕް ބޭނުމެއް ނުވެއެވެ.

ޔޫކްރެއިން ބުނާގޮތުން ރަޝިއާގެ ކުރިމަތީގައި އެ ގައުމު ބަލިވެއްޖެނަމަ ދެން ޔޫރަޕް އޮންނާނީ ރަޝިއާގެ އަސްކަރީ ބާރުގެ ބިރުވެރިކަމުގެ ދަށުގައެވެ. އެ ހާލަތުގައި ޔޫރަޕްގެ ބައެއް ގައުމުތަކަށް ރަޝިއާ އަރައިގެންފާނެކަމުގެ އިންޒާރު ޔޫކްރެއިން ވަނީ ދީފައެވެ.

ރަޝިއާއަކީ ދުނިޔޭގައި އެންމެ ގިނައިން ހަތިޔާރު އުފައްދާ ގައުމެވެ. ނަމަވެސް ރަޝިއާއަށް ބައެއް ބާވަތްތަކުގެ ހަތިޔާރު އީރާނާއި އުތުރުކޮރެއާއިން ފޯރުކޮށްދެއެވެ. އަދި ހަތިޔާރު އުފެއްދުމުގެ ދާއިރާގައި ރަޝިއާއަށް އެހީތެރިވާކަމުގެ ތުހުމަތު އެމެރިކާއިން ޗައިނާގެ މައްޗަށް ކުރެއެވެ.

އެމެރިކާ ބުނާގޮތުން ޗައިނާ ގެންދަނީ އަސްކަރީ ކަންކަމަށް ބޭނުންވާ ސެމީ ކޮންޑަކްޓާސް އާއި އަސްކަރީ ކަންކަމަށް ބޭނުންވާ އިލެކްޓްރީނިކް ޗިޕްތައް ރަޝިއާއަށް ދިނުންފަދަ އެތައްކަމެއް ކުރަމުންނެވެ. މިކަމުގެ ސަބަބުން ރަޝިއާގެ ހަތިޔާރުގެ ޓެކްނޮލޮޖީ ވަރަށް ބާރަށް ކުރިއަރާތީ އެމެރިކާ އިންތިހާއަށް ކަންބޮޑުވެ މިކަން ހުއްޓާލުމަށް އެމެރިކާ ދަނީ އެކިގޮތްގޮތުން ޗައިނާއަށް އިންޒާރުދީ ފިއްތުތައް ކުރިމަތިކުރަމުންނެވެ. ނަމަވެސް ޔޫކްރެއިންގައި ރަޝިއާ ބަލިވުމަކީ އެމެރިކާގެ އުނދަގުލާއި ދުއްތުރާތައް ޗައިނާއާ ދިމާއަށް އަންނާނެކަމެއްކަން ޗައިނާއަށް އެނގޭތީ ޔޫކްރެއިންގައި އަސްކަރީ ގޮތުން ރަޝިއާ ބަލިވުމަކީ ޗައިނާގެ މަސްލަހަތެއް ނޫނެވެ.

ރަޝިއާއަށް އަސްކަރީގޮތުން އެހީތެރިނުވުމަށް އެމެރިކާއިން ޗައިނާއަށް އިންޒާރުދޭއިރު އިސްރާއީލުން ޣައްޒާގެ އާންމުން މަރައި އެ މީހުންގެ ނަސްލު ނައްތާލުމަށާއި އެ މީހުން މެރުމަށް ހިންގާ ގަތުލުއާންމުތަކަށް ބޭނުންވާ ހަތިޔާރާއި ވަސީލަތްތައް އެންމެ ބޮޑަށް ފޯރުކޮށްދެނީ އެމެރިކާއިންނެވެ.

comment ކޮމެންޓް