ދަރިއަކު މަންމައަށް އޮޅުވާލައިގެން، މަންމަގެ ނަމުގައި ހިންގި ސްކޭމުން މަންމަގެ މައްޗަށް ސިވިލް ކޯޓުގައި ކުރި ދައުވާއިން އޭނާ ސަލާމަތްވެއްޖެއެވެ.
މި މައްސަލައިގައި ދައުވާ އުފުލާފައި ވަނީ ސުލްޠާނާ އަޙުމަދު ކިޔާ މީހެއްގެ މައްޗަށެވެ. އެ މައްސަލައިގައިވާ ގޮތުން އޭނާގެ ދަރިފުޅު އިބްރާހީމް ހުނައިން އަހުމަދު ވަނީ، މ. ފާގަތިގެއިން ސުލްތާނާގެ އެޕާޓްމެންޓެއް ކުއްޔަށް ދިނުމަށް ޙައްވާ ސަދާ ކިޔާ މީހަކާއެކު އެއްބަސްވުމެއް ހަދައި އެޑްވާންސަށް ހަތަރު ލައްކަ ރުފިޔާ ނަގާފައެވެ.
އެ މައްސަލައިގައިވާ ގޮތުން، ފާގަތިގޭގެ ހަތަރުވަނަ ފަންގިފިލާގައިވާ ތިން ކޮޓަރީގެ އެޕާޓްމެންޓެއް ކުއްޔަށް ދިނުމަށް ޙައްވާ ސަދާއާއެކު ޖެނުއަރީ 22، 2020ގައި އެއްބަސްވުމެއް ހަދައި، އެޑްވާންސް ފައިސާދިނުމުން ވެސް އެޕާޓްމެންޓް ހަވާލުކޮށްފައިނުވެއެއެވެ.
މި އެއްބަސްވުމުގައި ގޭގެ ވެރިފަރާތުގެ ހައިސިއްޔަތުން ސޮއިކުރީ ހުނައިންގެ މަންމަކަމުން، މި މައްސަލައިގައި ސުލްތާނާގެ މައްޗަށް ދައުވާކުރީއެވެ. އޭނާގެ މައްޗަށް ދައުވާކޮށްފައިވަނީ އެއްބަސްވުމުގައި ބުނެފައިވާ އެޕާޓްމެންޓް ހަވާލުކުރަން ނުވަތަ އެޑްވާންސްގެ ގޮތުގައި ދީފައިވާ ފައިސާ އަނބުރާ ދިނުމަށެވެ.
ސުލްތާނާ ވަނީ ކޯޓުގައި އެ ދަޢުވާއަށް އިންކާރުކޮށްފައެވެ. އޭނާ ބުނެފައިވަނީ ދަޢުވާގައި ބަޔާންކޮށްފައިވާ އެއްބަސްވުމަކީ އޭނާގެ ދަރިފުޅު ހުނައިންގެ ފަރާތުން ނުރަނގަޅު ނުފޫޒު ފޯރުވަައިގެން ވެފައިވާ އެއްބަސްވުމެއް ކަމަށެވެ. އެހެން ކަމުން އެ އެއްބަސްވުމަކީ ކޮންޓްރެކްޓާބެހޭ ގާނޫނާ ޚިލާފަށް ވެފައިވާ ޣައިރު ގާނޫނީ އެއްބަސްވުމެއް ކަމުގައި ކަނޑައަޅައިދިނުމަށް ސުލްތާނާގެ ފަރާތުން ވަނީ ކޯޓުގައި އެދިފައެވެ.
މި މައްސަލައިގެ ދަޢުވާކޮށްފައިވާ ޙައްވާ ސަދާ، އެޑްވާންސް ފައިސާގެ ގޮތުގައި އެއްވެސް މިންވަރެއް ސުލްތާނާއަށް ދައްކާފައިނުވާތީ، އެ ފައިސާއަކީ އޭނާ ދައްކަން ޖެހޭ ފައިސާ ކަމަަށް ނުދެކޭ ކަމަށާއި އެ މައްސަލައިގައި ހިމެނޭ އެޕާޓްމެންޓް ހަވާލުކުރަންޖެހޭ ކަމަށް ނުދެކޭ ކަމަށް ހުނައިންގެ މަންމަގެ ފަރާތުން ކޯޓުގައި ބުނެފައިވެއެވެ.
ކޯޓަށް ހުށަހަޅާފައިވާ ލިޔެކިޔުމާއި ހެކިބަހުން ދައްކާ ގޮތުގައި އެޑްވާންސް ފައިސާ ދައްކާފައި ވަނީ ހުނައިންއަށެވެ.
މި މައްސަލައިގައި ސިވިލް ކޯޓުން މިއަދުކުރި ޙުކުމްގައިވަނީ އެޑްވާންސަށް ދިން ފައިސާއަކީ ޙުނައިންގެ މަންމައަށް ލިބިފައިވާ ފައިސާއެއްކަމުގައި ނުވާތީ، އެ ފައިސާ އަނބުރާ ދެއްކުމަށް ޙުނައިންގެ މަންމައަށް އަންގާނެ ސަބަބެއް ނެތް ކަމަށެވެ.
އަދި އެ ފައިސާ ޙުނައިންގެ މަންމައަށް ލިބިފައިނެތުމުން، ކުއްޔަށް ދޭން އެއްބަސްވި އެޕާޓްމެންޓް ހަވާލުކުރަން އަންގާނެ ސަބަބެއް ވެސް ނެތް ކަމަށެވެ.