ޔުވެންޓަސް، ކޮޕާ އިޓާލިއާގެ ފައިނަލަށް

ޔުވެންޓަސް ފައިނަލަށް ގެންގޮސްދިން ލަނޑު ޖަހައިދިން މިލިކް -- ފޮޓޯ/ ބްލެކްވައިޓްރީޑްއޯލްއޯވާ

ކޮޕާ އިޓާލިއާގެ ފައިނަލުން ޔުވެންޓަސް ޖާގަ ހޯދައިފިއެވެ.

މި މުބާރާތުގެ ފަައިނަލުން ޔޫވޭ ޖާގަހޯދީ ސެމީފައިނަލްގައި ލާޒިއޯއާ ބައްދަލުކޮށް ކުޅުނު ދެ ލެގަށް ބަލާއިރު 3-2 އިން ކުރި ހޯދައިގެންނެވެ. ދެ ޓީމުގެ މެދުގައި ކުޅުނު ފުރަތަމަ ލެގު ޔޫވޭގެ ދަނޑުގައި ކުޅެ 2-0 އިން ޔޫވޭއިން ކާމިޔާބުކުރިއިރު ދެވަނަ ލެގު ލާޒިއޯގެ ދަނޑުގައި ކުޅެ 2-1 އިން ކާމިޔާބުކުރީ ލާޒިއޯއިންނެވެ.

ލާޒިއޯއިންވަނީ މެޗުގެ 12 ވަނަ މިނެޓުގައި ލަނޑެއް ޖަހައި މެޗުގެ ލީޑު ނަގައި އެގްރިގޭޓް ނަތީޖާގައި ދެ ޓީމުގެ ދެމެދުގައިވި ފަރަގު އެއް ލަނޑަށް ބަދަލުކޮށްފައެވެ. މި ލަނޑު އެ ޓީމަށް ޖަހައިދިނީ ވެލެންޓިން ކަސްޓެލާނޯސްއެވެ.

މި ލަނޑާ އެކު ލާޒިއޯއަށް ހިތްވަރު ލިބިގެންދިޔައިރު ޔޫވޭ ޕްރެޝަރަށް ވެއްޓިގެންދިޔައެވެ.

މެޗުގައި ލާޒިއޯގެ ދެވަނަ ލަނޑު މެޗުގެ 48 ވަނަ މިނެޓުގައި ޖަހައިދިނީ ވެސް ކަސްޓެލާނޯސްއެވެ. މި ލަނޑާ އެކު އެގްރިގޭޓް ނަތީޖާއިން ވެސް ދެ ޓީމު އެއްވަރުވިއެވެ.

އެގްރިގޭޓް ނަތީޖާއިން އެއްވަރުވެ، އިތުރު ވަގުތުގެ ކުޅުމަށް ދާން ގާތްވެފައިވަނިކޮށް ޔޫވޭ ސަލާމަތް ކޮށްދިނީ މެޗުގެ 83 ވަނަ މިނެޓުގައި އާކާޑިއަސް މިލިކް ޖަހައިދިން ލަނޑުންނެވެ. މި ލަނޑާ އެކު އަނެއްކާ ވެސް އެގްރިގޭޓް ނަތީޖާއިން ޔޫވޭއަށް ކުރި ލިބިގެންދިޔައެވެ. އަދި، ލާޒިއޯއިން އިތުރު ލަނޑެއް ޖަހޭތޯ މަސައްކަތްކުރި ނަމަވެސް މެޗު ނިމިގެންދިޔައީ މި ނަތީޖާ އޮވެ، ލާޒިއޯ މެޗުން މޮޅުވި ނަމަވެސް ފައިނަލްގެ ޖާގަ ޔުވެންޓަސްއަށް ލިބިގެންނެވެ.

މުބާރާތުގެ ފައިނަލްގައި ޔޫވޭ ބައްދަލުކުރާނީ ފިއޮރެންޓީނާއާއި އެޓަލާންޓާ ބައްދަލުކުރާ ސެމީފައިނަލުން ކުރި ހޯދާ ޓީމަކާއެވެ. ދެ ޓީމުގެ މެދުގައި ކުޅުނު ފުރަތަމަ ލެގު ފިއޮރެންޓީނާގެ ދަނޑުގައި ކުޅެ 1-0 އިން ކާމިޔާބުކޮށްފައިވަނީ ފިއޮރެންޓީނާއެވެ.

comment ކޮމެންޓް