އިންޓަނެޓް ނުލިބުނަސް، ވަޓްސްއެޕުން ފައިލް ޝެއާކުރެވޭ ފީޗާއެއް ތައާރަފުކުރަނީ

ވަޓްސްއެޕް -- ފޮޓޯ/ ޑަބްލިއުއޭބީޓާއިންފޯ

ވަޓްސްއެޕް ބޭނުންކުރާ އެންޑްރޮއިޑް ޔޫޒަރުންނަށް ނެޓްކަނެކްޝަނެއް ނެތަސް ފައިލް ޝެއާކުރެވޭ ފީޗާއެއް ތަޢާރަފުކުރަން ތައްޔާރުވަމުން އަންނަކަމަށް ޓެކްރިޕޯޓްތައް ބުނެފިއެވެ.

އެ ފީޗާގެ މައުލޫމާތު އެންމެ ފުރަތަމަ ރިޕޯޓްކޮށްފައިވަނީ ޖެނުއަރީ މަހުގެ ތެރޭގައި ނަމަވެސް އެޕްގެ ބީޓާ ވާޝަންގައި މި ފީޗާ ފެނިފައެއް ނުވެއެވެ. އެހެންނަމަވެސް މި ފީޗާއަށް ކުރިއެރުންތަކެއް އިތުރުކުރަމުންދާ ކަމަށާއި ވަރަށް އަވަހަށް ބީޓާގައި ތައާރަފު ކުރާނެ ކަމަށް ވަޓްސްއެޕް ފީޗާ ޓްރެކާ ޑަބްލިއުއޭބީޓާއިންފޯގައި ބުނެފައިވެއެވެ.

ވަޓްސްއެޕް ފައިލްޝެއަރިން ފީޗާރ --

އެ ރިޕޯޓުގައި ވާގޮތުން ވަޓްސްއެޕްގެ ސެޓިންސް މެނޫގެ ތެރޭގައި ހިމެނޭ "ޕީޕަލް ނިއާ" ކިޔާ ފީޗާ އޮންކުރުމުން އޭގެ ތެރޭގައި ފޮޓޯ، މީޑިއާ އަދި ފައިލްތަކަށް ވަނުމާއި، ބްލޫޓޫތަށް ވަނުމާއި، ލޮކޭޝަނަށް ވަނުމުގެ ފުރުސަތު އޮންނާނެއެވެ. އަދި ކައިރީގައިވާ ފޯނަކަށް ފައިލެއް ފޮނުވަން ބޭނުންނަމަ އެކްސެސް ދިނުމުން އެފައިލެއް ފޮނުވާލެވެއެވެ.

މިފީޗާ މެދުވެރިކޮށް ފައިލް ޝެއާ ކުރުމަކީ އެންޑް ޓު އެންޑް އެންކްރިޕްޓެޑް ފީޗާއަކަށްވާއިރު، ޔޫޒަރުންގެ ފޯނު ނަންބަރު ކޮންމެހެން އަނެއް މީހާއަށް އަންގާކަށް ނުޖެހެއެވެ.

ޚާއްސަކޮށް ނެޓްވޯކް ބިޒީވެފައިވާ ހާލަތްތަކުގައި ނުވަތަ ބޭނުންކުރާ ފަރާތަށް ލިމިޓެޑް ޑޭޓާ ލިބޭ ހާލަތްތަކުގައި ގިނަ އަދަދެއްގެ ޑޭޓާ ބޭނުންކުރެވޭ ގޮތަށް ބޮޑެތި ފައިލްތައް އިންޓަނެޓް މެދުވެރިކޮށް ޝެއާ ކުރުމަށް ނުވަތަ ކްލައުޑް ސާވިސް މެދުވެރިކޮށް ޝެއާ ކުރުމަށް ޖެހޭ ހިނދު މި ފީޗާ އަކީ ރަނގަޅު އޮޕްޝަނަކަށް ވެދާނެއެވެ.

މި ފީޗާ މިހާރު ނިމުމަކާ ގާތްވެފައިވާއިރު، ދެން ނެރޭ އަޕްޑޭޓެއް މެދުވެރިކޮށް ބީޓާ ޓެސްޓަރުންނަށް މި ފީޗާ ލިބޭނެ ކަމަށް އެ ރިޕޯޓުގައި ވެއެވެ.

comment ކޮމެންޓް