ބޮންޑޭ ރައްޔިތުންނަށް: އިޚުލާސްތެރި މެމްބަރުންގެ މޫނުމަތީ ޖެހީ ތަފާއްޔެއް

މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) މަޖިލީހުގައި -- ފޮޓޯ/ މަޖިލިސް

މި ނިމޭ 19ވަނަ ރައްޔިތުންގެ މަޖިލީހުގައި އިޚުލާސްތެރިކަމާއެކު ބުރަ މަސައްކަތް ކުރުމަށްފަހު އިތުރު ދައުރަކަށް ކުރިމަތިލެއްވީމާ އެ މެމްބަރުންގެ މޫނުފުޅުމަތީ ރައްޔިތުން ޖެހީ ތަފާއްޔަކުން ކަމަށް ވިދާޅުވެ، މެމްބަރުން އިންތިޚާބުކުރުމުގައި ރައްޔިތުން އަމަލުކުރި ގޮތާމެދު މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) މިއަދު ނުރުހުން ފާޅުކުރައްވައިފިއެވެ.

މެމްބަރު ބޮންޑޭ ވަނީ މި ފަހަރު ވެސް ރައްޔިތުންގެ މަޖިލިސް އިންތިޚާބަށް ކުރިމަތިލައްވައިފައެވެ. ދަ ޑިމޮކްރެޓްސްގެ ޓިކެޓުގައި ބޮންޑޭ ވާދަކުރެއްވިއިރު، އޭނާއަށް އިންތިޚާބުގައި ކުރިމަތިވެވަޑައިގަތީ ނާކާމިޔާބާއެވެ.

މާފަންނު މެދު ދާއިރާއަށް ހޮވުނީ ސަރުކާރު ހިންގާ މައި ޕާޓީ ޕީއެންސީގެ ކެންޑިޑޭޓު އަސްމާ ރަޝީދު (އަސްމާއްތަ) އެވެ.

އެއާއެކު މަޖިލިސް އިންތިޚާބަށްފަހު މިއަދު އޮތް، މަޖިލީހުގެ ފުރަތަަމަ ޖަލްސާގައި، ބަހުސްކުރައްވަމުން ބޮންޑޭ ވިދާޅުވީ އަމާނާތްތެރިވުމާއި، ވަފާތެރިވުމާއި، ކަމަށް ކަމޭހިތުމަކީ މެމްބަރުން ނެގުމުގައި ރައްޔިތުން މިހާރު ނުބަލާ ކަމަށެވެެ.

އޭގެ ތެރޭގައި ހާޒިރީއާއި މަސައްކަތުގައި ބައިވެރިވާ މިންވަރުގެ ވާހަކަ ވެސް އޭނާ ފާހަގަކުރެއްވިއެވެ.

"އެއީ ދިރިތިބީން ނިންމި ނިންމުން. އަޅުގަނޑުމެން އެ ކަމަށް މަރުހަބާ ކިޔަން،" ބޮންޑޭ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ކަމަށް ކަމޭ ނުހިތާ މެމްބަރުން ހޮވީމާ އެ ކަމާ ސުވާލު އުފައްދަންޖެހޭ ކަމަށެވެ.

"މިއިނީ [މާފަންނު އުތުރު ދާއިރާގެ މެމްބަރު] އިމްތިޔާޒު ފަހުމީ. މުޅި އުމުރު ތިން ދައުރުގައި ވެސް އަމާނާތަށް ވަފާތެރިވީ، ކަންފަތް މަތީ ޖަހައި ބާކީވެފައި، އިއްޒަތްތެރި ރައީސް. ވަރަށް ބަރާބަރު، ޝުކުރު އަދައިކުރަން އެ ކަމަށް ޓަކައި،" ބޮންޑޭ ވިދާޅުވިއެވެ.

މެމްބަރު ބޮންޑޭ އަކީ މަޖިލީހުގައި ގަވައިދުން ބަހުސް ކުރައްވާ ބޭފުޅެކެވެ. މީގެ އިތުރުން ވަޒީރުންނަށް ސުވާލުކުރެއްވުމާއި، ބިލާއި ގަރާރު ހުށަހެޅުއްވުމުގައި ވެސް ބޮންޑޭ އިސްކޮށް މަސައްކަތްކުރައްވައެެވެ.

މި ފަަހަރުގެ އިންތިޚާބުގައި އެންމެ ގިނަ ގޮނޑި ކާމިޔާބުކޮށް ސުޕަ މެޖޯރިޓީ ހޯދީ ޕީއެންސީންނެވެ. ޕީއެންސީގެ ޓިކެޓުގައި ވާދަކުރި ބޭފުޅުންގެ އިތުރުން ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ތާއީދާއެކު ހޮވުނު ބޭފުޅުންނާއެކު ޖުމްލަ މެމްބަރުންގެ އަދަދު 66 އިން މައްޗަށް އަރައެވެ.

comment ކޮމެންޓް