ފުލަމް ބަލިކޮށް ލިވަޕޫލް ދެވަނައަށް

ލިވަޕޫލްގެ ފުރަތަމަ ލަނޑު ޖަހައިދިން އެލެގްޒެންޑާ އާނޯލްޑް --- ފޮޓޯ/ ޔޫރޯ ސްޕޯޓް

އިނގިރޭސި ޕްރިމިއާ ލީގުގައި ފުލަމް ބަލިކޮށް، ލިވަޕޫލް ތާވަލުގެ ދެވަނައަށް ކުރިއަށް ޖެހިލައިފިއެވެ.

ފުލަމްގެ ދަނޑުގައި ކުޅުނު މި މެޗު ލިވަޕޫލުން ކާމިޔާބުކޮށްފައިވަނީ 3-1 އިންނެވެ.

މެޗުގެ ފުރަތަމަ ލަނޑު މެޗުގެ 32 ވަނަ މިނެޓުގައި ޖަހާ ލީޑު ނަގައިފާވަނީ ލިވަޕޫލުންނެވެ. އެ ޓީމަށް ލިބިގެންދިޔަ ހިލޭ ޖެހުމަކުން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ޓްރެންޓް އެލެގްޒެންޑާ އާނޯލްޑެވެ. ނަމަވެސް ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ޓިމޮތީ ކަސްތަގްނާ ޖެހި ލަނޑާ އެކު ފުލަމްއިން ވަނީ މެޗުގެ ނަތީޖާ ހަމަހަމަކޮށްފައެވެ.

މި މެޗުގައި ލިވަޕޫލަށް ދެވަނަ ފަހަރަށް ލީޑު ނަގައިދިނީ މެޗުގެ 53 ވަނަ މިނެޓުގައި ރަޔާން ގްރަވެންބާޗް ޖަހައިދިން ލަނޑުންނެވެ. އަދި، އެ ޓީމުގެ ފަހު ލަނޑު މެޗުގެ 72 ވަނަ މިނެޓުގައި ޖަހައިދިނީ ޑިއޮގޯ ޖޮޓާއެވެ. މެޗުގައި މީގެ އިތުރުން ވެސް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތު ލިވަޕޫލަށް ލިބި ބޭކާރު ވެގެންދިޔައެވެ.

މި ކާމިޔާބީއާ އެކު ލިވަޕޫލް މިހާރު ވަނީ ކުޅުނު 33 މެޗުން ލިބިފައިވާ 74 ޕޮއިންޓާ އެކު ތާވަލުގެ އެއްވަނައިގައި މި ވަގުތު އޮތް އާސެނަލާ ޕޮއިންޓްގެ ގޮތުން އަރާ ހަމަކޮށްފައެވެ. އާސެނަލަށް ކުރި ލިބެނީ ފައިދާ ގޯލަށް ބަލާއިރުއެވެ. އަދި، ތާވަލުގެ ތިންވަނައިގައި މިހާރު އުޅެނީ އެންމެ ފަހުގެ ޗެމްޕިއަން މެންޗެސްޓާ ސިޓީއެވެ. އެކަމަކު، ސިޓީ އެއް މެޗު މަދުން ކުޅެފައިވުމުން އެ މެޗު ކާމިޔާބުކޮށްފި ނަމަ ތާވަލުގެ އެއްވަނައަށް އެރުމުގެ ފުރުސަތު ސިޓީއަށް އެބައޮތެވެ.

comment ކޮމެންޓް