މަޖިލިސް އިންތިޚާބު ކުރިއަށް ދަނިކޮށް ހަމަނުޖެހުން އުފައްދައިގެން މިހާތަނަށް 3 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފިއެވެ.
ފުލުހުން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ އިންތިޚާބުގެ ވޯޓު ކަރުދާސް ދެއްކި މައްސަލައަކާ ގުޅިގެން މާލެއިން އެކަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ.
އަދި، ގދ. ފިޔޯރީން ވޯޓުލާ މަރުކަޒުގެ މަސްލަހަތު ނަގައިލާ ވޯޓުލުމަށް ހުރަސްއެޅި ދެ މީހަކު ބެލުމުގެ ދަށުގައި ތިބި ކަމަށް ފުލުހުން ބުނެއެވެ.
ނަމަވެސް ޖުމްލަ ގޮތެއްގައި މާ ބޮޑު މައްސަލަތަކެއް އޭގެ އިތުރުން އެހެން ތަންތަނުގައި ފާހަގަވެފައި ނުވެއެވެ.
އިލެކްޝަންސް ކޮމިޝަނުން މިހާރު އާންމުކޮށްފައިވާ ގޮތުގައި މިއަދު 14:00 އާ ހަމައަށް ޖުމްލަ 148,894 މީހުން ވަނީ ވޯޓުލައިފައެވެ. އެއީ 52.31 ޕަސެންޓެވެ.
އޭގެތެރޭގައި ހިމެނެނީ 70،896 އަންހެނުންނާއި، 77,998 ފިރިހެނުންނެވެ. އެކަމަކު، މިހާތަނަށް އަދި ވޯޓު ނުލައި 135,769 މީހުން އެބަތިއްބެވެ.
ވޯޓުލާ ކިއޫތައް ހަވީރު 5:30 ވުމާއެކު ބަންދުކުރާނެ ކަމަށާއި ވަގުތު އެއަށްވުރެ އިތުރުނުކުރާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ މީގެ ކުރިން ބުނެފައެވެ.
މި އިންތިޚާބުގައި ވޯޓުލުމުގެ ހައްގު ލިބިފައިވަނީ 284,663 މީހުންނަށެވެ. އަދި، ރާއްޖެއާއި ރާއްޖޭން ބޭރުގެ ބައެއް ގައުމުތައް ހިމެނޭހެން ޖުމުލަ 602 ވޯޓުފޮށި ބަހައްޓާފައިވެއެވެ.