"ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ފުލެޓް ލިސްޓަކީ ކޮމިޝަނުގެ ލިސްޓެއް ނޫން"

އެންޓި ކޮރަޕްޝަން ކޮމިޝަން -- ފޮޓޯ/ އޭސީސީ

ގެދޮރުވެރިޔާ ސްކީމްގެ ދަށުން ފުލެޓް ދޫކުރުމާ ގުޅޭގޮތުން ސޯޝަލް މީޑިއާގައި މިހާރު ދައުރުކުރަމުން ގެންދާ ލިސްޓަކީ، އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ލިސްޓެެއް ނޫން ކަމަށް އެ ކޮމިޝަނުން ބުނެފިއެވެ.

ގެދޮރުވެރިޔާ ޕޯޓަލް މެދުވެރިކޮށް ކުރީ ސަރުކާރުގެ ފުލެޓް ލިބުނު މީހުންގެ ތެރެއިން ލިޔެކިއުމުގެ މައްސަލަ ހުރި ކަމަށް އޭސީސީއިން ފާހަގަ ކުރި ފަރާތްތަކުގެ ލިސްޓެއް ލީކުވެއްޖެ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ދަނީ ދައުރުވަމުންނެވެ.

އޭސީސީ އިން ބުނީ އެކަމާއި ގުޅޭ ގޮތުން އިތުރަށް ބަލަންޖެހޭ ކަންކަން ބަލައި، އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެ ކަމަށެވެ.

އޭސީސީ އިން ވަނީ އެ ކޮމިޝަނުގެ އެއްވެސް މަސައްކަތަކަށް އެއްވެސް މީހެއްގެ ނުފޫޒެއް ނޯންނާނެކަމުގެ ފުރިހަމަ ޔަގީންކަން ދީފައެވެ.

އެންޓިކޮރަޕްޝަން ކޮމިޝަނުން ބުނީ އެ ކޮމިޝަނުގެ އެންމެ މަތީ މަސްލަހަތަކީ ގާނޫނު ނަގަހައްޓައި، ލޮބުވެތި ރައްޔިތުންގެ މަސްލަހަތު ހިމާޔަތްކުރުން ކަމުގައެވެ.

ކޮމިޝަނުން ވަނީ، 4،000 ފުލެޓު ލިބުނު މީހުންގެ ތެރެއިން 59.6 އިންސައްތަ މީހުންގެ ޝަރުތު ހަމަނުވާ ކަމަށް މީގެ ކުރިން ބުނެފައެވެ.

ފްލެޓުތަކުގެ މައްސަލައިގައި ސަރުކާރުން ވެސްވަނީ އެއްވެސް ރައްޔިތެއްގެ ހައްގަށް އުނިކަން ލިބޭނެ ފަދަ ކަމެއް ނުކުރާނެކަމަށް ބުނެފައެވެ.

ގުޅޭ ޓެގު
comment ކޮމެންޓް