އިންތިޚާބީ ކޮރަޕްޝަނުގެ ކުށް ތަޙުޤީޤުކުރުމުގައި ޤާނޫނީ ގޮތުންނާއި، އިޖްރާޢީ ގޮތުން އޭސީސީން ފޯރަމެއް ބާއްވައިފި

އޭސިސީން ބޭއްވި ފޯރަމުގެ ތެރެއިން-- ފޮޓޯ: އޭސީސީ

އިންތިޚާބީ ކޮރަޕްޝަނުގެ މައްސަލަތައް ތަޙުޤީޤުކުރުމުގެ މަޤްޞަދުގައި، އިންތިޚާބީ ކޮރަޕްޝަނުގެ ކުށް ތަޙުޤީޤުކުރުމުގައި ޤާނޫނީ ގޮތުންނާއި، އިޖްރާޢީ ގޮތުންނާއި ހެކި ހޯދުމާ ގުޅޭ ގޮތުން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ފޯރަމެއް ބާއްވައިފިއެވެ.

މި ފޯރަމް އެ ކޮމިޝަނުން ބާއްވައިފައިވަނީ އިއްޔެއެވެ.

މިއީ މި އަހަރުގެ މަޖިލިސް އިންތިޚާބަށް ތައްޔާރުވުމުގެ ގޮތުން އޭސީސީން އެކުލަވާލައި ތަންފީޒު ކުރި އިލެކްޝަންސް ސްޓްރެޓެޖީގެ ދަށުން ބޭއްވި ފޯރަމެއް ކަމަށް ވެސް އެ ކޮމިޝަނުން މައުލުމާތު ދެއެވެ.

މި ފޯރަމްގައި އެ ކޮމިޝަނުގެ ރެޖިސްޓްރޭޝަން، އިންވެސްޓިގޭޝަން، ލީގަލް އަދި ޕްރިވެންޝަން ޑިޕާޓްމެންޓުގައި ހިމެނޭ 45 މުވައްޒަފަކު ވަނީ ބައިވެރިވެފައެވެ.

މި ފޯރަމް ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅުދެއްކެވީ އިލެކްޝަންސް ކޮމިޝަނުގެ ރައީސް އަލްފާޟިލް ފުއާދު ތައުފީގެވެ. އަދި އޭގެ ފަހުގައި ކޮމިޝަނުގެ ރައީސް އާދަމް ޝާމިލް ވަނީ ވާހަކަ ދައްކަވައިފައެވެ.

އޭސިސީން ބުނީ ރައްޔިތުންގެ މަޖިލިސް އިންތިޚާބާ ގުޅިގެން ބޭއްވި މި ފޯރަމްގައި އެ ކޮމިޝަނުގެ ފަސް ޕެނަލްއަކުން އިންތިޚާބާ ގުޅުންހުރި ސެޝަންތަކެއް ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ. މި ސެޝަންތައް ކުރިއަށް ގެންގޮސްފައިވަނީ އޭސީސީގެ އެކި ޑިޕާޓްމެންޓުތަކާއި ޕްރޮސެކިއުޓާ ޖެނެރަލް އޮފީހުގެ ފަރާތުން ކަމަށް އެ ކޮމިޝަނުން މައުލޫމާތު ދެއެވެ.

މި ފޯރަމްގައި އަލިއަޅުވާލާފައިވާ މުހިންމު ބައިތަކުގެ ތެރޭގައި ހިމެނެނީ:

  • އިންތިޚާބުތަކުގައި ދައުލަތުގެ މުދާ ނަހަމަގޮތުގައި ބޭނުންކުރުމަކީ ކޮބައިކަން
  • އިންތިޚާބާ ގުޅޭ ޤާނޫނީ އޮނިގަނޑު އެކުލަވާލާލައިފައިވާ ގޮތް
  • އިންތިޙާބާ ގުޅިގެން ހުށަހަޅާ މައްސަލަތައް ކޮމިޝަންގައި ރަޖިސްޓަރީކުރުން
  • އިންތިޚާބާ ގުޅިގެން ހުށަހަޅާ މައްސަލަތައް ތަޙުޤީޤުކުރުން
  • އިންތިޚާބާ ގުޅޭ ކޮރަޕްޝަންގެ މައްސަލަތަކުގައި ދަޢުވާ އުފުލުމާ ބެހޭ ގޮތުން

އޭސީސީން ބުނީ މޯލްޑިވްސް ނޭޝަނަލް އެންޓި ކޮރަޕްޝަން އެކަޑަމީއިން ރާވާ ހިންގި މި ފޯރަމަކީ ޤާނޫނީ ގޮތުންނާއި އިޖުރާއީ ގޮތުން ހެކި ހޯދުމުގައި ހިނގާ އިންތިޚާބީ ކޮރަޕްޝަންގެ އަމަލުތައް ދެނެގަތުމުގައި ހުރި ގޮންޖެހުތަކާ ބެހޭ ގޮތުން މުވައްޒަފުން އިތުރަށް ހޭލުންތެރި ކުރުމުގެ މަޤްސަދުގައި ބޭއްވި މިފަދަ ފުރަތަމަ ފޯރަމް ކަމަށެވެ.

comment ކޮމެންޓް