މަޖިލިސް އިންތިޚާބުގައި އެންމެ ގިނަ ވޯޓު ޝުޖާއުއަށް

ޝުޖާއު އިންތިޚާބު ކާމިޔާބު ކުރެއްވުމަށް ފަހު އުތީމަށް ވަޑައިގަތުމުން މަރުހަބާ ކިޔުން: މި އިންތިޚާބުގައި އެންމެ ގިނަ ވޯޓު ހޯއްދެވީ ޝުޖާއު -- ފޮޓޯ/ އިބްރާހީމް ޝުޖާއު، އެކްސް

މިދިޔަ އާދިއްތަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި އެންމެ ގިނަ ވޯޓު، ބާރަށު ދާއިރާއަށް ޕީއެންސީގެ ޓިކެޓުގައި ވާދަކުރެއްވި އެ ދާއިރާގެ ކުރީގެ މެންބަރު އިބްރާހީމް ޝުޖާއު ހޯއްދަވައިފިއެވެ.

މަޖިލިސް އިންތިޚާބުގެ އުސްއަލިތައް ފާހަގަކުރައްވާ އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ކުރީގެ ނައިބު ރައީސް އިސްމާއީލް ހަބީބް ވިދާޅުވީ އިންތިޚާބުގައި 2447 ވޯޓާއެކު އެންމެ ގިނަ ވޯޓު ހޯއްދަވައިފައި ވަނީ ޝުޖާއު ކަމަށެވެ. އެއާއެކު އޭނާ ވަނީ ދާއިރާގެ ވޯޓުތަކުން 83.49 ޕަސެންޓާއެކު، މި އިންތިޚާބުގައި ދާއިރާއެއްގެ އެންމެ ބޮޑު ޕަސެންޓު ވެސް ހޯއްދަވައިފައެވެ.

މި އިންތިޚާބުގައި ދެވަނައަށް އެންމެ ގިނަ ވޯޓު ހޯއްދެވީ، ގަމު ދާއިރާއަށް ޕީއެންސީގެ ޓިކެޓުގައި ވާދަކުރެއްވި ޔޫސުފް ނަޝީދެވެ. އޭނާއަށް ލިބިވަޑައިގެންފައި ވަނީ 1853 ވޯޓެވެ.

ހުޅުމާލެ މެދު ދާއިރާއަށް ޕީއެންސީގެ ޓިކެޓުގައި ވާދަކުރެއްވި ޢަބްދުالله ޝަޒީމަށް ލިބިވަޑައިގެންފައި ވަނީ 1746 ވޯޓެވެ. ތިންވަނައަށް އެންމެ ގިނަ ވޯޓު ލިބިފައި ވަނީ ޝަޒީމަށެވެ.

މި އިންތިޚާބުގައި ދެވަނައަށް އެންމެ ބޮޑު ޕަސެންޓެއް ހޯއްދަވާފައި ވަނީ މީދޫ ދާއިރާއަށް ވާދަކުރެއްވި އެމްޑީއޭގެ ރައީސް އަހުމަދު ސިޔާމް މުހައްމަދެވެ. ސިޔާމް މި އިންތިޚާބުގައި 1،558 ވޯޓު ހޯއްދެވިއިރު އެއީ އެ ދާއިރާގެ 73.73 ޕަސެންޓް ވޯޓެވެ.

ޖުމުލަ 90 ދާއިރާއަކަށް ސަރުކާރު ޕާޓީ ޕީއެންސީގެ ކެންޑިޑޭޓުން ވާދަކުރީއިރު، އިދިކޮޅު އެމްޑީޕީން ވާދަކޮށްފައިވަނީ 89 ދާއިރާއަކަށެވެ. އަދި، އަމިއްލަ 130 ކެންޑިޑޭޓުންނާއި، ޖުމްހޫރީ ޕާޓީގެ 10 ކެންޑިޑޭޓުންނާއި ދަ ޑިމޮކްރެޓްސްގެ 39 ކެންޑިޑޭޓުން އިންތިޚާބުގައި ވާދަކުރިއެވެ.

މި އިންތިޚާބުގައި 66 ގޮނޑިއާއެކު ޕީއެންސީން ވަނީ މަޖިލީހުގެ ސުޕަ މެޖޯރިޓީ ހޯދާފައެވެ.

comment ކޮމެންޓް