އިސްރާއީލުން ރައްދު ދީފިނަމަ ސިކުންތުކޮޅެއް ތެރޭ އެއަށްވުރެ ބާރުގަދަ ރައްދެއް ދޭނަން: އީރާން

އީރާނުގެ ވައިގެ ސިފައިންގެ ވެރިޔާ މޭޖާ ޖެނެރަލް ހައިދަރީ --

ތެހެރާން (17 އެޕްރީލް 2024): ޖަހާފައި ދެން އިސްރާއީލަށް ނުފިލޭނެ ކަމަށާއި ޖަހައިފިނަމަ މަދު ސިކުންތު ކޮޅެއްގެ ތެރޭގައި އަނެއްކާ ވެސް އިސްރާއީލުގެ ގައިގައި ޖަހާނެކަމަށް އީރާނުގެ ވައިގެ ސިފައިންގެ ވެރިޔާ މޭޖާ ޖެނެރަލް ކިޔުމްރަތް ހައިދަރީ ވިދާޅުވެއްޖެއެވެ.

ތެހެރާންގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މޭޖާ ޖެނެރަލް ހައިދަރީ ވިދާޅުވީ އިސްރާއީލު ދަސްކުރަންޖެހޭ ކަމަކީ އަދި ހަޖަމުކުރަންޖެހޭ ކަމަކީ އީރާނަށް ހަމަލާދީފައި ނުފިލޭނެކަން ކަމަށެވެ. އީރާނަށް ހަމަލާދީފިނަމަ އިސްރާއީލަށް ވެސް ހަމަލާ ދޭނެކަން ކަމަށް އޭނާ ވިދާޅުވިއެވެ.

މިދިޔަ ހޮނިހިރު ދުވަހު އީރާނުން ވަނީ 185 ޑްރޯންއާއި 110 ބަލިސްޓިލް މިސައިލާއި 81 ކްރޫޒް މިސައިލް ހިމެނޭގޮތަށް ބޮޑު ހަމަލާއެއް އިސްރާއީލަށް ދީފައެވެ. އެއީ، ސޫރިޔާގައި ހުންނަ އީރާނުގެ އެންބަސީގެ އިމާރާތަށް އިސްރާއީލުން ދިން ހަމަލާތަކުގެ ރައްދުގައެވެ.

މިއީ ދުނިޔޭގެ ތާރީޚަށް ބެލިނަމަވެސް މިހާތަނަށް އެއްވަގުތަކު ގައުމަކުން އަނެއް ގައުމަށް ދިން އެންމެ ބޮޑު ހަމަލާކަމަށް މުރާސިލުން ބުނެއެވެ. ނަމަވެސް މި ހަމަލާދިނީ އިސްރާއީލަށް ސިހުން ލިބޭގޮތަކަށް ނޫނެވެ. ހަމަލާދޭނެކަން އިއުލާނުކުރުމަށް ފަހުއެވެ. އަދި، ޙަމަލާދޭނެ ތާރީޚާއި ވަގުތު އެމެރިކާއަށް އެންގުމަށް ފަހުގައެވެ.

އެމެރިކާ، އިނގިރޭސިވިލާތް، އަދި ފަރަންސޭސިވިލާތް ގުޅިގެންވަނީ އީރާނުގެ ހަމަލާތަކުގައި ބޭނުންކުރި ގިނަ ތަކެތި އިސްރާއީލަށް ފޯރުމުގެ ކުރިން ވައްޓައިލާފައެވެ. ނަމަވެސް އީރާނުގެ ނުވަ މިސައިލް އިސްރާއީލަށް އެރިކަމަށް އެމެރިކާއިން ބުނެފައިވެއެވެ. އަދި، އިސްރާއީލަށް އެކަނި މި ހުރިހާ ތަކެތި ވައްޓާނުލެވުނީސް ކަމަށާއި އެމެރިކާ، އިނގިރޭސިވިލާތް، އަދި ފަރަންސޭސިވިލާތް އެހީނުވިނަމަ އިސްރާއީލަށް ބޮޑު ގެއްލުމެއް ލިބުނީސްކަމަށް ނަންހާމަކުރަން ނޭދޭ އެމެރިކާގެ މަސްއޫލުވެރިއަކު އޭބީސީ ނިއުޒްއަށް ދެއްވި ބަސްދީގަތުމެއްގައިވަނީ ވިދާޅުވެފައެވެ.

އީރާނުގެ ޑްރޯންތަކާއި މިސައިލްތަކުގެ ބޮޑުބައި ވައްޓާލުމަށްޓަކައި އެމެރިކާއާއި އިނގިރޭސިވިލާތާއި ފަރަންސޭސިވިލާތާއި އަދި އިސްރާއީލުން ކުރަންޖެހުނު ޚަރަދުތަކުގެ މިންވަރު 1.3 ބިލިއަން ޑޮލަރަށް އެރިކަމަށް ރިޕޯޓްތައް ބުނެއެވެ.

އީރާނުގެ މި ހަމަލާއަށް ބަދަލުހިފުމުގެ ގޮތުން އީރާނަށް ހަމަލާދޭނެކަމަށް ބުނެ އިސްރާއީލު ދީފައިވާ އިންޒާރާ ގުޅިގެން އީރާނުގެ ޚާރިޖީ ވަޒީރުގެ ނައިބު އަލީ ބާގިރީ ވިދާޅުވީ އިސްރާއީލުން އީރާނަށް ހަމަލާދީނަމަ ކުރިން ދިން ހަމަލާތަކަށްވުރެ އެތައް ގުނަ ބާރުގަދަ ހަމަލާތަކެއް އިސްރާއީލަށް ދޭނެކަމުގައެވެ.

އީރާނުން ދެން ދޭނީ މަދު ސިކުންތު ކޮޅެއްގެ ތެރޭގައި އިސްރާއީލަށް އަރާފަދަ އަވަސް ހަމަލާތަކެއް ކަމަށް ވެސް އީރާނުގެ ޚާރިޖީ ވަޒީރުގެ ނައިބު ވިދާޅުވިއެވެ.

ތެހެރާންގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އީރާނުގެ ވައިގެ ސިފައިންގެ ވެރިޔާ މޭޖާ ޖެނެރަލް ހައިދަރީ ވިދާޅުވީ މިދިޔަ ހޮނިހިރު ދުވަހު އީރާނުން ދިން ހަމަލާތަކުގެ އެއް ބޭނުމަކީ ހަމަލާދީފައި ފިލައިގެން ނޯވެވޭނެކަމުގެ މެސެޖް އިސްރާއީލަށްދީ ބަދަލުހިފާނެކަން އިސްރާއީލަށް އެންގުމެވެ.

އަނެއް ބޭނުމަކީ އީރާނުގެ ހަމަލާތައް މައިތިރި ކުރުމުގެ ގާބިލުކަން އިސްރާއީލުގެ ކިބާގައި ހުރިވަރު ދެނެގަތުމެވެ. ތިންވަނަ ބޭނުމަކީ އިސްރާއީލު ފަދަ އީރާނާ ދުރުގައިވާ ގައުމަކަށް އީރާނުގެ ހަތިޔާރު ފޯރާމިންވަރާއި އީރާނުގެ މިސައިލްތަކުގެ އެކިއުރޭޝަން ހުރި މިންވަރު ދެނެގަތުމާއި ހަތިޔާރުތަކުގެ އަޖުމަ އަމަލީ މައިދާނުގައި ބަލާލުމެވެ. މި ހުރިހާ ކަމެއް ވެސް އެ ހަމަލާތަކުން ވަނީ ހާސިލުކުރެވިފައި ކަމަށް އޭނާ ވިދާޅުވިއެވެ.

އީރާނުގެ ރައީސް އިބްރާހީމް ރައީސީ ވަނީ އިސްރާއީލުން ކުޑަ ހަމަލާއެއް އީރާނަށް ދިނަސް އެކަމަށް އީރާނުން އިސްރާއީލުގެ ކިބައިން ވަރުގަދައަށް ބަދަލުހިފާނެކަމަށް ވިދާޅުވެފައެވެ. ރައީސީ މިހެން ވިދާޅުވީ ގަތަރުގެ އަމީރު ޝައިޚް ހަމަދު ބިން ތަމީމަށް ކުރެއްވި ފޯން ކޯލެއްގައެވެ.

އިސްރާއީލު މިހާތަނަށް މެދުއިރުމަތީގައި ގެންގުޅުނީ އިސްރާއީލު ބޭނުންވާ ގައުމަކަށް އިސްވެ ހަމަލާ ދިނުމަށްފަހު ފިލާ އުސޫލެވެ. އިސްރާއީލުން ގައުމަކަށް ހަމަލާދިނަސް އޭގެ ރައްދު އިސްރާއީލަށް ނުދެވޭގޮތަށް އެ ގައުމެއް ފުނޑާލާނެކަމުގެ ބިރު ދައްކައިގެން އިސްރާއީލަށް ރައްދު ނުދެވޭ ދިފާއީ އުސޫލެކެވެ. ނަމަވެސް ހޮނިހިރު ދުވަހު އީރާނުން ވަނީ އިސްރާއީލަށް ރައްދު ހަމަލާތަކެއް ދީގެން މި ހާލަތު ބަދަލުކޮށްލާފައެވެ.

އިސްރާއީލުގެ ހަނގުރާމައިގެ ކެބިނެޓުންވަނީ އީރާނުގެ ހަމަލާއާ ގުޅިގެން އެ ގައުމަށް ރައްދު ދިނުމަށް ނިންމާފައެވެ. ނަމަވެސް އެމެރިކާއިން ވަނީ އީރާނަށް ރައްދު ނުދިނުމަށް އެދި އިސްރާއީލަށް އިލްތިމާސްކޮށްފައެވެ. އެއީ، އެކަމުގެ ސަބަބުން ސަރަހައްދީ ހަނގުރާމައެއް ފެށިދާނެކަމުގެ ބިރު އޮވެފައި އެއީ އެމެރިކާގެ މަސްލަހަތަށް ގެއްލުންވާނެ ކަމަކަށްވާތީއެވެ. ނަމަވެސް އިސްރާއީލުގެ މަސްއޫލުވެރިން ގެންދަނީ އީރާނަށް ރައްދު ދޭނެކަމަށް ބުނެ އިންޒާރުތައް ދެމުންނެވެ.

comment ކޮމެންޓް