ފަލަސްތީނު މީހުން ހައްޔަރުނުކޮށް، މަރާލަން އިސްރާއީލުން ގޮވާލައިފި

އިސްރާއީލުގެ ގައުމީ ސަލާމަތާބެހޭ ވަޒީރު އިޓަމާ ބެން ގްވީރު -- ފޮޓޯ/މިޑްލް އީސްޓް މޮނިޓާ

އިސްރާއީލުން ފަލަސްތީނުގެ ޣައްޒާއަށް ދެމުންގެންދާ ހަމަލާތަކުގައި ފަލަސްތީނު މީހުން ހައްޔަރުކޮށްފައި ބޭއްތިބުމުގެ ބޭނުމެއްނެތް ކަމަށާއި އެ މީހުން މަރާލަން ޖެހޭ ކަމަށް އިސްރާއީލުގެ ހަރުކަށި، ގައުމީ ސަލާމަތާ ބެހޭ ވަޒީރު އިޓަމާ ބެން ގްވީރު ވިދާޅުވެއްޖެއެވެ.

މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ ހަތްވަނަ ދުވަހުން ފެށިގެން ކުރަމުން އަންނަ ހަނގުރާމައިގައި ފަލަސްތީނުގެ 30،000 އަށްވުރެ ގިނަ މީހުން ވަނީ ޝަހީދުކޮށްލައިފައެވެ.

"އެހާ ގިނަ ބަޔަކު ހައްޔަރު ކުރަނީ ކީއްކުރަން؟ އެއްބައި މީހުން މަރާނުލެވޭނެތަ؟ އެހާ ގިނަ ބަޔަކު ހައްޔަރުކުރުމުން އަޅުގަނޑުމެން ކުރާނީ ކޮންކަމެއް؟ އެއީ ސިފައިންނަށް ނުރައްކާތެރި ކަމެއް," އިސްރާއީލުގެ އަސްކަރިއްޔާގެ ވެރިޔާއާ ބެން ގްރިވް ސުވާލުކުރެއްވި ކަމަށް ޓައިމްސް އޮފް އިސްރާއީލުން ރިޕޯޓުކޮށްފައިވެއެވެ.

ބެން ގްރިވް އެގޮތަށް ވިދާޅުވެފައިވަނީ ފަލަސްތީނުގެ އެތައް ބަޔަކު އަމިއްލައަށް އިސްރާއީލު އަސްކަރިއްޔާއާ ހަވާލުވެފައިވާ ކަމަށް ޣައްޒާގައި ހިންގާ އަސްކަރީ އޮޕަރޭޝަނާ ބެހޭ ގޮތުން ސަލާމަތީ ކެބިނެޓް ބައްދަލުވުމުގައި ބައިވެރިވި ވަޒީރުންނަށް މައުލޫމާތު ދިނުމުންނެވެ.

އިސްރާއީލުގެ ޖަލުތަކުގައި ބަންދުކޮށްފައިތިބި ފަލަސްތީނުގެ ގައިދީންނަށް މަރުގެ އަދަބު ދިނުމަށް ވެސް ބެން ގްވިރް ވަނީ ދާދި ފަހުން ގޮވާލައިފައެވެ. އަދި، އިސްރާއީލު ސިފައިން ހިމާޔަތް ކުރުމަށްޓަކައި ޣައްޒާގެ އަންހެނުންނާއި ކުޑަކުދިންނަށް ބަޑި ޖަހައި މަރާލަން ވެސް އޭނާ ވަނީ ޑިމާންޑްކޮށްފައި ކަމަށް ރިޕޯޓްތައް ބުނެއެވެ.

ބެން ގްވީރަކީ ޓެރަރިސްޓް އަމަލުތަކުގެ ސަބަބުން އިސްރާއީލުން 1998 ވަނަ އަހަރު މަނާކުރި އަދި އެމެރިކާއިން ޓެރަރިސްޓް ޖަމާއަތެއްގެ ގޮތުގައި ކަނޑައަޅާފައިވާ ނަސްލީ ތަފާތުކުރުން ގެންގުޅޭ ކަހާނޭ ހަރަކާތުގެ ކުރީގެ މެންބަރެކެވެ.

ކުރިން 2007 ވަނަ އަހަރު އޭނާގެ މައްޗަށް ވަނީ ނަސްލީ ތަފާތުކުރުމާއި ޓެރަރިސްޓް ޖަމާއަތަކަށް ތާއީދުކުރުމުގެ ކުށް ވެސް ސާބިތުވެފައެވެ.

comment ކޮމެންޓް