މަޖިލީސް އިންތިޚާބުގެ ވޯޓުލާ ވަގުތު 5:30 އާ ހަމައަށް އިތުރުކޮށްފި

ރިޔާސީ އިންތިޚާބުގެ ވޯޓުލުން ކުރިއަށްދަނީ: މިހާތަނަށް 70 ޕަސެންޓް މީހުން ވަނީ ވޯޓުލާފަ -- ސަން ފޮޓޯ/ އިބްރާހީމް ޝަމްވީލް

އަންނަ އާދިއްތަ ދުވަހު އޮންނަ 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ވޯޓުލާ ވަގުތު 5:30 އާ ހަމައަށް އިތުރުކުރަން އިލެކްޝަންސް ކޮމިޝަން (އީސީ)ން މިއަދު ނިންމައިފިއެވެ.

ވޯޓުލާ ދުވަހު މޫސުން ގޯސްވެދާނެ ކަމަށް ބަލައި، ވޯޓުލާ ވަގުތު އިތުރުކުރަން ސިޔާސީ ޕާޓީތަކާ އެކު އިއްޔެ ބޭއްވި މަޖިލީސް އިންތިޚާބުގެ ގައުމީ ލަފާދޭ ކޮމިޓީގައި ވަނީ މަޝްވަރާކޮށްފައެވެ. ޕާޓީތަކުންނާއި މިނިވަން މުއައްސަސާތަކުން ވެސް ތާއީދު ކުރީ ވޯޓުލާ ވަގުތު އިތުރު ކުރުމަށެވެ. އަދި ވިއްސާރަ ނޫންނަމަ މި ދުވަސްވަރަކީ ހޫނު ގަދަ ދުވަސް ވަރަކަށް ވެސް ވުމުން ވޯޓުލާ ވަގުތު އިތުރުކުރަން ފެންނަ ކަމަށް ލަފާދޭ ކޮމިޓީގެ މެންބަރުން ވަނީ ބުނެފައެވެ.

އީސީން މިއަދު ބޭއްވި ބައްދަލުވުމެއްގައި ވަނީ ލަފާދޭ ކޮމިޓީގެ ލަފަޔާ އެއްގޮތަށް މަޖިލީސް އިންތިޚާބުގެ ވޯޓުލާ ވަގުތު 8:00 އިން 5:30 އާ ހަމައަށް އިތުރުކުރާށެވެ. ކުރިން ނިންމާފައި އޮތީ 8:00 އާއި 4:00 އާ ދޭތެރޭ ވޯޓުލާ ގޮތަށެވެ.

ވޯޓުލާ ވަގުތު އިތުރުނުކޮށް، އާދިއްތަ ދުވަހު ވިއްސާރަ ވެއްޖެ ނަމަ ވޯޓުލާ މީހުންގެ އަދަދު ދަށްވެދާނެކަމުގެ ކަންބޮޑުވުން ވެސް ލަފާދޭ ކޮމިޓީގެ މެންބަރުން އިއްޔެ ފާހަގަކުރިއެވެ.

އާދިއްތަ ދުވަހު އޮންނަ 20 ވަނަ މަޖިލީސް އިންތިޚާބުގައި މަޖިލީހުގެ ޖުމުލަ 93 ދާއިރާއަކަށް މެންބަރުން ހޮވާނެއެވެ. އެ އިންތިޚާބުގައި ޖުމުލަ 368 ކެންޑިޑޭޓުން ވާދަކުރާއިރު، އެންމެ ގިނަ ކެންޑިޑޭޓުން ވާދަކުރަނީ އިދިކޮޅު އެމްޑީޕީންނެވެ. ދެވަނައަށް އެންމެ ގިނަ ކެންޑިޑޭޓުން ވާދަކުރަނީ ވެރިކަން ކުރާ ޕީޕީއެމް/ޕީއެންސީ ކޯލިޝަނުންނެވެ.

މަޖިލީސް އިންތިޚާބާ ގުޅޭ އެންމެ ފަހުގެ ތައްޔާރީތައް ވަމުން އަންނައިރު، މިއަދު ފަތިހު ވަނީ ވޯޓުލާ މަރުކަޒުތަކަށް ފޮނުވަންޖެހޭ ތަކެތި ވެސް ފޮނުވަން ފަށައިފައެވެ. އެގޮތުން، ށ، ނ، ރ، ބ، އަދި ޅ އަތޮޅަށް ބޭނުންވާ ތަކެތި މިއަދު ވަނީ ފޮނުވާފައެވެ.

comment ކޮމެންޓް