ބޮޑެތި ތަރިންނާ އެކު މުސްލިމް ފިލްމު ފެސްޓިވަލެއް

އޮސްކާ ކާމިޔާބު ކުރި މުސްލިމް އެކްޓަރު ރިޒް އަހުމަދު މި ފެސްޓިވަލުގައި ބައިވެރިވުމަށް ވަނީ ހަމަޖެހިފައި

ހޮލީވުޑްގެ ބޮޑެތި ޕްރޮޖެކްޓުތަކުން ފެނިގެން ގޮސްފައިވާ ތަރީންނާ އެކު މުސްލިމުންނަށް ހާއްސަކޮށްގެން ފިލްމު ފެސްޓިވަލެއް ފެށުމަށް އިއުލާނުކޮށްފިއެވެ.

އިނގިރޭސިވިލާތުގައި ބޭއްވުމަށް ހަމަޖެހިފައިވާ މި ފިލްމު ފެސްޓިވަލަކީ އެ ސަރަހައްދުގައި ބޭއްވުމަށް ހަމަޖެހިފައިވާ މި ޒާތުގެ ފުރަތަމަ ފެސްޓިވަލެވެ. އިއްޔެ އިއުލާނުކޮށްފައިވާ މި ފިލްމު ފެސްޓިވަލަކީ މުސްލިމް އެކްޓަރުންނާއި ޑިރެކްޓަރުން އަދި ޕްރޮޑިއުސަރުންނަށް ސިނަމާގެ ފުރުސަތުތައް ހޯދައިދިނުމަށް ކުރިއަށް ގެންދާ ފެސްޓިވަލެކެވެ.

މި ފެސްޓިވަލްގެ ހެޑްލައިންގައި ހިމެނެނީ އޮސްކާ އެވޯޑު ހޯދާފައިވާ މަގުބޫލު މުސްލިމް އެކްޓަރު ރިޒް އަހުމަދެވެ. ރިޒް ވަނީ 2022 ވަނަ އަހަރު ނެރުނު ކުރު ފިލްމެއް ކަމަށްވާ "ދަ ލާސްޓް ގުޑްބާއި"އާ އެކު އޮސްކާ ކާމިޔާބުކޮށްފައެވެ. އަދި، އޭގެ އިތުރުން 2021 ވަނަ އަހަރު ނެރުނު ފިލްމު "ސައުންޑް އޮފް މެޓަލް"އާ އެކު ރިޒް ވަނީ ލީޑް ރޯލުން އެކްޓަރުގެ ރޯލަށް ނޯމިނޭޓް ވެސް ވެފައެވެ.

މި ފެސްޓިވަލްގައި ރިޒް ފެނިގެންދާ ފިލްމެއް ކަމަށްވާ "ދަންމި" ދެއްކުމަށް ވަނީ ހަމަޖެހިފައެވެ. އަދި، ހަމައެއާއެކު އެ މުޅި ފެސްޓިވަލްގައި އޭނާ ބައިވެރިވުމަށް ވަނީ ހަމަޖެހިފައެވެ.

ރިޒް އަހުމަދުގެ އިތުރުން ވެސް މުސްލިމް އެކްޓަރުންނާއި ޑިރެކްޓަރުން އަދި ޕްރޮޑިއުސަރުންގެ އިތުރުން ސިނެމެޓޮގްރަފަރުންގެ އުފެއްދުންތައް މި ފި ފެސްޓިވަލުން ފެނިގެންދާނެއެވެ.

ފެސްޓިވަލްގެ ޑިރެކްޓަރު ސާޖިދު ވަރުދާ ބުނާގޮތުގައި މެއިންސްޓްރީމް މީޑީއާތަކުގައި މުސްލިމުން ސިފަކުރާ ގޮތް ވަރަށް ގޯހެވެ. އަދި، އެ ވިސްނުން ބަދަލުކޮށް އެއަށްވުރެ ރަނގަޅު ނަޒަރަކުން މުސްލިމުން ދެއްކުން މުހިއްމު ކަމުގައި ސާޖިދު ފާހަގަކުރިއެވެ.

އެއާއެކު ފިލްމު ފެސްޓިވަލުން ފެނިގެންދާނީ މުސްލިމުންގެ ހުނަރުތައް ކަމާއި މިއީ ހުޅަނގުގައި މުސްލިމުންނާ ދޭތެރޭ ދެކޭގޮތް ބަދަލުކޮށްލުމަށް ލިބޭ ފުރުސަތެއް ކަމުގައި އޭނާ ބުންޏެވެ.

މި ފެސްޓިވަލު ކުރިއަށްދާނީ އަންނަ މަހުގެ 30 އިން ޖޫން މަހުގެ ދެވަނަ ދުވަހުގެ ނިޔަލަށް، ލަންޑަނުގައެވެ.

comment ކޮމެންޓް