އެހީގެ ގޮތުގައި ވީކެންޑްގެ ފަރާތުން ގާޒާއަށް އިތުރު ދެ މިލިއަން ޑޮލަރު

މި ވަގުތު މިއުޒިކް އިންޑަސްޓްރީގެ އެންމެ ބޮޑު އެއް ލަވަކިޔުންތެރިޔާ ކަމަށްވާ އަބެލް ތެސްފެޔަ ނުވަތަ "ދަ ވީކެންޑް"، ގާޒާގެ ރައްޔިތުންނަށް ކާބޯތަކެތި ފޯރުކޮށްދިނުމަށްޓަކައި ފައިސާ އެހީގެ ގޮތުގައި އިތުރު ދެ މިލިއަން ޑޮލަރު ހަދިޔާކުރަން ނިންމައިފިއެވެ.

ވީކެންޑުގެ ނަމުގެ ބަދަލުގައި މިހާރު އަބެލްގެ ނަން ބޭނުންކުރަން ފަށާފައިވާ ލަވަކިޔުންތެރިޔާ ވަނީ މީގެ ކުރީން ވެސް ގާޒާގެ ރައްޔިތުންނަށް ކާބޯތަކެތި ފޯރުކޮށްދިނުމަށް ބޮޑު އެހީއެއް ދީފައެވެ. އެގޮތުން މީގެ ކުރީން އޭނާ ވަނީ 2.5 މިލިއަން ޑޮލަރުގެ ބޮޑު އެހީއެއް ދީފައެވެ.

ގާޒާގެ ރައްޔިތުންނަށް އެހީތެރިވުމަށްޓަކައި އަބެލް ވަނީ ވޯލްޑް ފުޑް ޕްރޮގްްރާމަށް ފައިސާ ހަދިޔާކުރާނެ ކަމަށް ބުނެފައެވެ. މި ފައިސާ އަކީ އަބެލްގެ "އެކްސްއޯ" ހިއުމެނިޓޭރިއަން ފަންޑުން ދޭ ފައިސާއެވެ.

މިކަމާ ގުޅިގެން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ އަބެލް ހަދިޔާކުރާ ފައިސާއަކީ ގާޒާގެ ރައްޔިތުންނަށް 1،500 މެޓްރިކް ޓަނުގެ ގޮދަން ފުށް ފޮނުވުމަށްޓަކައި ދެވޭ ފައިސާ ކަމަށެވެ. އެއީ، ގާތްގަނޑަކަށް 18 މިލިއަން ޕާން ކަމަށާއި މިއީ ފަލަސްތީނުގެ 157،000 ރައްޔިތުންނަށް މަހެއްގެ މުއްދަތަށް ކާން ދެވޭނެ ވަރުގެ އަދަދެއް ކަމަށް ވެސް އެ ބަޔާނުގައި ބުނެފައިވެއެވެ.

ކުރިން ހަދިޔާކުރި ފައިސާއިން ހަތަރު މިލިއަން ޕާރުސަލްގެ ކާނާ ފޮނުވާފައިވެއެވެ. އެއީ، 173،000 މީހުންނަށް ދެ ހަފުތާގެ ކެއުމެވެ.

އަބެލް އަކީ ވޯލްޑް ފުޑް ޕްރޮގްރާމްގެ ގުޑްވިލް އެމްބެސެޑަރެކެވެ. އޭނާ އެ މަގާމަށް ހަމަޖައްސާފައިވަނީ 2021 ވަނަ އަހަރުއެވެ. އެއަށް ފަހު އޭނާ ވަނީ މީގެ ކުރީން 1.8 މިލިއަން ޑޮލަރުގެ ފައިސާގެ އެހީ މި ޕްރޮގްރާމަށް ފޮނުވާފައެވެ. އެ ފައިސާއަކީ އޮކްޓޯބަރު މަހުގައި އިޒްރޭލުން ދޭން ފެށި ހަމަލާތަކުގެ ކުރީން ހަދިޔާކޮށްފައިވާ ފައިސާއެވެ. މި ފައިސާ ހަދިޔާ ކޮށްފައިވަނީ ކޮން ބަޔަކަށް ކަމެއް ހާމަކޮށްފައެއް ނުވެއެވެ.

comment ކޮމެންޓް