މިނިސްޓަރާއި ފުލުހުންގެ ވެރިންތަކެއް ފަނޑިޔާރުންނަށް ނުފޫޒު ފޯރުވިކަމަށް ކްރިމިނަލް ކޯޓުން ތުހުމަތުކޮށްފި

ހޯމް މިނިސްޓަރު އަލީ އިހުސާން -- ފޮޓޯ/ މަޖިލިސް

ދާޚިލީ ސަލާމަތާއި ފަންނިއްޔަތާ ބެހޭ ވަޒީރު ޢަލީ އިޙުސާނާއި، ދިވެހި ފުލުހުންގެ ޚިދުމަތުގެ އިސްވެރިންތަކެއް ކްރިމިނަލް ކޯޓުގެ ގާޒީންނަށް ނުފޫޒު ފޯރުވަން މަސައްކަތްކުރި ކަމަށް އެ ކޯޓުން މިއަދު ތުހުމަތުކޮށްފިއެވެ.

ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް، އެ ތަކެތީގެ ވިޔަފާރި ފުޅާ ދާއިރާއެއްގައި ކުރާ ކަމަށް ތުހުމަތުކުރެވޭ މީހުންތަކެއް ކްރިމިނަލް ކޯޓުން ދޫކޮށްލުމާ ގުޅިގެން ފުލުހުން މި މަހު ހަތަރުވަނަ ދުވަހު ވަނީ ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވައި، އެ މައްސަލައިގައި ވަރަށް ގިނަ ތަފުސީލުތައް ހާމަކޮށްފައެވެ.

ކްރިމިނަލް ކޯޓުން މިއަދު ބުނީ، ދާޚިލީ ސަލާމަތާ ބެހޭ ވަޒީރު އިހުސާނާއި ފުލުހުންގެ ޚިދުމަތުގެ ޗީފް ސުޕްރިޓެންޑެންޓް އަޙްމަދު ޝާކިރާއި ޗީފް އިންސްޕެކްޓަރު އަޙްމަދު ވަހީދު އަދި ސަބްއިންސްޕެކްޓަރު މަމްދޫޙް ޙަސަން، ފަނޑިޔާރުންނަށް ނުފޫޒު ފޯރުވުމާއި، ފަނޑިޔާރުންގެ ސަލާމަތާއި ރައްކާތެރިކަން ގެއްލުވާލައި، ކޯޓު ހުރުމަތް ކެނޑާފައިވާ ކަމަށެވެ.

އެހެންވެ، އެ މައްސަލައާ މެދު ގޮތެއް ނިންމަން ބުރާސްފަތި ދުވަހުގެ 13:00 އަށް ގާޒީންގެ ކުއްލި މަޖިލީހެއް އެޖެންޑާކޮށްފައިވާ ކަމަށް އެ ކޯޓުން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ވަނީ ބުނެފައެވެ.

ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ބައިވެރިވީ ފުލުހުންގެ އިސްވެރިން -- ފޮޓޯ/ ދައުރު

މީގެ ތިން އަހަރު ކުރިން، 2021ވަނަ އަހަރުގެ ޑިސެމްބަރު، 12 ވަނަ ދުވަހު ރާއްޖެއަށް 119 ކިލޯގެ މަސްތުވާތަކެތި އެތެރެކޮށް ވިޔަފާރިކުރި ހަތަރު މީހުން އެ މަސްތުވާތަކެތި އެތެރެކޮށް ވިއްކުމަށް ކުރި މަސައްކަތް ފުލުހުން ހާމަކޮށް، އެ މައްސަލައިގައި ހިމެނޭ ގިނަ މީހުން ދޫކޮށްލުމާ ގުޅިގެން ނުރުހުން ފާޅުކުރިއެވެ.

https://sun.mv/190572

އެ މައްސަލައިގައި ފުލުހުން ތިން މީހެއްގެ މައްޗަށް ދައުވާ އުފުލި ނަމަވެސް ކުށް ސާބިތުވެފައިވަނީ އެންމެ މީހެއްގެ މައްޗަށެވެ.

އެހެންވެ، ފުލުހުން ވަނީ ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވައި އެ މައްސަލައިގައި ހިމެނޭ މީހުން މަސްތުވާތަކެތި އެތެރެކުރަން ކުރި މަސައްކަތް ފެންނަ ސީސީޓީވީ ފުޓޭޖުތައް އާންމުކޮށްފައެވެ. އެ ވީޑިއޯތަކާ އެކު ފުލުހުން ވަނީ ވަރަށް ތަފުސީލުކޮށް، ގިނަ ހެކިތަކަކާ އެކު އެ މީހުން މަސްތުވާތަކެތި އެތެރެކުރި ކަމަށް ތުހުމަތުކުރެވޭ ގޮތް ކިޔައިދީފައެވެ.

އެ މައްސަލައިގައި ހިމެނޭ ބަޔަކު މިނިވަންވުމުން ފުލުހުން ކަންބޮޑުވުން ފާޅުކުރިއެވެ. ފުލުހުން ގަބޫލުކުރާ ގޮތުގައި މައްސަލައިގައި ހިމެނޭ އެންމެންގެ މައްޗަށް ކުށް ސާބިތުވާ މިންވަރަށް ހެކި ހުއްޓެވެ.

އެ މައްސަލައިގައި ދައުލަތުން ދައުވާކުރީ ގދ. ހޯނޑެއްދޫ އަލޯރާ އަހުމަދު މުޖާހިދާއި އެ ރަށު އިރުމަތީގޭ އަހުމަދު ސުނައިނުގެ އިތުރުން އެ ރަށު ގުލޭނޫރަންމާގޭ އަލީ ޒުބައިރުގެ މައްޗަށެވެ. ކުށް ސާބިތުވީ ޒުބައިރުގެ މައްޗަށް އެކަންޏެވެ. އޭނާ އުމުރަށް ޖަލަށްލާން ވަނީ ހުކުމްކޮށްފައެވެ.

comment ކޮމެންޓް