އެއްވަނައަށް އަރަން ލިބުނު ފުރުސަތު ބޭކާރުވެ، އާސެނަލްއަށް މާޔޫސްކަން

އިނގިރޭސި ޕްރިމިއާ ލީގު މި ސީޒަންގައި ކާމިޔާބުކުރުމަށް މަސައްކަތްކުރަމުން އަންނަ އާސެނަލް، އެސްޓަން ވިލާ އަތުން ބަލިވެ، ލީގު ކާމިޔާބުކުރަން ކުރަމުންދާ މަސައްކަތަށް ހުރަސްތަކެއް ކުރިމަތިވެއްޖެއެވެ.

އާސެނަލްގެ ދަނޑުގައި ރޭ ކުޅުނު މެޗު ވިލާއިން ކާމިޔާބު ކޮށްފައިވަނީ 2-0 އިންނެވެ.

މި މެޗާ ކުރިމަތިލީއިރު ލީގަށް އާސެނަލާ އެންމެ ގާތުން ވާދަކުރާ ދެ ޓީމުގެ ތެރެއިން އެންމެ ފަހުގެ ޗެމްޕިއަން މެންޗެސްޓާ ސިޓީ 5-0 އިން ލޫޓަން ޓައުން ބަލިކޮށް ލީގުގެ އެއްވަނައިގައި ދެ ޕޮއިންޓްގެ ލީޑެއް ނެގިއިރު ލިވަޕޫލް ވަނީ އަމިއްލަ ދަނޑުގައި ކްރިސްޓަލް ޕެލަސްއާ ބައްދަލުކުރި މެޗުން 1-0 އިން ބަލިވެފައެވެ. އެހެންކަމުން މި މެޗުން އާސެނަލް މޮޅުވިނަމަ ތާވަލުގެ އެއްވަނައިގައި އެއް ޕޮއިންޓްގެ ލީޑެއް ލިބިގެންދިޔައީހެވެ.

ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ އާސެނަލުންނެވެ. ނަމަވެސް މެޗުގައި އާސެނަލަށް ވަނީ ވިލާގެ ޑިފެންސް ފޫއަޅުވާލުމުގައި ގިނަ ދަތިތަކަކާ ކުރިމަތިލާން ޖެހިފައެވެ. މިއީ މި ސީޒަންގައި މިހާތަނަށް އެ ޓީމަށް ކުރިމަތިވި ކަމެއް ނޫނެވެ. އަދި، އާސެނަލްގެ ޑިފެންސް ފޫއަޅުވާލުން ވެފައިވަނީ ގިނަ ޓީމުތަކަށް ވަރަށް އުނދަގޫ ކަމަކަށެވެ.

މެޗުގައި އާސެނަލް ފެނިގެންދިޔައީ އެ ޓީމަށް ކުރިމަތިވެފައިވި ޕްރެޝަރާ ކުރިމަތިލުމުގައި ކުޅުންތެރިންނަށް ހިފަހައްޓައިލަން ދަތިވެގެން އުޅުނު މަންޒަރެވެ. ނަތީޖާއަކަށް ވެގެންދިޔައީ ތާވަލުގެ ހަތަރުވަނަ މަގާމު ހާސިލުކުރަން މަސައްކަތް ކުރަމުން އަންނަ ވިލާއަށް އެ ޓީމުން ކުޅެން ބޭނުންވި ގޭމް މި މެޗުގައި ކުޅެން ފަސޭހަ ވެގެންދިއުމެވެ.

އާސެނަލުން ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފެއްދި ނަމަވެސް ވިލާއިން ކައުންޓާ އެޓޭކްގައި އަރާ ކޮންމެ ބޯޅައެއް ވެސް އާސެނަލަށް ނުރައްކާ ވަމުންދިޔަތަން ފެނިގެންދިޔައެވެ. މެޗުގައި ވިލާއިން ކާމިޔާބުކުރި ފުރަތަމަ ލަނޑު މެޗުގެ 84 ވަނަ މިނެޓުގައި ޖަހައިދިނީ ލިއޮން ބެއިލީއެވެ. ދެވަނަ ލަނޑު އޭގެ ތިން މިނެޓު ފަހުން ޖަހައިދިނީ އޮލީ ވޮޓްކިންސްއެވެ.

މި ކާމިޔާބީއާ އެކު ވިލާ މިހާރު އުޅެނީ ކުޅުނު 33 މެޗުން ލިބިފައިވާ 63 ޕޮއިންޓާ އެކު ތާވަލުގެ ހަތަރު ވަނައިގައެވެ. އަދި، އާސެނަލް އުޅެނީ 32 މެޗުން ލިބިފައިވާ 71 ޕޮއިންޓާ އެކު ތާވަލުގެ ދެވަނައިގައެވެ. އެއްވަނައިގައި ސިޓީ އޮތީ 73 ޕޮއިންޓާ އެކުއެވެ. ތިންވަނައިގައި އޮތް ލިވަޕޫލަށް ވެސް ލިބިފައިވަނީ 71 ޕޮއިންޓެވެ.

comment ކޮމެންޓް