އާސެނަލުން ސްޕާސް ބަލިކޮށް އެއްވަނަ މަގާމް ދިފާއުކޮށްފި

ސްޕާސްގެ މައްޗަށް ހޯދުނު ކާމިޔާބީއަށްފަހު އާސެނަލްގެ ކުޅުންތެރިން އުފާފާޅު ކުރަނީ / ފޮޓޯ: ދި ޓެލެގްރާފް

އިންގްލިޝް ޕްރިމިއާ ލީގުގައި ތާވަލްގެ އެއްވަނައިގާ އުޅޭ އާސެނަލާއި ވާދަވެރި ޓޮޓްނަމް ހޮޓްސްޕާ ބައްދަލުކުރި މެޗު އާސެނަލުން ކާމިޔާބުކޮށް ތާވަލްގެ އެއްވަނަ މަގާމު ދިފާއު ކޮށްފިއެވެ.

ސްޕާސްގެ ދަނޑުގައި ކުޅުނު މި މެޗު އާސެނަލުން ކާމިޔާބު ކޮށްފައިވަނީ 2-3ގެ ނަތީޖާއަކުންނެވެ.

ދެ ޓީމުގެ ފަރާތުން ވާދަވެރި އަދި ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ ސްޕާސްއިންނެވެ.

ނަމަވެސް މިއާއެކު ވެސް މެޗުގެ ފުރަތަމަ ހާފުގައި ރަނގަޅަށް ކުޅެފައިވަނީ އާސެނަލުންނެވެ. މިގޮތުން އާސެނަލުން ވަނީ މިހާފުގައި ތިން ލަނޑުގެ ލީޑެއް ނަގައިފައެވެ. މި މެޗުގެ ފުރަތަމަ ލަނޑު ޖަހައި މެޗުގެ ލީޑު އާސެނަލުން ނަގާފައިވަނީ މެޗުގެ 15 ވަނަ މިނެޓުގައެވެ.

ނަމަވެސް މި ލަނޑަކީ ސްޕާސްގެ ޕިއޭ އެމީލް ހޮއިބާގު އަތުން ބައިކޮޅަށް ވަން ލަނޑެކެވެ. އަދި މިލަނޑު ޖެހިތާ 12 މިނެޓު ފަހުން އާސެނަލަށް ލީޑު ފުޅާކޮށްދިނީ ބުކާޔޯ ސާކާ ޖަހައިދިން ލަނޑުންނެވެ.

މީގެއިތުރުން މެޗުގެ 38 ވަނަ މިނެޓުގައި ކައި ހަވާޓްޒް ޖަހައިދިން ލަނޑާއެކު މި މެޗުގައި އާސެނަލުން 3 ލަނޑުގެ ލީޑެއް ނެގިއެވެ. މިއާއެކު މި މެޗު ވަރަށް ފަސޭހަ ކަމާއެކު އާސެނަލް ކާމިޔާބު ކުރާނެކަމަށް ގިނަ ބަޔަކަށް ހީވެގެންދިޔައެވެ.

މި މެޗުގެ ދެވަނަ ހާފަށް ސްޕާސްއިން ނިކުތީ ފުރަތަމަ ހާފުގައި ހެދުނު ގޯސްތައް ރަނގަޅުކޮށް މެޗުން ނަތީޖާއެއް ނެރުމުގެ އަޒުމާއެކުއެވެ. އެ ޓީމުން ކުރަމުންދިޔަ މަސައްކަތަށް ހިތްވަރެއް ލިބިގެންދިޔައީ އާސެނަލްގެ ކީޕަރަށް ފަހަތުގައި ހެދުނު ގޯހެއްގެ ފައިދާ ނަގާ ކްރިސްޓިއަން ރޮމޭރޯ ޖަހައިދިން ލަނޑާއެކުއެވެ.

މި ލަނޑާއެކު ސްޕާސްއިން އިތުރު ލަނޑެއް ޖެހުމަށް މަސައްކަތް ކުރަމުންދިޔައިރު އާސެނަލުން ދިޔައީ ލިބިފައިވި ލީޑު ދެމެހެއްޓޭތޯ މަސައްކަތް ކުރަމުންނެވެ. ސްޕާސްއިން ކުރަމުންދިޔަ މަސައްކަތުގެ ނަތީޖާ އަކަށް ވެގެންދިޔައީ މެޗު ނިމެން ތިން މިނެޓަށް ވެފައިވަނިކޮށް އެޓީމަށް ޕެނަލްޓީ އެއް ލިބި ދެޓީމުގެ ދެމެދުގައިވާ ފަރަގު އިތުރަށް ކުޑަކުރުމަށް ފުރުސަތު ލިބިގެންދިއުމެވެ.

މި ޕެނަލްޓީ އެޓީމަށް ކާމިޔާބުކޮށްދިނީ ކެޕްޓަން ސޮން ހެއުން މިންއެވެ. މިލަނޑުގެ ސަބަބުން މެޗުގެ ފަހު ވަގުތު ކޮޅުގެ ފޯރި އިތުރަށް ގަދަވެގެން ދިޔަ ނަމަވެސް އިތުރު ލަނޑެއް ފެންނަ ގޮތެއްނުވިއެވެ.

މި ނަތީޖާގެ ސަބަބުން އާސެނަލް މިހާރު އުޅެނީ ކުޅުނު 35 މެޗުން ލިބިފައިވާ 80 ޕޮއިންޓާއެކު ތާވަލްގެ އެއްވަނައިގައެވެ. އަދި ދެވަނައިގައި އުޅޭ އެންމެ ފަހުގެ ޗެމްޕިއަން މެންޗެސްޓާ ސިޓީއުޅެނީ 34 މެޗުން ލިބިފައިވާ 79 ޕޮއިންޓާއެކު އާސެނަލަށް ވުރެ އެއް ޕޮއިންޓް ފަހަތުގައެވެ. އަދި މި މެޗުން ބަލިވުމުން ސްޕާސް މިހާރު އުޅެނީ 33 މެޗުން ލިބިފައިވާ 60 ޕޮއިންޓާއެކު ތާވަލްގެ ފަސް ވަނައިގައެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު